ރާއްޖެއިން ކޮރޯނާވައިރަސް ފެނުނުކަން ސަރުކާރުން ހާމަކުރުމާއެކު، މުޅި ދިވެހިރާއްޖެ އެއްކޮށް "ޕެނިކް މޯޑަށް" ވެއްޓުނެވެ. އެބަޔަކަށް ވެވުނު ގޮތަކަށް، ބަލިން ރައްކާތެރިވެ ތިބުމަށް މަސައްކަތްތައް ފެށިއެވެ.

ފަހަރުގައި ގިނަ ބަޔަކަށް، މިކަން ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަމަށްވެސް ވެދާނެއެވެ. ގިނަ ބަޔަކު ކާބޯތަކެތި ގަނޑުކޮށް ގަންނަން ފެށިއެވެ. މާސްކް، ސެނެޓައިޒާ ފަދަ ތަކެތިވެސް ބޭނުން ނުވާނެ މިންވަރަށް، އެހެން މީހުންނަށް ބަލައިލުމެއްނެތި ގަންނަން ފެށިއެވެ. މިތަކެތި ކޮންޓްރޯލްކޮށް ވިއްކަން ޖެހުނު ސަބަބަކީ މިއެވެ.

ކޮންމެއަކަސް، ރާއްޖެއިން މިހާތަނަށް ތޭރަކޭސް ފެނިފައިވާއިރު، އެއިން ތިންމީހެއް ބަލިން މިހާރު ފަސޭހަ ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެމީހުން އަދިވެސް ތިބީ އިތުރު ސާދަ ދުވަހުގެ މުއްދަތަށް އައިސޮލޭޝަންގައެވެ.

ދެން އުފެދޭ ސުވާލަކީ މިއީ ބަލި ރާއްޖެއިން ފިލާދިޔުމުގެ އަލާމާތަކަށް ބަލައި، އެމީހަކު ހިތުހުރި ގޮތަކަށް ކަން ކުރަންވީ ވަގުތު އަނެއްކާވެސް އައިތޯއެވެ؟ ގެއިން ބޭރަށް ދަރިންނާއި ރައްޓެހިންނާއެކު ފިނިބުރު ޖަހަންވީ ވަގުތު އައީތޯއެވެ؟

މިފަދަ ސުވާލުތަކުގެ ޖަވާބު ކެނޑިނޭޅި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެދެމުންދަނީ ދެމުންނެވެ. ކެނޑިނޭޅި ޚަބަރުފަތުރާ ވަސީލަތްތަކުން ދެމުންއެދަނީ މި ސުވާލުތަކުގެ ޖަވާބެވެ.

ނޫނެކެވެ! ކޮރޯނާ ވައިރަހާ ގުޅިގެން ދުވާލަކު ދެއިރު ދިވެހިންނާ ބައްދަލު ކުރައްވައި މަބްރޫކް އަޒީޒާއި ޑޮކްޓަރުންގެ ޓީމުގެ މެމްބަރުން އެ ދެއްވަނީ މިސުވާލުތަކުގެ ޖަވާބެވެ. އެބޭފުޅުން ވިދާޅުވަނީ މިއީ "ތޫފާނެއްގެ ތެރޭ އޮތް ހަމަހިމޭން ވަގުތުކޮޅެއް" ކަމަށެވެ. އަދި ގެއިން ބޭރަށް ދާން ފަށަން ނުވާކަމަށެވެ. ސޯޝަލް ޑިސްޓެންސިންގ ނުވަތަ އިޖްތިމާއީ ގައިދުރުކަން އަދިވެސް ދަމަހައްޓަންޖެހޭ ކަމަށެވެ.

( މާލެ ، 15 މާޗު 2020 ) -- ރައީސުލްޖުމްހޫރިއްޔާ އެން.އީ.އޯސީ އަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ : ރައީސް އޮފީސް

ގައުމު މިއޮތީ ގާތްގަނޑަކަށް ލޮކްޑައުން ކޮށްފައެވެ. ސްކޫލްތަކާއި ކޮލެޖުތަކާއި ސަރުކާރު އޮފީސްތައް މިއޮތީ ބަންދުކޮށްފައެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިވަނީ ހުއްޓާލާފައެވެ. ކެފޭ، ރެސްޓޯރަންޓަތަކުގައި ތިބެގެން ކެއުމުގެ ޚިދުމަތް ދިނުން މިވަނީ މެދުކަނޑާލާފައެވެ. އެޗްޕީއޭއިންނާއި ޑޮކްޓަރުން އެ އަންގަނީ ޒަރޫރީ ބޭނުންތަކަށްނޫނީ ގެއިން ބޭރަށް ނުނިކުތުމަށެވެ. މި ހުރިހާކަމެއް ކުރުމުންވެސް ބައެއް ދިވެހިންނަށް އަދިވެސް މިތަން ލޮކްޑައުންއެއް ނުވިއެވެ.

