ދުންފަތުގެ އިސްތިއުމާލް ކުރުމޭ ބުނުމުން ގިނަ މީހުންނަށް ހީވެފައި އޮންނަނީ އެއީ ހަމައެކަނި ސިނގިރޭޓް ބުއިން ކަމަށެވެ. އެހެންނަމަވެސް، ދުންފަތުގެ އިސްތިއުމާލް ކުރުމޭ ބުނާ ބަހަކީ އެއަށްވުރެ މާ ފުޅާކޮށް ބޭނުންކުރެވޭ ބަހެކެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުމަށް ބޭނުންކުރާ ތަފާތު އެކި އުފެއްދުންތައް މެދުކެނޑުމެއްނެތި ތައާރަފް ކުރަމުން އަންނަައިރު، ކޮންމެ ނަމެއް ކިޔަސް މިއީ ހަމަ އެކައްޗެކެވެ. ކުރަނީ އެއް ކަމެކެވެ. އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުން ދިނުމެވެ.

ސިނގިރޭޓް، އީ ސިނގިރޭޓް ނުވަތަ ވޭޕް، ގުޑުގުޑާ ނުވަތަ ޝީޝާ، ބިޑި އަދި ސުއްޓާ ކަމުގައިވިޔަސް މިއިން ކޮންމެ އެއްޗަކީވެސް އިންސާނުންގެ ގުނަވަންތަކަށް އެއެއްޗެއްގެ ސަބަބުން ތަފާތު ގެއްލުންތައް ވަމުންދާ ތަކެއްޗެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ފުއްޕާމެއާއި ނޭވާލާ ނިޒާމާ ގުޅިފަިއވާ ގުނަވަންތަކަކީ، އާންމުކޮށްވެސް އެެހެން މީހުންގެ ގުނަވަންތަކަށް ވުރެ ބަލި ގުނަވަންތައް ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ފުއްޕާމޭ ދުޅަވުމާއި، ފުއްޕާމޭގެ ބާރު ދެރަވެ، ޖަރާސީމު އުފެދުމަށް މަގުފަހިވެއެވެ. މީގެ އިތުރަށް ހިތުގެ ބަލިތަކަށް މަގުފަހިވުމާއި ޖުމްލަކޮށް މުޅި ދިފާއީ ނިޒާމް އެއްކޮށް ބަލިކަށިކޮށްލައެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން އިންފްލުއެންޒާ އަށާއި ނިޔުމޯނިއާއަށް ހުށައެޅޭ މިންވަރު އެހެން މީހުންނަށްވުރެ އިތުރުކަން ދިރާސާތަކުން ދައްކައެވެ.

ދުންފަތުގެ އިސްތިއުމާލްކުރުމަކީ ހަމައެކަނި ސިނގިރޭޓް ބުއިންކަމުގައި ބައެއް މީހުންނަށް ހީވެފައި އޮތަސް، ވޭޕްކުރުމާއި ޝީޝާ ބޭނުންކުރުން ފަދަ ކަންކަމަކީވެސް ދުންފަތުގެ އިސްތިއުމާލްކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންވީމާ، ސިގިރޭޓް ބޯ މީހެއްގެ ގުނަވަންތަކަށް ވާ ހުރިހާ ގެއްލުމަކާއި އުނދަގޫތަކެއް މިފަދަ އެހެން ކަންކަން ކުރާ މީހުންނަށްވެސް ވާނެ ކަމަކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން މިވަނީ އަނެއްކާވެސް މިތަކެއްޗާ ދުރުވުމަށް ކުރަމުންދާ އިލްތިމާސްތަކުގެ އަޑުގަދަވާން ފަށާފައެވެ. މިކަމާ ގުޅުން ހުރި އިލްތިމާސްތައް ރާއްޖޭގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ވުޒާރާތަކުންވެސް މިހާރަކަށް އައިސް ކުރާ މިންވަރު މިވަނީ ގިނަވެފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ މީހުންނަށް ކޮރޯނާ ވައިރަހުގެ ސަބަބުން ހުރީ ކޮން ކަހަލަ ނުރައްކަލެއްތޯ، އެފަދަ ތަކެތި ބޭނުންކުރާނަމަ ބަލި ޖެހުމުގެ ފުރުސަތު ބޮޑީތޯ މިއީ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލުތަކެވެ.

