ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން، ޑިވިޑެންޑުގެ ގޮތުގައި ބަހާނެ އަދަދު އެ ކުންފުނީގެ ބޯޑުން ފާސްކޮށްފިއެވެ.

ބީއެމްއެލްއިން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ބީއެމްއެލްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 961.74 މިލިއަން ރުފިޔާއިން ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ހިއްސާދާރުންގެ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ފާސްކޮށްފައި ވަނީ، 139.93 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ހިއްސާއަކަށް 26 ރުފިޔާއެވެ.

ބީއެމްއެލްއިން މި އަދަދު ބަހާނީ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ޖަލްސާގައި އެކަން ފާސްކޮށްގެންނެވެ. އަދި މިއީ ބީއެމްއެލްއިން ޑިވިޑެންޑުގެ ގޮތުގައ މިހާ ބޮޑު އަދަދެއް ބަހާ ފުރަތަމަ ފަހަރު ކަމަށް އެ ބޭންކުން ބުނެއެވެ.

2018 ވަނަ އަހަރުގެ ފައިދާއިން ބީއެމްއެލްއިން ވަނީ ޑިވިޑެންޑުގެ ގޮތުގައި ހިއްސާދާރުންނަށް 129.17 މިލިއަން ރުފިޔާ ބަހާފައެވެ. އެއީ ހިއްސާއަކަށް 24 ރުފިޔާއެވެ. ފާއިތުވި އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އަދަދު 2018 ވަނަ އަހަރަށްވުރެ، ހިއްސާއަަކަށް ޖެހޭ އަދަދު 2 ރުފިޔާ އިތުރުކޮށްފައިވާއިރު، ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އާންމުކޮށްފައެއް ނުވެއެވެ.