ޑޮކްޓަރ ނަޒްލާ ރަޝީދު ވިދާޅުވީ ހަމަ އެންމެ ހެޔޮކޮށެވެ. ލޮކްޑައުންއަށް ނުގޮސްގެން ލައްކަމީހުން އެވާހަކަަ އަޑުބާރުކޮށް ދެއްކިއެވެ. އެހެންނަމަވެސް، މިއަދު ގެތަކުގައި ތިބެން އެންގުމުން އެކަންކުރާ މަންޒަރެއް ނުފެނެއެވެ.

ވަރަށް ބައިވަރު ބޭފުޅުން ލޮކްޑައުންއަކަށް ނުގޮސްގެން ވަރަށް ބައިވަރު ވާހަކަ ދައްކަވާނެ އެކަމަކު ހުރިހާ ބޭފުޅުންވެސް ބޭރުގައި އުޅުއްވަނީ ބުނާ ބަހަކާ އަމަލަކާ ދިމައެއްނުވޭ!
ޑރ. ނަޒްލާ

ހަވީރު ފިންޏަށް، ރޭގަނޑުގެ ހަނދުވަރަށް ރައްޓެހިންނާއި ދަރިން ގޮވައިގެން ނުކުންނަ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. ގެތަކުގައި މީހުން ތިބެން އެންގުމުން، އެކަން ފާހަގަވަނީ ހަމައެކަނި، މެންދުރު ގަޑީގައެވެ. އެއީ މީގެކުރިން ދަރިން ސްކޫލަށް ލާން، ބަލައި ދުއްވި ވަގުތެވެ. އެނޫން ވަގުތަުތަކުގައި މިއީ ކަމެއް ދިމާވެގެން، ގެތަކުގައި ތިބެން އަންގާފަ އޮތް ތަނެއްހެންވެސް ހީނުވެއެވެ.

އާދައިގެ ރައްޔިތުންނެކޭ، ހޯމް އައިސޮލޭޝަންގައި ތިބެން އެންގި މީހުންނެކޭ އެއްވެސް ތަފާތެއްވެސް ނެތެވެ. އެއިން މީހެއްގެ ސޯޝަލް މީޑީޔާ އެކައުންޓުގެ ސްޓޯރީތައް އާދައިގެ މީހަކަށްވުރެ "ހެޕަނިންގ" ހެންވެސް ހީވާފަހަރު އާދެއެވެ. އެއްފަހަރު ކޮފީގައެވެ. އަނެއް ފަހަރު ޕިކްނިކްގައެވެ.

މިފަދަ ކަންކަމުގެ ކަންބޮޑުވުންތައް ނޫސްވެރިން ހިއްސާކުރަން ފެށުމުން މަބްރޫކްވެސް ދެއްވީ ޑޮކްޓަރުންނެކޭ އެއް ޖަވާބެވެ. ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށެވެ. ކޮންމެ ކަމަކީ އަމުދުން މިފަދަ ހާލަތެއްގައި މޮނިޓަރ ކުރެވޭނެ ކަންކަން ނޫންކަމެވެ. އަމިއްލަ ސިކުނޑިން ވިސްނަން ޖެހޭނެ ކަމަށެވެ.

މިކަންކަމުގަ ވަރަށް ބޮޑު ފަރުދީ ޒިންމާވެސް. ތިމާ މީހާ އަމިއްލަ ރައްކާތެރިކަމުގެ ވާހަކަ މިދައްކަނީ. މިއީ ކުރެވޭ އެންމެ ކަމަކުން މުޅި ގައުމު ނުރައްކަލަށް ވެއްޓޭ ވަރުގެ ކަމެއް. މިކަންކަމަށް އެއްބާރުލުން ނުދޭ އެންމެ މީހެއްގެ ސަބަބުންވެސް މިގައުމު ނުރައްކަލަށް ވެއްޓިދާނެ. މަގުމަތީގައިވެސް ދުއްވަނީ. ތިމާގެ މީހުން ކައިިރިއަށްވެސް ދަނީ. ސަރުކާރަކުން އެޅޭނެ ހުރިހާ ފިޔަވަޅެއް މިއަޅަނީ. އަޅުގަނޑަކަށް ހިއެއްނުވޭ، މިފަދަ ހާލަތެއްގައި ގައުމެއް މަސައްކަތް ކުރަންޖެހޭ ގޮތަކީ އޮބަ އަޅައި ހިފަހައްޓައިގެންހެން. ކޮންމެ މީހެއް ބުޑުގައި ފުލުހެއް ބަހައްޓައިގެނެއްނޫން މިކަން ކުރަންޖެހޭނީ
މަބްރޫކް އަޒީޒް
ޑރ އަފީފް ވީނިއުސްރޫމްގެ ފަސްމަންޒަރުގައި ބައިވެރިވެވަޑައިގަންނަވަނީ

