• ސްޕެއިން، އީރާން، ބްރެޒިލް، ޔޫކޭ ޕޯލެންޑް، ބުރްކިނާ ފާސޯގެ ވަޒީރުން ޕޮޒިޓިވް
  • ބައެއް ބޭފުޅުން ބަލީގައި އަވަހާރަވެއްޖެ، އެތައް ބޭފުޅުން ކަރަންޓީނުގައި
  • ޖަރުމަނު ޗާންސެލަރ ކަރަންޓީނަށް، ކެނެޑާ ބޮޑުވަޒީރު ކަރަންޓީނުގައި

އެމެރިކާ ޕާލަމެންޓްގެ މަތިގެ ނުވަތަ ސެނޭޓްގެ މެމްބަރަކު ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.

ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ކެންޓަކީގެ މެމްބަރ ރޭންޑް ޕޯލްއެވެ.

މިކަން ހާމަކޮށްފައިވަނީ ޚުދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި ރޭންޑް ޕޯލް ވިދާޅުވެފައިވަނީ، ވައިރަސްއަށް ޓެސްޓްކުރެއްވީ ވަރަށް ގިނަ ދަތުރުތައް ކުރެއްވުމާއި، އެތައް އިވެންޓެއްގައި ބައިވެރިވެވަޑައި ގެންނެވިފައި ވުމާ އެކުގައި ކަމަށެވެ. އަދި އެއިން އެއްވެސް ކަމެއްގެ ތެރޭގައި ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓް ކުރެއްވުނު ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށްވެސް ރޭންޑް ޕޯލް ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ 50 ސްޓޭޓުން ވައިރަސް ފެނިފައިވާއިރު، އެގައުމުގައި ހަލުވިކަމާއެކު ވައިރަސް ފެތުރެން ފަށާފައިވާކަން ރެކޯޑްތަކުން ދައްކައެވެ. އެގޮތުން، މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތާވީސް ހާހާ ގާތްކޮށްފައިވާއިރު، ވައިރަސްގައި 340 މީހުން މަރުވެފައި ވެއެވެ.

އެމެރިކާގެ ސެނޭޓަރަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، ދުނިޔޭގެ އެތައް ގައުމެއްގެ ސަރުކާރުގެ އިސް ވެރިންނާއި، ސިޔާސީ އެތައް ބޭފުޅުން ވައިރަސްގެ ޝިކާރައަކަށް ވެވަޑައިގެންފައިވެއެވެ.

މޮނާކޯގެ އަމީރު އަލްބަރްޓް ދެވަނަ ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، އީޔޫގެ ޗީފް ބްރެގްޒިޓް ނެގޯޝިއޭޓަރ މިޝެލް ބާރނިއަރވެސް ޕޮޒިޓިވްވެފައި ވެއެވެ.

ބްރެޒިލް ސަރުކާރުގެ މައިންސް އެންޑް އެނަރޖީ މިނިސްޓަރ ބެންޓޯ އަލްބުކުއެރްކްއާއި، ބްރެޒިލްގެ ގައުމީ ސަލާމަތާބެހޭ މުޝީރު އޮގަސްޓޯ ހެލޭނޯވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އިސްރާއީލުން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ ޖެރެމީ އިސްޚަރޯފްއާއި، ޖަރުމަނުގެ ވެރިކަންކުރާ ކްރިސްޓިއަން ޑިމޮކްރަޓިކް ޕާޓީގެ ލީޑަރުކަމަށް ކެމްޕެއިން ކުރައްވަމުން ގެންދެވި ފްރީޑްރިކް މާރޒްއާއި، ޖަޕާނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކޯޒޯ ޓަޝިމާއާއި، އިނގިރޭސި ސަރުކާރުގެ ޖޫނިއަރ ހެލްތު މިނިސްޓަރ ނަދީން ޑޮރިސްއާއި، އޮސްޓްރޭލިއާގެ ހޯމް އެފެއަރޒް މިނިސްޓަރ ޕީޓަރ ޑުޓަންވެސް ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ.

މިއާއެކު، އީރާނުގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ސީނިއަރ ވައިސް ޕްރެޒިޑެންޓް އިސްހާގް ޖަހާންގިރީ، ނައިބް ރައީސް މައުސޫމާ އިބްތިކާރު، ކެބިނެޓް ވަޒީރުންކަމުގައިވާ މިނިސްޓަރ އޮފް ކަލްޗުރަލް ހެރިޓޭޖް، ހޭންޑްކްރާފްޓްސް އެންޑް ޓުއަރިޒަމް އަލީ އަސްގަރާއި، މިނިސްޓަރ އޮފް އިންޑަސްޓްރީ، މައިންސް އެންޑް ބިޒްނަސް ރިޒާ ރަހްމާނީވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ބެގޯނާ ގޯމޭޒް، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސޯފީވެސް ޕޮޒިޓިވްވެފައިވެއެވެ.

އަދި ސްޕެއިންގެ ކެޓެލޯނިއާ ސަރަހައްދުގެ ލީޑަރު ކިމް ޓޯރާއާއި، ކެޓެލޯނިއާ ސަރަހައްދީ ސަރުކާރުގެ ޑެޕިއުޓީ ލީޑަރ ޕެރޭ އަރައޯންއާއި، ސްޕެއިންގެ މިނިސްޓަރެއް ކަމަށްވާ އައިރީން މޮންޓޭރޯއާއި، އެމެރިކާގެ މަޔާމީ ސިޓީގެ މޭޔަރ ފްރެންސިސް ސުއަރޭޒްއާއި، ބްރެޒިލްގެ ރައީސްގެ ޕްރެސް ސެކްރެޓަރީ ފަބިއޯ ވެޖްންގާރޓަންއާއި، ޕޯލެންޑްގެ އެންވަޔަރަންމެންޓް މިނިސްޓަރ މައިކަލް ވޯސްވެސް ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ.

މީގެއިތުރުން، ބުރްކިނާ ފާސޯ ސަރުކާރުގެ 4 ވަޒީރުން ކަމުގައިވާ މިނިސްޓަރ އޮފް މައިންސް އުމަރު އިދާނީއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ސްޓެނިސްލާން އޮވާރޯއާއި، އިންޓިރިއަރ މިނިސްޓަރ ސައިމަން ސަވަޑޯގޯއާއި، ފޮރިން މިނިސްޓަރ އަލްފާ ބެރީވެސް ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ.

ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް:

ހަމަ އެއާއެކު، ސްޕެއިންގެ އެންމެބޮޑު ބޭންކް، ސެންޓެންޑަރގެ ޕޯޗުގީޒް ޔުނިޓްގެ ޗެއަރމަން އެންޓޯނިއޯ ވިއޭރާ މޮންޓެއިރޯ ވައިރަސްގައި ވަނީ އަވަހާރަވެފައެވެ. އަދި އީރާނުގެ ޕާލަމެންޓް މެމްބަރަކުވެސް އަވަހާރަވެފައި ވެއެވެ.

އަނބިކަނބަލުން ވައިރަސްއަށް ޕޮޒިޓިވްވުމުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ގެކޮޅުގައި ކަރަންޓީނުވެވަޑައި ގެންފައިވާއިރު، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލްވެސް މިހާރުވަނީ ގެކޮޅުގައި ކަރަންޓީނަށް ވަޑައިގެންފައެވެ. މާކެލް ކަރަންޓީނަށް ވަޑައިގެންނެވީ ނިއުމޯނިއާއާ ދެކޮޅު ވެކްސިން ހުކުރުދުވަހު އެކަމަނާގެ ގައިކޮޅަށްޖެހި ޑޮކްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.