މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން، ދުނިޔޭގެ އެކިކަންކޮޅު ތަކުން 13،050 މީހުން ވަނީ މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 88 އިންސައްތަ މީހުން ފަރުވާ ހޯދައިގެން ވަނީ ރަނގަޅުވެފައެވެ. ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއިން ކޮވިޑް-19ގެ ކޭހެއް ފެނިގެން އެންމެ ފުރަތަމަ އިއުލާންކުރީ މާޗު މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން 13 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން 3 މީހަކު ވަނީ ފަރުވާ ދީގެން މިހާރު ރަނގަޅުވެފައެވެ.

ރާއްޖެއިން ވަނީ އަވަށްޓެރި ގައުމުތަކުން މި ބަލި ފެންނަން ފެށުމާއެކުވެސް ރާއްޖެއަށް ބަލި ނާންނާނެ ގިނަ ފިޔަޅުތަކެއް އަޅަންފަށާފައެވެ. އަދި ރާއްޖެއިން މި ބައްޔަށް 13 މީހަކު ޕޮޒިޓިވްވުމާއެކު ރާއްޖެއިން ވަނީ މި ބައްޔާ ދެކޮޅަށް އަޅަމުންދިޔަ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ހައި ރިސްކު ގައުމުތަކުން މީހުން ރާއްޖެ އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި މިބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ ހިމެނެއެވެ. އަދި ވަކި މުއްދަތަކަށް ރިސޯޓުތަކަށް އަރާފޭބުން މަނާވެ ގެސްޓު ހައުސްގެ ވިޔަފާރި މަޑުޖައްސާލަން ސަރުކާރުން ނިންމިއެވެ. މީގެ އިތުރަށް ސަރުކާރު ވަކި މުއްދަތަކަށް ބަންދުކުރުމާއި ސްކޫޅުތައް ބަންދުކުރުމާއި ކޮލެޖު އަދި ޔުވިާސިޓީ ފަދަ އިންސިސިއުޓުތައް ބަންދުކުރުން ހިމެނެއެވެ.

ފަހަރަކު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މިކަމުގައި އަޅަމުންގޮސް އެންމެ ފަހުން ކެފޭ ރެސްޓޯރެންޓު ފަދަ ތަންތަންވެސް ބަންދުކުރަން ސަރުކާރުން ނިންމިއެވެ. އެކަމަކު އެތަންތަނުން ޑެލިވަރީގެ ޚިދުމަތްތައް ލިބޭ ގޮތަށެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން ވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން މާލޭގައި ހިންގަމުން އަންނަ ގާޑިޔަލުގެ ވިޔަފާރި ވެސް މެދުކަނޑާލަން ވަނީ ނިންމާފައެވެ. މިތަންތަނުގެ ހިދުމަތްތައްވެސް ވަގުތީގޮތުން ބަންދުކުރީ މާޗު މަހުގެ 12 ވަނަ ދުވަހު ސަރުކާރުން އިއުލާން ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މީހުން އެއްވެ އުޅުން މަދު ކުރުމުގެ ބޭނުމުގައެވެ.

ސަރުކާރުން ތަކުރާރުކޮށް ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އާންމު ރައްޔިތުންނަށް މިކަންކަން އަންނަނީ ހަނދާންކޮށްދެމުންނެވެ. ސަރުކާރު ބަންދު ކުރީ ޕިކްނިކް ދިއުމަށާއި ފުރަފުރައިގެން ދިޔުމަށް ނޫންކަން ތަކުރާރު ކުރައްވާ ކަމުވޮށިގެންވާ ބޭފުޅުން އަންނަނީ ގިނަ އިލްތިމާސްތަކެއް ކުރައްވަމުންނެވެ. ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ ) އިން އަންނަނީ ފަރުދީ ޒިންމާ ނެގުމުގައި ހުރި މުހިންމު ކަންތައްތައް ހިއްސާ ކުރަމުންނެވެ. މި ރޯގާއިން ރައްކާތެރި ވުމަށްޓަކައި ފަރުދީ ޒިންމާގެ މުހިންމު ވާހަކަތައް އެކި ފެންވަރުގައި އެކި ތަންތަނުގައި އަންނަނީ އާންމު ކުރަމުންނެވެ. މިފަދަ ނުރައްކާތެރި ވަބާއެއް މުޅި ގައުމުގައި ފެތުރެން ފެށުމުން އެކަމަކުން ސަލާމަތްވެ އަދި ރައްކާތެރިކަން ހޯދުމަކީ ހަމައެކަނި ސަރުކާރުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ނޫނެވެ. ކަމާބެހޭ މުއައްސަސާތަކުން ދެއްވާ ފުރިހަމަ އިރުޝާދުތަކަށް ބޯލެނބުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.