މޯލްޑިވްސް ޕޮލިސް ސާވިސްއިންވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މިދަނޑިވަޅުގައި، އަމުރުތަކާ އެންގުންތަކާ ޚިލާފަށް ކަންކުރާ ފަރާތްކަށް ގާނޫނުލް އުގޫބާތުން އަދަބު ދެވޭނެކަން ފާހަގަކުރައްވާފައެވެ. މިހާހިސާބަަށް މިކަންކަން ނުދަނީސް، އަމިއްލައަށް ފަރުދީ ޒިންމާ އަދާކުރެއްވުން ކިހިނެއްވާނެތޯ އަމިއްލަނަފުސާ ސުވާލުކޮށްލުން މުހިންމެވެ.

ގެތަކުން ނުތިބެ ތިބުމަށް އަންގަނީވެސް ހަމަ އާންމު ރައްޔިތުންގެ ރައްކަލަަކަށެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަބްދުﷲ އަފީފް ވިދާޅުވީ، ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކާ ސީދާ ކޮންޓެކްޓް ނުވި ކަމުގައިވިޔަސް، މިވައިރަހުގެ އަސަރު ކޮށްފާނެ ކަމަށެވެ.

މީހަކާއި ކޮންޓެކްޓް ނުވިޔަސް، ތަނެއްގައި އެޖަރާސީމް ހުއްޓަ، މީހަކަށް ގޮސް އެތަނެއްގައި އަތް ލުމަށްފަހު، އަތް ނުދޮވެ މޫނު ފަދަ ތަންތަނުގައި އަތް ކޭތޭކަމުގައިވާނަމަ ބަލި ޖެހުމުގެ ފުރުސަތު އެބައޮތް
ޑރ. އަބްދުﷲ އަފީފް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް އަންނަނީ ބައްޔާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މާރުވެސްވަނީ ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖެއިން މިކަމުގައި ކާމިޔާބީ ހޯދަާފައިވާކަން ފާހަގަކޮށްފައެވެ.

އެހެންނަމަވެސް، ހެލްތް މިނިސްޓަރ އަބްދުﷲ އަމީންވެސް ވަނީ މިއީ އަދި މިކާމިޔާބީތައް ފާހަގަކޮށް އުފާ ފާޅުކުރަންވީ ވަގުތެއް ނޫންކަމަށް ވިދާޅުވެފައެވެ. އޭގެބަދަލުގައި ތައްުޔާރުވާންވީ ކުރިއަށް ދެން އަންނަން ހުރި ކަންތައްތަކަށް ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެއިތުރަށް، ކައިރީގައިވާ ގައުމުތަކުގައި މިބަލި ފެތުރޭ މިންވަރަކުން މިކަމުގައި ރާއްޖެއަށްވެސް އޮތް ނުރައްކާ ބޮޑުވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، ވީވަރަކުން ގެތަކުން ނުނިކުމެ ތިބުމަަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވީފޮޓޯ : އަހުމަދު ޝުރާއު

މިހުރިހާ ބޭފުޅުންވެސް މިދައްކަވަނީ ކެނޑިނޭޅި އެއް ވާހަކަތަކެވެ. ގެތަކުގައި ތިބުމަށެވެ. ސާފުތާހިރުކަމަށް އިސްކަން ދިނުމަށެވެ. ދިވެއްސަކަށް މިބަލި މިހާތަނަށް އަދި ޖެހިފައި ނުވުމަކީ މާތްރަސްކަލާނގެއަށް ޝުކުރު ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް، މިއީ ދިވެއްސަކަށް ނުޖެހޭނެކަމަށް ދެކި، ފަރުވާކުޑަކުރަންޖެހޭ ކަމެއް ނޫނެވެ.

ކަމާގުޅޭ އިދާރާތަކުގެ އެންގުތަކާއި ޚިލާފުވެ، ފަރުވާކުޑަ ކުރެވިއްޖެނަމަ، ކޮރެއާ ނުވަތަ އިޓަލީއަށް ވީފަދަ ގޮތެއް ވެދާނެކަމުގެ އިންޒާރު ކެނޑިނޭޅި ސިއްހީ މާހިރުން އެ ގެންދަވަނީ ދެއްވަމުންނެވެ!