މިވައިރަހަކީ އައު ވައިރަހަކަށް ވުމުގެ ސަބަބުން، މާ ގިނަ ދިރާސާތަކެއް މިކަމާ ގުޅިގެން އަދި ހެދިފައެއް ނެތެވެ. ގިނަ ދިރާސާތައް އަދިވެސް ދަނީ ކުރިއަށެވެ. އެކަމަކު އެނގޭ މިންވަރަކީ މިވައިރަހުގެ އަސަރުކުރަނީ ނޭވާލާ ނިޒާމަށްކަމެވެ.

އަދި ވައިރަހުގެ ސަބަބުން ބޮޑުވަރުވެއްޖެ ހާލަތެއްގައި އެމީހެއްގެ ބަލި ނިޔުމޯނިއާއަށް ބަދަލުވެ، ކިޑްނީ ފެއިލްވެ އަދި މަރުވުންވެސް އެކަށީގެންވަކަމަަށް ދިރާސާތަކުން ދައްކައެވެ. މިވައިރަހުގެ އަސަރުކުރަނީ ނޭވާލާ ނިޒާމަށްކަމަށްވުމުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް މިބަލީގެ ސަބަބުން ވާ ގެއްލުންތައް ބޮޑު ކަމަށް މިހާތަނަށް ހެދިފައި ހުރި ދިރާސާތަކުން ދައްކައެވެ. ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން ހިމެނެނީ ހައި ރިސްކް ލެވެލް މީހުންގެ ތެރޭގައެވެ. އެހެންކަމުން، ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް މިވައިރަހުގެ އަސަރުކޮށްފިނަމަ ރަނގަޅު ވާން ގިނަ ދުވަސް ނަގާނެ ކަމަށާއި ނުވަތަ ބަލީގެ ސަބަބުން ބޮޑުވަރު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެގޮތުން މިކަމާ ގުޅިގެން ޗައިނީޒް މެޑިކަލް ޖަރނަލްގައި ޝާއިއުކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، ދިރާސާގައި ބައިވެރިވި ކޮރޮނާ ވައިރަހުގެ އަސަރުކޮށްފައިވާ 78 މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ މީހުންގެ ބަލި ނިޔުމޯނިއާ އަށް ހުށައެޅުމުގެ ފުރުސަތު 14 ގުނަ އިތުރު ކަމަށް ވަނީ ދައްކާފައެވެ.

ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ، ފިރިހެނުންކަމުން، އަންހެނުންނަށްވުރެ ފިރިހެނުންނަށް މިބަލި ޖެހުމުގެ ފުރުސަތުބޮޑު ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

ރާއްޖެއިންވެސް މިކަންތައް ހުއްޓުވުމަށް މަސައްކަތްތަޖެއް ކުރަމުންދާއިރު، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި، ޝީޝާގެ ޚިދުމަތްދިނުން ސަރުކާރުން މިހާރު ވަނީ މަނާކޮށްފައެވެ.

އެހެންނަމަވެސް، މިކަމަށް ފުރިހަމައަށް ހައްލެއް ލިބޭނީ، މިކަމަކީ ކިހާވަރެއްގެ ކަމެއްކަން އަމިއްލައަށް ދެނެގަނެގެން، އަމިއްލައަށް މިކަން ކުރުމުން ދުރުވުމުންނެވެ. މިކަމުގައިވެސް ފަރުދީ ޒިންމާ އަދާކޮށް، ކަމާގުޅޭ އިދާރާތަކުން މިކަން ނުކުރުމަށް އިލްތިމާސްކުރާނީ ސަބަބުތަކެއް އޮވެގެންކަން އަމިއްލައަށް ވިސްނިގެން، މިކަމުން ދުރުވުމަކީ މުހިންމުކަމެކެވެ.

ފަހަރުގައި މިކަން ކުރުން ހުއްޓާލުން އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށްވެސް ވެދާނެއެވެ.