ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވާތީ، ލިބޭ ގެއްލުން ކުޑަކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެމްއެމްއޭއިން ބުނީ ކޮރޯނާ ވައިރަހާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސޯދާ ގުޅުންހުރި ގިނަ ކަންކަމަކަށް ހުއްޓުން އައިސްފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ. އެހެންކަމުން މި ގެއްލުންތައް ދެނެގަނެ، ގެއްލުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، މުހިއްމު ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މާލީ ނިޒާމަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ރާއްޖޭގެ ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަކުރުމާއި، މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ފުރުސަތު ކުޑަކުރުމަށް މާލީ އިދާރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން ބޭންކުތަކަށް ލިކުއިޑިޓީގެ ދަތިކަމެއް ދިމާވިޔަނުދިނުމަށްޓަކައި ލިކުއިޑިޓީ ފޯރުކޮށްދިނުުމުގެ އިންތިޒާމުތައް ވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރޭވިފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން ލޯނު ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށްޓަކައި، މިފަދަ ލޯނުތަކަށް ފައިސާ ދެއްކުން 6 މަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ބޭނުންވާ ރެގިއުލޭޓަރީ ފިޔަވަޅުތައް ބޭންކްތަކަށް އަންގާފައިވާ ކަމަށާއި، ބޭންކްތަކުން ލިކުޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަރމެންޓް 5 އިންސައްތައާ ހަމައަށް ދަށްކޮށްދޭން ނިންމާފައިވާ ކަމަށް އެމްއެމްއެއިން ބުނެއެވެ.

އަދި މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުން ވެއްޖެ ހާލަތެއްގައި އެމްއެމްއޭއިން ކުރު މުުއްދަތުގެ ލޯނު ފެސިލިޓީއެއް ދެވޭނެ ގޮތް ހަމަޖެއްސައިދޭން ނިންމާފައިވާ ކަމަށާއި އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ބޭރު ފައިސާގެ އަދަދު އިތުރުކުުރުމާއި އެކި ވަސީލަތްތައް މެދުވެރިކޮށްް ބޭންކްތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން އެމްއެމްއޭއާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު ހޯދުމާއި، އެމްއެމްއޭއާއި، ސަރުކާރާ ގުޅިގެން އައިއެމްއެފްގެ މާލީ އެހީތެރިކަން ހޯދުން ހިމެނޭ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް ހަފްތާއަކަށް މަޑުޖައްސާލާ، ސަރުކާރުގެ އިދާރާތައް ހަފްތާއަކަށް ބަަންދުކުރުމަށް ނިންމާފައިވީނަމަވެސް މިމަހުގެ 19، 23 އަދި 26 މި ތިން ދުވަހު ބޭންކިންގް ހިދުމަތާއި ޕޭމަންޓް ސިސްޓަމްގެ ހިދުމަތްތައް އެމްއެމްއޭއިން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުންވެސް މި ތިންދުވަހު ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.