ކޮވިޑް-19 ނުވަތަ ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެގޮތުން ސޮސައިޓީތަކާއި، އަވަށްތަކާއި، ރަށްތައް ނުވަތަ ގައުމުތައް ހަމައެކަނި ލޮކްޑައުން ކުރުމަކުން ނުފުދޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން ބުނެފިއެވެ.

ޑަބްލިޔޫއެޗްއޯގެ ހެލްތު އިމަޖެންސީ ޕްރޮގްރާމްގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ ޑރ. މައިކަލް ޖޭ ރަޔާން ވިދާޅުވީ، ހަމަ އެކަނި ލޮކްޑައުންއަކުން ނުފުދޭ ކަމަށާއި، އަސްލު ކުރާންވީ ކަމަކީ އަދި މައިގަނޑު ފޯކަސްއަކަށް ވާންވީ، ބަލިމީހުން ހޯދައި ފިޔަވަޅު އެޅުން ކަމަށެވެ.

"ފޯކަސްއަކަށް ވާންވީ، ބަލިމީހުން ހޯދުން، ވައިރަސްހުރި މީހުން ހޯދުން، އެމީހުން ހޯދައި އެކަހެރިކުރުން، އަދި އެފަދަ މީހުންގެ ކޮންޓެކްޓްސް ހޯދައި އެމީހުންވެސް އެކަހެރިކުރުން"
މައިކަލް ރަޔާން

ޑރ. މައިކަލް ރަޔާން ވިދާޅުވީ، އާންމު ސިއްހަތުގެ ހަރުކަށި ފިޔަވަޅުތައް މި ދަނޑިވަޅުގައި ނާޅައިފިނަމަ، އާންމުންގެ ހަރަކާތްތެރިވުން ކޮންޓްރޯލްކޮށްފައި އޮންނަ އޮތުމާއި، ލޮކްޑައުންތައް އުވާލުމާއެކު ބަލިގަނޑު ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ކޮވިޑް-19 ފެނިފައިވާ ދުނިޔޭގެ ގައުމުތަކާއި ޓެރިތަރީތަކުގެ އަދަދު 165 އަށް އަރާފައި ވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ތަކުރާރުކޮށް ގޮވާލަމުން ގެންދަނީ، ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، ޝައްކުކުރެވޭ އެންމެން ޓެސްޓްކުރުމަށެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވަނީ، ވައިރަސް ހުއްޓުވަން ދުނިޔޭގެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް މަރްހަބާ ވިދާޅުވެފައެވެ. އެގޮތުން، ޑަބްލިޔޫއެޗްއޯއިން ދެމުންގެންދާ އިރުޝާދުތަކާ އެއްގޮތަށް މީހުންގެ ގައިގޯޅިވުން ކުޑަކޮށް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ޓެޑްރޯސް ވަނީ މަރްހަބާ ވިދާޅުވެފައެވެ.

އެހެން ނަމަވެސް، މިވަރަކުން އަދި ނުފުދޭކަމަށާއި، ވައިރަސްއަށް ޝައްކުކުރެވޭ ހުރިހާ އެންމެން އެކަހެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، ޝައްކުކުރެވޭ އެންމެން ޓެސްޓްކުރުމަށް ޓެޑްރޯސް ތަކުރާރުކުރައްވައި ގައުމުތަކަށް ގޮވާލައްވާފައި ވެއެވެ.

"ވައިރަސް ފެތުރުން ހުއްޓުވައި، ފުރާނަތައް ސަލާމަތްކުރުމަށް އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅަކީ ވައިރަސް ފެތުރޭ މަގުތައް ބަންދުކުރުން. އެކަން ކުރުމަށްޓަކައި ކުރާންޖެހޭ ކަމަކީ ޓެސްޓްކުރުމާއި އެކަހެރިކުރުން. ވައިރަސް ޖެހިފައިހުރި މީހަކު އަޅުގަނޑުމެންނަށް ނޭނގެންޏާ މި ބަލިމަޑުކަން އަޅުގަނޑުމެންނަށް ނުހުއްޓުވޭނެ. ހުރިހާ ގައުމަކަށްވެސް އަޅުގަނޑު ދޭންއޮތީ ވަރަށް އާދައިގެ މެސެޖެއް. ޓެސްޓް، ޓެސްޓް. ޓެސްޓް"
ޓެޑްރޯސް

ޑަބްލިޔޫއެޗްއޯއިން ކޮވިޑް-19 ސިފަކޮށްފައިވަނީ އިންސާނިއްޔަތުގެ ދުޝްމަނެއްގެގޮތުގައެވެ. މިބަލި އިންސާނުންނަށް އާދަޔާޚިލާފް ބޮޑު ނުރައްކަލަކާ ކުރިމަތިކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ބައެއް ގައުމުތަކުގައި ޓެސްޓްކުރުން ލަސްވުމާއި، ބައެއް ގައުމުތަކުގައި ޓެސްޓްކުރާނެ ވަސީލަތްތައް މަދުވުމާއި، ވައިފަސް ފެތުރުން ހުއްޓުވަން އެކަށީގެންވާ ގޮތަކަށް އަދިވެސް ބައެއް ގައުމުތަކަށް ތައްޔާރުވެވިފައި ނުވާތީ ޑަބްލިޔޫއެޗްއޯއިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެސްޓްކުރުން ލަސްވުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ބަލީގެ ހާލަތު އޮތް މިންވަރު އަންދާޒާވެސް ކުރެވިފައި ނުވާކަމަށް ސިއްހި މާހިރުން ވިދާޅުވެއެވެ.