• އިންޑިއާއިން މާދަމާ މުޅި ގައުމުގައި ކާފިއު ހިންގަނީ
  • ބަލި ޖެހުނު މީހުންގެ އަދަދު 270،971 އަށް
  • ވައިރަސް ފެނުނު ގައުމުތަކުގެ އަދަދު 152 އަށް

ކޮވިޑް-19 ނުވަތަ ނުރައްކާތެރި ކޮރޯނާވައިރަސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19 ބަލީގައި ޔޫރަޕުން އެކަނިވެސް މަރުވި މީހުންގެ އަދަދު 5،000 އަށް އަރާފައި ވާއިރު، އިޓަލީއާއި، ސްޕެއިނާއި ޖަރުމަނުވިލާތުން ބަލި ޖެހުނު މީހުންގެ އަދަދުވެސްވަނީ އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައެވެ.

މިބަލީގައި މަރުވި މީހުންގެ އަދަދު ހޮނިހިރު ދުވަހުގެ ނިޔަލަށް 11،395 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު 270،971 އަށް އަރާފައިވާ ކަމަށް، ކޮރޯނާވައިރަސްޖެހޭ މީހުންގެ މައުލޫމާތު އެއްކުރާ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން ބުނެފައި ވެއެވެ.

އަދި ހަމައެއާއެކު، ބަލި ޖެހުނު މީހުންގެ ތެރެއިން 88،000 އެއްހާ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ހުކުރު ދުވަހު އެކަނިސް އިޓަލީން 627 މީހުން މަރުވެފައި ވެއެވެ. މިއީ، ވައިރަސް ފެތުރޭންފެށި ފަހުން އިޓަލީން އެއްދުވަހެއްގައި އެންމެ ގިނަމީހުން މަރުވި ފަހަރެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރޭންފެށި ޗައިނާއިން މަރުވި މީހުންނަށްވުރެ އިޓަލީން މަރުވިމީހުންގެ އަދަދު މިހާރު މައްޗަށް ގޮސްފައިވާއިރު، ކޮވިޑް-19 ބަލީގައި އިޓަލީން މަރުވި ޖުމްލަ މީހުންގެ އަދަދު މިހާރުވަނީ 4،032 އަށް އަރާފައެވެ.

ސްޕެއިނުން މަރުވި މީހުންގެ އަދަދު 1،300 އަށް އަރާފައިވާއިރު، އީރާނުން މަރުވި މީހުންގެ އަދަދުވަނީ 1،500 އަށްވުރެ މައްޗަށް ގޮސްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ވައިރަސްގައި އަލަށް މީހުން މަރުވި ގައުމުތަކުގެ ތެރޭގައި، ސިންގަޕޫރު، ޑީއާރް ކޮންގޯ، މޮރިޝަސް، ޔޫއޭއީ އަދި އިސްރާއީލު ހިމެނެއެވެ.

ވައިރަސް އަލަށް ފެނުނު ކަމަށް ރިޕޯޓްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި، އެންގޯލާ، އީސްޓް ޓީމޯރް ހިމެނެއެވެ. މިއާއެކީ ވައިރަސް ފެނިފައިވާ ގައުމުތަކާއި ޓެރިޓަރީގެ އަދަދު 152 އަށް ވަނީ އަރާފައެވެ.

ފަލަސްތީނުގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 52 އަށް އަރާފައިވާއިރު، އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 271 އަށް އަރާފައި ވެއެވެ. އަދި 4 މީހުން މަރުވެފައި ވެއެވެ. އިންޑިއާއިން މިހާރު ތައްޔާރުވަމުންދަނީ އާދިއްތަ ދުވަހު މުޅި ގައުމުގައި ކާފިއު ހިންގާށެވެ.

އުރުދުންއިން މުޅި ގައުމުގައި ކާފިއު ހިންގާފައިވާއިރު، ކާފިއު ފެށުނީ ބާރުގަދަ ރަނގަބީލުގެ އަޑާއެކުގައެވެ. ކޮލަމްބިއާ ލޮކްޑައުންއަކަށް ގޮސްފައިވާއިރު، ޖޯޖިއާއިންވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާންކޮށްފައެވެ.

އިންޓަރނޭޝަނަލް ފްލައިޓްތައް ޕާކިސްތާނުން ދެ ހަފްތާއަށް ސަސްޕެންޑް ކޮށްފައިވާއިރު، އިތުރު 46 ގައުމަކަށް މަތިންދާ ބޯޓް ދަތުރުތައް ކުރުން ތުރުކީންވަނީ މަނާކޮށްފައެވެ. ކުރިންއޮތީ 22 ގައުމަށް ދަތުރުކުރުން މަނާކޮށްފައެވެ. މީގެއިތުރުން ޖަރުމަނު، ފްރާންސް، ނައިޖީރިއާ އަދި އެމެރިކާގެ ބައެއް ސިޓީތަކަށް ކުރަމުންދިޔަ ދަތުރުތައް އެމިރޭޓްސްއިން ހުއްޓާލާފައިވާއިރު، ވިއެޓްނާމަށް ބޭރުން އަންނަ ހުރިހާ ފްލައިޓްތައް މިހާރުވަނީ ހުއްޓުވާފައެވެ. ކިއުބާއިންވަނީ ފަތުރުވެރިން އައުން ހުއްޓުވާފައެވެ.

ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީން ފާއިތުވެދިޔަ ތިންދުވަހުވެސް ވައިރަސްއަށް އަލަށް ޕޮޒިޓިވްވި އެއްވެސް މީހަކު ފެނިފައި ނުވާކަމަށް ޗައިނާއިންވަނީ ހާމަކޮށްފައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، 24 ގަޑިއިރުގެ ތެރޭގައި ވުހާން ސިޓީން އަލަށް މީހަކު ޕޮޒިޓިވް ނުވި ނަމަވެސް، ބޭރު ގައުމުތަކުން އައިސްފައިވާ 42 މީހެއްގެ ގައިން ވައިރަސް ފެނިފައިވާ ކަމަށެވެ. އަދި އިއްޔެ 7 މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.