ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންދާ އިންޓަރނެޓް ބޭންކިންގެ ހިދުމަތަށް ގޭގައި ތިބިގެން ރަޖިސްޓަރކުރެވޭނެ އިންތިޒާމުތައް އެ ބޭންކުން ހަމަޖައްސައިފިއެވެ.

އެގޮތުން އިންޓަރނެޓް ބޭންކިންއަށް ރަޖިސްޓްރީ ކުރުމަށް އެޕްލިކޭޝަން ފޯމް ޑައުންލޯޑް ކުރުމަށްފަހު އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް، ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު [email protected] އަށް އީމެއިލްކުރުމަށް ބީއެމްއެލްއިން އެދިފައިވެއެވެ.

ބީއެމްއެލްއިން ބުނީ މިހާތަނަށް އިންޓަރނެޓް ބޭންކިންގ އަށް އެދި ހުށަހެޅުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެނީ ބޭންކުގެ ބްރާންޗަކަށް ކަމަށެވެ. އެހެންނަމަވެސް މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން ބޭންކުން ގެނައި މި ބަދަލަށް ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ލިބެމުންދާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބީއެމްއެލްއިން ބުނީ ބީއެމްއެލްގެ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް، އެކައުންޓް ބެލެންސް ބެލުމާއި، ލޯނުތަކަށް ފައިސާ ދެއްކުމާއި، އެއ އެކައުންޓުން އަނެއް އެކައުންޓަށް ރުފިޔާ ޓްރާންސްފާ ކުރުމާއި އަދި ބެންކުގެ އެކި އެކި ހިދުމަތްތަކަށް އެދި ހުށަހެޅޭނެ ކަަމަށެވެ.

މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއާ އެކު ބީއެމްއެލްއިންވެސް ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންދާކަން ފާހަގަކުރައްވައި ބީއެމްއެލްއިން ބުނީ މި ހިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓް ހިމެނޭ ކަމަަށެވެ. އަދި ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތައްކަން ބީއެމްއެލްއިން ބުނެފައިވެއެވެ.