• ޔޫރަޕުން މަރުވާ މީހުންނާއި ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް
  • ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު 13،530 އަށް
  • ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 308،815 އަށް

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އިންޑިއާ 14 ގަޑިއިރުގެ ލޮކްޑައުންއަކަށް ހިނގައްޖެއެވެ.

އިންޑިއާ ސަރުކާރުގެ މިފިޔަވަޅުގެ ދަށުން، އިންޑިއާގެ އާބާދީގެ އެއްބިލިއަނަށްވުނެ ގިނަ ރައްޔިތުންގެ ހަރަކާތްތައް ހުއްޓުވި، ގޭގައި ތިބުމަށް ސަރުކާރުންވަނީ އަންގާފައެވެ. ސްޓޭޓް ސަރުކާރުންތަކުންވެސް ރައްޔިތުންނަށް އަންގާފައިވަނީ ގޭގައި ތިބުމަށެވެ.

ކާފިއުގެ ވަގުތު ފެށުމުގެކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި، ކާފިއު ހިންގާ ވަގުތަކުގައި އާންމު ރައްޔިތުން އެކަމަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައި ވެއެވެ. އަދި މިއީ ވައިރަސް ފެތުރުން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން މުހިންމު މަސައްކަތްތަކެއް ކުރުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ނަމަވެސް، 14 ގަޑިއިރުގެ ލޮކްޑައުންއަކަށް ގައުމު ގެންދިއުމަށްފަހު ސަރުކާރުން ކުރާންއުޅޭ މަސައްކަތެއް ނުވަތަ އަޅާ ފިޔަވަޅުތަކެއްގެ މައުލޫމާތު ހާމައެއް ނުކުރެއެވެ.

އިންޑިއާއިން 341 މީހަކަށް ކޮރޯނާވައިރަސް ޖެހިފައި ވާއިރު، މި ބަލީގައި މިހާތަނަށް 5 މީހުންވަނީ މަރުވެފައެވެ.

މުޅި ގައުމުގައި ކާފިއު އިޢްލާންކުރަން އުޅޭ ޚަބަރާއެކު، އިންޑިއާގެ އެކިއެކި ސިޓީތަކުގައި އުނގުވިޔަފާރި ކުރާން އުޅުނު އެތައްލައްކަ ބަޔަކުވަނީ އެމީހުން ދިރިއުޅުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލުމަށްފަހު ރަށްފުށަށް ގޮސްފައެވެ.

ކޮވިޑް-19 ނުވަތަ ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން ހަރުކަށި އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންގެންދާއިރު، މި ބަލީހައި ޔޫރަޕުން މަރުވާ މީހުންނައި ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ދަނީ މައްޗަށެވެ.

ޔޫރަޕްގައި ބަލި އެންމެބޮޑަށް ފެތުރެމުންދާ އިޓަލީން ޕޮޒިޓިވްވި މީހުންގެ އަދަދު 4،825 އަށް އަރާފައިވާއިރު، ޕޮޒިޓިވްވި މީހުންގެ ވަނީ 53،578 އަށް އަރާފައެވެ. ސްޕެއިނުން 1،720 މީހުން ބަލީގައި މަރުވެފައި ވާއިރު، ބަލި ޖެހުނުމީހުންގެ އަދަދު މިހާރުވަނީ 28،527 އަށް އަރާފައެވެ.

ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ޖަރުމަނާއި، ފަރަންސޭސިވިލާތާއި ސްވިޓްޒަރލޭންޑާއި އެހެން ގައުމުތަކުންވެސް ވައިރަސް ޖެހޭ މީހުންނާއި، މަރުވާ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ.

މެދުއިރުމަތިން ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ އީރާނުން މަރުވި މީހުންގެ އަދަދު 1،685 އަށް އަރާފައި ވާއިރު، ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ 20،610 އަށް އަރާފައެވެ.

ވައިރަސް ފެތުރުން ހުއްޓުވަން މާޗް 28 އާ ހަމައަށް އިރާގު ލޮކްޑައުންއަކަށް ގޮސްފައިވާއިރު، ދެހަފްތާއަށް ގޭގައި ތިބުމަށް ފަލަސްތީނު ސަރުކާރުންވަނީ ރައްޔިތުންނަށް އަންގާފައެވެ. ލީބިޔާއިންވަނީ ކާފިއު ހިންގާފައިވާ އިރު، ތުރުކީންވަނީ އުމުރުން ދުވަސްވީ މީހުންނާއި، ނާޒުކު ހާލަތުގައިތިބޭ މީހުންނަށް ކާފިއު އިޢްލާންކޮށްފައެވެ.

ކޮވިޑް-19 ދުނިޔޭގެ ހުރިހާ ބިތަކަށް މިހާރު ފެތުރިފައިވާއިރު، މި ވައިރަސްޖެހޭ މީހުންގެ މައުލޫމާތު އެއްކުރާ ޖޯން ހޮޕްކިންސް ޔުނިވަރސިޓީން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ބުނާގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިބަލީގައި މިހާތަނަށް 13،530 މީހުން ވަނީ މަރުވެފައެވެ.

އަދި ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ 308،815 އަށް އަރާފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 92،000 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކާފައި ވެއެވެ.