މާދަމާ ރެއިން ފެށިގެން މާލޭ ސަރައްހައްދުގެ ކެފޭތަކާއި ރެސްޓޯރެކްޓްތައް އާންމުންނަށް ބަނދުކުރަން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ މެންދަމު 12 އިން ފެށިގެން މާލޭގައި ހިންގަމުންދާ ކެފޭ ރެސްޓޯރެންޓުތަކާއި، އެތަންތަނުން ދެމުންދާ ހުރިހާ ޚިދުމަތްތައް ބަންދުވާނެކަމަށެވެ.

އެކަމަކު ޓޭކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކުމަށް އެއްވެސް ހުރަހެއް ނެތްކަމަށާ ކަމާ ގުޅޭ އިތުރު މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިއްސާކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި، ޝީޝާގެ ޚިދުމަތްދިނުން ވެސް ސަރުކާރުން މިހާރު ވަނީ މަނާކޮށްފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، 2020 މާޗް 19 ވަނަ ދުވަހުގެރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި، ޝީޝާގެ ޚިދުމަތްދިނުމަކީ މަނާކަމެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ދެމުންދިޔަ ޝީޝާގެ ޚިދުމަތް މިހާރުވަނީ މެދުކަނޑާލާފައެވެ.

އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައި ވެއެވެ.

ޝީޝާ ނުވަތަ ގުޑުގުޑާފަދަ ތަކެތި އެކަކަށްވުރެ ގިނަމީހުން ބޭނުންކުރުމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ރާއްޖެއިންވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން ވައިރަސް ފެތުރިޔަނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އާންމުން ތަންތަނަށް އެއްވެ ނޫޅުމަށް ސިއްހީ ދާއިރާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެދެމުންނެވެ. އަދި މި ދުވަސްވަރު ބޭރުތެރޭގައި ނޫޅެ ގޭގައި މަޑުކުރުމަށް ދަނީ އެދެމުންނެވެ.