ދުނިޔޭގައި ހަލުވިކަމާއެކު ފެރުތެމުންދާ ކޮވިޑް-19 ގެ ސަބަބުން މިމަހުގެ 20 ވަނަ ދުވަހުގެރޭ ބާއްވަން ނިންމާފައިވާ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އަހަރީ ބައްދަލުވުން ފަސްކޮށްފިއެވެ.

އެފްއޭމުން ބުނެފައިވާ ގޮތުގައި ފީފާ އަދި އޭއެފްސީގެ ލަފަޔާ އެއްގޮތަށް އަހަރީ ބައްދަލުވުންވަނީ ފަސްކޮށްފައެވެ. އަދި ބައްދަލުވުން ބާއްވާނީ މިހާރު އޮތް ހާލަތު ރަނގަޅުވުން ކަމަށެވެ. އަދި ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އަންގާނީ ސަރުކާރު ހުޅުވުމުންކަމުގައެވެ.

އެފްޢޭއެމްގެ އަހަރީ ބައްދަލުވުމުގައި އެ އިދާރާގެ އިންތިހާބުވެސް ބޭއްވުމަށް އޮތީ ނިންމާފައެވެ.

އެފްއޭއެމް އިންތިޚާބުގައި 9 ކްލަބުގެ ތާއިދާއެކު ރައީސްކަމަށް ހަމައެކަނި ވާދަކުރާނީ އެފްއޭއެމްގެ މިހާރުގެ ވެސް ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އަދި ބައްސާމްގެ ޓީމުގައި ސީނިއާ ވައިސް ޕްރެސިޑެންޓްގެ މަގާމަށް އަލީ އުމަރު ކުރިމަތިލާފައިވާއިރު ވައިސް ޕްރެސިޑެންޓް އަކަށް ހުސެއިން ޝާފިއު ވަނީ ކުރިމަތިލާފައެވެ. އަދި މެމްބަރު ކަމުގެ މަގާމަށް އަހުމަދު ޝަކީބް، މުހަންމަދު ޝިފާއު، މުފާވިޒް، އައިމިނަތު ޝާނީޒްގެ އިތުރުން އަހުމަދު ނަޝީދު އާއި މުއާވިޔަރު ޙަލީލް ކުރިމަތިލުމަށް ވަނީ ނިންމާފައެވެ.

ބައްސާމަށް ތާއީދުކުރާނެކަން ފުރަތަމަ ޑިވިޝަނުގެ ވޯޓުލެވޭ 6 ކްލަބުން ވަނީ ހާމަކޮށްފައެވެ. އެއީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބު ގްރީން ސްޓްރީޓްސް އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ކްލަބު އީގަލްސް އެވެ. މީގެ އިތުރުން ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޕީކޭ އާއި ޖޭޖޭ ސްޕޯޓްސް ކްލަބުގެ އިތުރުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ކްލަބު ވެލެންސިއާވެސް ވަނީ ބައްސާމަށް ތާއީދުކުރާކަން އިއުލާންކޮށްފައެވެ.