ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދިިޔަ ނަމަވެސް ކެއިން ބުއިމުގައި ބޭނުންވާ ޒަރޫރީ ތަކެތި ހުސްނުވެ އާންމުންނަށް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ.

މިދުވަސްވަރު މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޮރޮނާ ވައިރަހާ ގުޅިގެން ބައެއް ގައުމުތަކުގައި ހުރިހާ ކަމެއް ހުއްޓި، ގައުމުތައް ލޮކްޑައުން ކުރަމުންދާތީ އެފަދަ ހާލަތަކަށް ދިވެހިރާއްޖެވެސް ގޮސްދާނެ ކަމުގެ ބިރު އާންމުންގެ ތެރޭގައި އޮތުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ކެއިން ބުއިމުގައި ބޭނުންވާ ތަކެތި ގަނޑުކޮށް ގަންނަމުންނެވެ.

މިކަމާ ގުޅިގެން އެސްޓީއޯއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ތަކެތި ގަނޑުކޮށް ގަންނަ މީހުން އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުސްނުވާވަރަށް ކާޑުގެ ބާވަތްތަކާއި، ކެއިން ބުއިމަށް ބޭނުންވާ އެހެނިހެން ތަކެތިވެސް އާންމުންނާ ހަމައަށް ފޯރުކޯށްދޭނެ ކަމުގެ ޔަގީންކަން އެސްޓޯއޯއިން ދީފައިވެއެެވެ. އަދި މިފަދަ ހާލަތްތަކުގައި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތްކުރުމަށްވެސް އެސްޓީއޯއިން އިލްތިމާސްކޮށްފައިވެއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވެ ތިބުމަށާއި، މިފަދަ ކަމަކާ ރާއްޖެއިންވެސް ކުރިމަތިލާންޖެހިދާނެ ކަމަށް ބަލައި ދިވެހި ސަރުކާރުން ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދުނިޔޭގައި މި ވައިރަސް ފެތުރެން ފެށުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ބެނުންވާ ވަރަށް ކާޑުގެ ބާވަތްތަކާއި، ބޭސް އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފުދޭވަރަށް ތަކެތި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އަހުމަދު ރަޝާދުވެސް ދެއްވާފައިވެއެވެ. އަދި މިތަކެއްޗަކީ ރާއްޖެއަށް އިމްޕޯޓްކުރާ ތަކެތިކަމަށް ވާތީ އެތަކެތި އިމްޕޯޓްކުރާ ގައުމުތަކާވެސް ސަރުކާރުން ވަނީ މަޝްވަރާކޮށް، ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްނުވެ ލިބެންހުންނާނެ ގޮތްތައް ހަދާފައެވެ.