ދިވެހިރާއްޖެ އިސްލާމްވިކަމަށް ބެލެވިފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ.

ރަސްމީގޮތުން ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރާއްޖޭގެ ވަޒަންވެރިން އަޅުކަންކުރަމުން އައި ބުދުދީން ދޫކޮށްލައި ދިވެހިރާއްޖޭގެ އޭރުގެ ކީރިތި މަހާރަދުން ދޮވެމި ކަލަމިންޖާ ސިރީ ތިރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީނަށް ވަންނަވައި، ދިވެހި ދައުލަތުން ރަސްމީގޮތުގައި އިސްލާމްދީން ޤަބޫލުކޮށް، ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަގަށް އެނބުރުނު ދުވަހެވެ.

ރަދުން އިސްލާމްދީނަށް ވެދެވަޑައިގަތް ދުވަސްކަމުގައި ބެލެވޭ ދުވަހަކީ 2 ރަބީޢުލް އާޚިރު 548 ހ. (26 ޖޫން 1153 މ.) ވީ ހުކުރުދުވަސް ކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އޭގެ ފަހުން ދިޔައީ ރާއްޖޭގެ މިސްކިތްތަކުގައި ފަސްވަގުތު ބަންގި ގޮވައި ނަމާދުކުރަމުންނެވެ.

ހުކުރުކުރުން ހުއްދަކޮށްފައި އޮތީ 40 ހަމަވާ ރަށްރަށުގައެވެ.

ފިރިހެނުންގެ 40 މީހުން ރަށުގެ ވަޒަންވެރީންގެ ގޮތުގައި ނެތުމުގެ ސަބަބުން އޭރު ހުކުުރުކޮށް ނޫޅޭއެވެ. އެ ދުވަސްވަރު ރާއްޖޭގެ ރަށްރަށުގައި ހުކުުރު ކުރަނީ އެރަށެއްގެ ރަށްވެެހީންގެ ގޮތުގައި މަދުވެގެން 40 ފިރިހެނުން ހަމަވާ ރަށްރަށުގައި، ހުކުުރުވަގުުތު މަދުވެގެން 40 ފިރިހެނުން މިސްކިތަށް ހާޒިރުވެ ތިބުމުންނެވެ.

ރަށްވެހީންގެ ގޮތުގައި 40 އަށްވުރެ ގިނަ ފިރިހެނުން ރަޖިސްޓްރީވެފައިވާ ރަށްރަށުގައިވެސް ހުކުރުވަގުތު 40 ފިރިހެނުން މިސްކިތަށް ހާޒިރު ނުވެއްޖެނަމަ އެ ދުވަހަކު އެރަށެއްގައި ހުކުުރުނަމާދު ކުރުމުގެ ބަދަލުގައި ކުރަނީ މެންދުރު ނަމާދެވެ.

ކޮންމެ ރަށެއްގައި ހުކުރުކުރެވޭނީ އެންމެ މިސްކިތެއްގައި ކަމަށް އޭރު ކަނޑައަޅާފައި ވަނިކޮށް މިކަން ބަދަލުކޮށް، 05 ޑިސެންބަރު 1958ގައި ފުރަތަމަ ފަހަރަށް ދެ މިސްކިތެއްގައި ހުކުރުކުރެވުނެވެ.

މިދުވަހު ހުކުުރު މިސްކިތުގެ އިތުރުން ހުކުުރު ކުރެވުނީ ދަރުމަވަންތަ މިސްކިތުގައެވެ. ހުކުުރުކުރެއްވީ މުޙައްމަދު ޖަމީލު ދީދީކަމަށް ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

އޭގެ ފަހުން ރާއްޖޭގެ އާބާދީއަށް އައި ބަދަލާއި، މިސްކިތްތައް އިތުރުވެގެން ދިއުމާއިއެކު ރާއްޖޭގެ މިސްކިތްތަކުގައި، ޚާއްސަކޮށް މާލޭގެ ގިނަ މިސްކިތްތަކުގައި ހުކުުރުނަމާދު ކުރަން ފެށިއެވެ.

ރާއްޖެ އިސްލާމްވުމަށްފަހު މިވީ 867 ވަރަކަށް އަހަރުގެ ތެރޭ މާލޭގައި ހުކުރުނަމާދު ޖަމާއަތުގައި ނުކުރާ ދުވަހެއް ނާދެއެވެ.

ނަމަވެސް މިއަދު ތާރީޚުގައި ލިޔެވިގެން މިދިޔައީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ހުކުރު ނަމާދު ނުކުރާ ފުރަތަމަ ދުވަހަށެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުދިޔުމަށް ވަނީ ސަރުކާރުން ރައްޔިތުންނަށް އަންގާފައެވެ.

ބަލި ފެތުރުނަ ނުދިނުމަށްޓަކާ ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުނަމާދުކުރުންވެސް ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން 28 މާރޗްވާ ހޮނިހިރު ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އެއާއި އެކު ބަންގީގައި، ގޭގައި ނަމާދުކުރުމަށް މިހާރު ދަނީ ގޮވާލަމުންނެވެ.

މިއަޑު އިވި ކަރުނައަޅާ ރުއި އެތައް ބަޔަކު މި ޤައުމުގައި ތިބިއިރު މިއަދު ފެނިގެންދިޔައީ އެއަށްވުރެވެސް ހިތްދަތިކަމެއް ގެނުވި މަންޒަރެކެވެ.

އާންމުކޮށް ގިނަބަޔަކު އެއްވާ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުުރުފާނުން އައުޒަމް ނުވަތަ އިސްލާމީ މަރުކަޒު ސަރަހައްދުގައި މިއަދު ހުކުުރު ނަމާދަށް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމަށް އަންގާފައިވިޔަސް ވަކިވަކިން މިސްކިތްތަކަށް ގޮސް ނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ހުރަސްނާޅައެވެ. އެހެންކަމުން ވަކިވަކިން ނަމާދަށް ދިޔަ މަދު ބަޔަކު އެ ސަރަހައްްދުން މިއަދު ފެނިފައި ވެއެެވެ.

އިސްލާމީ މަރުކަޒު ސަރަަހައްދުފެނި، އެތައް ބަޔަކު ދިޔައީ ގޭގައި ތިބެގެން، ސޯޝަލް މީޑިއާ މެދުވެރިކޮށް، ހިތައް އަރަމުންދިޔަ ޝުޢޫރުތައް ބަންޑުން ކުރަމުންނެވެ.

ހުކުރު، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު މިފަދަ ޝިޢާރުތައް ޤާއިމްކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިފައިވާ ޒިންމާއަކަށްވާތީ އިސްލާމިކް މިނިސްޓްރީން ވަނީ، މާލެ، ހުޅުމާލެ، ވިލިމާލެ ރައްޔިތުން މިއަދު ގޭގައި ކުރާނީ 4 ރަކުޢަތް ހިމެނޭ މެންދުރު ނަމާދު ކަމަށް އަންގާފައެވެ.

އާންމުކޮށް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމްގައި ކުރާ ހުކުރުނަމާދު ޓީވީތަކުން ދުރަށް ދެއްކިކަމުގައިވިޔަސް، މިހާރުގެ ޚާއްސަ ހާލަތާ ގުޅިގެން މިއަދު ޓީވީތަކުން ލައިވްކޮށްފައިވަނީ ކ. ހިންމަފުށީ މަސްޖިދުލް ޒިކްރާގައި ކުރެވުނު ހުކުުރު ނަމާދެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫޢުއަކީ ސާފުތާހިރުކަން، މި މައުޟޫޢުއެވެ.