ކެނޑިނޭޅި އާންމު ސާފުތާހިރު ކަމަށް އިސްކަންދޭން ބުނާ އަޑަކީވެސް އޭގައި ގިނަ ހިކުމަތެއް އެކުލެވޭ ވާހަކަތަކެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ސަރުކާރުން މިކަމުގައި ނަގަންޖެހޭ ފިޔަވަޅުތަަށް ނެގުމުގައި ފަހަތަށް ނުޖެހޭނެ ވާހަކަ އާއި އެކު ރައްޔިތުންގެ ކިބައިން ލިބެންޖެހޭ އެއްބާރުލުންވެސް ވަކިން ކުޑައެއް ނޫނެވެ. އެގޮތުން ގޭގައި މިދުވަސްވަރު ތިބެން އެންގުމުން އަދިވެސް މަގުތައްމަތީން މީހުން ދެކޮޅަށް ފިނި ބުރު ޖެހުމަށާއި، މަގުމަތީގައި ތިބި މީހުންގެ އަދަދު ބަލަން ނިކުތުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ވަކި ފަރުދެއްގެ ޒިންމާދާރުކަން ކުޑަ އަމަލަކުން ހުރިހާ ރައްޔިތުންނަށް ލިބޭނެ ގެއްލުމަކާ ދޭތެރޭ ވިސްނާ ބަޔަކު ނަމަ އަމިއްލަ ސާފުތާހިރު ކަމަށް އިސްކަންދީގެން ގޭގައި މަޑުން ތިބުން ބުއްދިވެރިވާނެ އެވެ.

އިގްތިސާދުގެ ހީނަރު ކަމަކާ ކުރިމަތިލާފައިވާ މި ދަނޑިވަޅުގައި އަމިއްލައަށް އިގްތިސާދުކޮށް ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަންވީ މިވަގުތުގައި ކަމަށް އިގްތިސާދީ މާހިރުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން ބޭކާރު ވަގުތާއި ބޭކާރު ޚަރަދު އިސްރާފެއްގެ ގޮތުގައި ހޭދަ ކުރުމަށްވުރެ ފަހަށް ރައްކާކުރުންވެސް މާ ބުއްދިވެރިކަމަށް ތަޖުރިބާކާރުން ފަށްފަށުން އަންނަނީ ބުނަމުންނެވެ.

އަދި މިބަލީގެ ހުރި ނުރައްކާ ބޮޑުކަމުން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައި، ގޭގައި މަޑުކުރަން އިސްލާމިކް މިނިސްޓްރީން އެންގި އެނގުމުން ހާމަވި އެއްކަމަކީ މި ރޯގާގެ ވިހަގަދަ ކަމެވެ. ސަލާމުކަންދޭންވީ މިންވަރެވެ. އެހެންކަމުން މި ދުވަސްވަރު ސަރުކާރުގެ އެކި އިދާރާތަކުންދޭ އިރުޝާދުތަކަށް ބޯލަނބައި މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުކަތެއް އަޅާ، އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެކަން ގަބޫލުކޮށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމުގެ ގޮތުން ޒަރޫރީ ބޭނުމެއްނެތި ގެއިން ބޭރަށް ދިޔުމާއި ފިނި ބުރުތައް ޖެހުން މަދުކޮށްލުން ބުއްދިވެރިއެވެ.

އެއީ ހުރިހާ އެންމެންގެ ރައްކަލަކަށްޓަކާއެވެ.