• އެމެރިކާގެ ނާއިބް ރައީސް ޕެންސާއި އަނބިކަނބަލުން ޓެސްޓްކުރަނީ
  • ފިލިޕީންސްގެ އެންމެބޮޑު ޔުނިވަރސިޓީގެ ޕްރޮފެސަރެއް ބަލީގައި އަވަހާރަވެއްޖެ

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކިނާ ފާސޯ ސަރުކާރުގެ ކެބިނެޓް ހަތަރު ވަޒީރަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.

އެގައުމުގެ ހެލްތު އިމަޖެންސީ ރެސްޕޮސް އޮޕަރޭޝަންސް ސެންޓަރުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންނާއެކު، ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ފޮރިން މިނިސްޓަރާއި، އިންޓީރިއަރ މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން، މައިންސް އެންޑް ކުއަރީޒް މިނިސްޓަރު ކަމަށެވެ.

ބުރުކިނާ ފާސޯއިން މިހާތަނަށް 64 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި އެގައުމުން 3 މީހުން މަރުވެފައި ވެއެވެ.

އެފްރިކާގެ ގައުމަކުން މި ބަލީގައި ފުރަތަމަ މީހަކު މަރުވެފައިވަނީ ވެސް ބުރްކިނާ ފާސޯއިންނެވެ. ފުރަތަމަ މަރުވީ ސަރުކާރުގެ އިސް އޮފިޝަލެކެވެ.

އަނެއްކޮޅުން ފިލިޕީންސްގެ އެންމެބޮޑު އަދި އެންމެ ވަރުގަދަ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ އައިލީން ސެން ޕަބްލޯ ބަވީރާ ހޮނިހިރު ދުވަހުވަނީ ކޮވިޑް-19 ގައި އަވަހާރަވެފައެވެ. ޕްރޮފެސަރ އައިލީންއަކީ ފިލިޕީންސް-ޗައިނާ ގުޅުމުގެ ޚާއްސަ އެކްސްޕާޓެކެވެ.

ޔުނިވަރސިޓީން ބުނެފައިވަނީ، ޕްރޮފެސަރ އައިލީން ސެން ޕަބްލޯ ބަވީރާ އަވަހާރަވީ ކޮވިޑް-19 ގެ ސަބަބުން ނިއުމޯނިއާގެ އާލާސްކަންފުޅު ޖެހިވަޑައިގެން ހާލުގޯސްވުމަށް ފަހުގައި ކަމަށެވެ.

ކޮރޯނާވައިރަސްއަށް ފިލިޕީންސުން 307 މީހުން ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި މިހާތަނަށް 19 މީހުންވަނީ މަރުވެފައެވެ.

ބައްޔަށް ޝައްކުކުރެވޭ މީހުން ޓެސްޓްކުރުން ވަރަށް ބޮޑަށް ލަސްކޮށްދާތީ އެތައްބައެއްގެ ނުރުހުން ފިލިޕީންސް ސަރުކާރަށް އަމާޒުވެފައި ވެއެވެ. އެންމެބޮޑު ނުރުހުމެއް އަމާޒުވީ، 100 މިލިއަން މީހުންގެ އަބާދީއެއް ހިމެނޭ ފިލިޕީންސްގައި ކޮރޯނާވައިރަސްއަށް ޓެސްޓްކުރަން ފެށިއިރު ލިބިފައިވަނީ އެންމެ 2،000 ކިޓްކަން ހާމަވުމުންނެވެ.

އާންމުންގެ ނުރުހުމާއި ކުށްވެރިކުރުންތައް އަމާޒުވުމުން ސަރުކާރުން މިހާރުވަނީ އެހެން ގައުމުތަކުން ވަރަށް އަވަހަށް އިތުރު 120،000 ޓެސްޓްކިޓް ލިބޭނޭ ކަމަށް ބުނެފައެވެ.

އަނެއްކޮޅުން، އެމެރިކާގެ ނައިބް ރައީސް މައިކް ޕޮމްޕޭއާއި ޕޮމްޕޭގެ އަނބިކަނބަލުން ކޮރޯނާވައިރަސްއަށް ޓެސްޓްކުރަން ތައްޔާރުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޚުދު ނައިބް ރައީސެވެ.

މައިކް ޕޮމްޕޭއާއި އަނބިކަނބަލުން ވައިރަސްއަށް ޓެސްޓްމިކުރެވެނީ، ނައިބް ރައީސްގެ ސްޓާފުންގެ ޓީމުގެ މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.