މާލެއާއި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖުގެ ސާވޭއެއް ހެދުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފިއެވެ.

ޕްލޭނިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މާލެ ސަރަހައްދު ގުޅައިލުމަށް، ތިލަފުއްޓާއި މާލެއާ ދޭތެރޭ އަޅާ ބްރިޖުގެ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ފެށުމަށް ބޭނުންވާ ސެލްފް އެލިވޭޓިން ޕްލެޓްފޯމަކާއި އެހެނިހެން ހެވީ މެޝިނަރީތައް ގެނެސްފައިވާ ކަމަށެވެ. އަދި މި ސާވޭގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މާލެ-ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ކުރުމަށް ހަދަންޖެހޭ ޖިއޯޓެކްނިކަލް ސާވޭ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ފުގްރޯ ނަމަކަށް ކިޔާ ނެދެލެންޑުގެ ކުންފުންޏަކަށް 231.3 މިލިއަން ރުފިޔާއަށެވެ. މި ސާވޭގައި ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅައި، އެއްގަމުންވެސް ފަސް ސަރަހައްދެއްގައި 75 މީޓަރު ފުންމިނަށް އެ މަސައްކަތް ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ސާވޭގެ މަސައްކަތް މާލޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ދާނެ ކަމަށާއި މާލެއާއި ވިލިނގިލި، ގުޅިފަޅު، ތިލަފުށީ ހިމެނޭ ގޮތަށް އިތުރު ބޯހޯލްތަކެއް ތޮރުފާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. އަދި ލޭންޑް ސާވޭތަކެއް މާލެއާއި ގުޅިފަޅު އަދި ތިލަފުށީގައި ކުރިޔަށް ދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ސާވޭގެ މަސައްކަތް އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު ނިންމާލެވި ބްރިޖުގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މާލެ އާއި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑކިއާގެ ލޯނުގެ އެހީގައި އެގައުމުގެ ކުންފުންޏަކާއެވެ. ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައަޅަން ކުރިއަށް ގެންދާ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ވެސް ކުރިއަށްދާ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.