ވިލާ ގުރޫޕް އޮފް ކޮމްޕެނީސްގެ ރިސޯރޓްތައް ކޯވިޑް-19 ގެ އައިސޮލޭޝަން ފެސިލިޓީސްގެ ގޮތުގައި ސަރުކާރަށް ދީފައިވަނީ އެއްވެސް ޝަރުޠަކާއި ނުލައި އިންސާނީ ޚިދުމަތަށްޓަކާ ކަމުގައި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޗެއަރމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ނޮވެލް ކޮރޯނާ ވައިރަސްގެ ވަބާއާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން އެ ވަބާ ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދާއިރު ދިވެހި ރާއްޖެއިންވެސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ރާއްޖެއަށް އަންނަ އެ ރޯގާގެ ބަލިމީހުންގެ ކިބައިން ބަލި ފެތުރުން ވަނީ ދުނިޔޭގެ ފެންވަރުގައި ކޮންޓްރޯލް ކުރެވިފައެވެ.

މިގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ މީހުންގެ ކިބައިން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަރަންޓީނު ކުރުމަށް އެކި ސަރަޙައްދުތައް ކަނޑައަޅައި ރާއްޖޭގެ ބައެއް ޓޫރިސްޓު ރިސޯޓުތައް ވަނީ އައިސޮލޭޝަން ފެސިލިޓީސްތަކަށް ހަދައިފައެވެ.

ވިލާ ގުރޫޕްގެ ޗެއަރމަން ގާސިމް ވިދާޅުވީ ވިލާގެ 3 ރިސޯޓު މިހާރުވެސް ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދޫކުރައްވައިފައި ކަމުގައެވެ. އެއިން ރިސޯޓަކަށް ފައިސާ ދައްކަންޖެހޭ ގޮތަށް ދޫކޮށްފައި ނުވާނެ ކަމަށާ އެހެން ނަމަވެސް ރަށުގައިވާ ތެލާއި ސަޕްލައި ހުސްވުމުން ކަރަންޓީނު ކުރެވިފައިވާ މީހުނަށް ބޭނުންވާ ކަރަންޓާއި ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ހާލަތުގައި އެކަންކަން ސަރުކާރުން ހަމައްޖައްސަވާނެކަމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމުގައެވެ.

ނަމަވެސް ކަރަންޓީނު ކުރެވިފައިވާ މީހުންގެ އުނުއަންނައުނު ދޮވުމާއި އެމީހުން ބޭނުންކުރާ ފެނަށް އެއްވެސް އަގެއް ވިލާގެ ރިސޯޓުތަކުން ނުނަންގަވާނެކަމަށް ދަންނަވައިފައި ވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ގުޅުއްވީމާ އަޅުގަނޑު ދެންނެވިން އަޅުގަނޑު މިހުރީ ފަންއައިލެންޑު ދޫކޮށްލާށޭ. މައްސަލައެއްނެތޭ. ދެންހަމަ އެހެންމެ ރައީސަށް ވޮއިސްމެއިލަކުންވެސް ދެންނެވީން އެކަމަކު އަޅުގަނޑު ކޮންމެހެން ބޭނުމެއްނޫނޭ ސަރުކާރުން ދެއްވާ 750 ރުފިޔާއެއް. 750 ރުފިޔާގެ ވާހަކަފުޅެއް ވިދާޅުވި، ކޮންމެ އޮކިއުޕައި ކުރާ ކޮޓަރިއަކަށް. ދެން އެރަށް ހުސްކޮށް ބާއްވާފަ. ޓުއަރިޒަމް ސެކްޓަރގަ މަސައްކަތްކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވަރުގެ ރަށެއް، 100 ކޮޓަރީގެ ރަށަކަށް އަނދައިގެންދާނެ ތެލާއި ދާނެ ޚަރަދާ އަދި އެނޫންވެސް އެހިނިހެން ކަންތައްތައް. ދެން އަޅުގަނޑުމެންދީފައެހެރީ ހުރިހާ ފެސިލިޓީސްތަކާއި އެކު. ދެން އަޅުގަނޑު ދެންނެވީން ދިވެހިސަރުކާރާ އަދި ރައްޔިތުންގެ ސަލާމަތާ އަމަން ކަމަށްޓަކާ އަޅުގަނޑު މިހުރީ އަޅުގަނޑަށް ކޮށްދެވެންހުރި ހުރިހާ ކަމެއްވެސް ކޮށްދޭށޭ. އަދި އެރަށުގެ އިތުރަށް ހޮލިޑޭ އައިލެންޑުވެސް ;ދޫކުރަން ތައްޔާރަށްހުރި ވާހަކަ ރައީސަށް ފޮނުވި ވޮއިސްމެއިލްގައިވެސް ދެންނެވިން."
ޤާސިމް އިބްރާހީމް: ވިލާ ގުރޫޕުގެ ޗެއަރމަން

މީގެ އިތުރުން ކާޑުގެ ބާވަތްތަށް ފިޔަވައި ކެއުމުގެ އަސާސީ އެހެނިހެން ބާވަތްތައް ކަމުގައިވާ މަސްމަހާމެހީގެ ބާވަތްތަކަކީވެސް ރިސޯޓުން ދެވެންހުރި މިންވަރަކަށް ދެއްވާ ތަކެތިކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވިލާގެ ރިސޯޓުތަކަކީ ދުވަހުން ދުވަހަށް ލިބޭ އާމްދަނީން ހިންގާ ތަންތަނަށް ވުމާއެކު މިހާރު އެތަންތަނުން އާމްދަނީ ނުލިބޭތީ ތެލާއި އެހެނިހެން ސަޕްލައި ގަންނާނެ ފައިސާ ނެތުމުން މިހާރު ރިސޯޓުތަކުގައިހުރި ސަޕްލައި ހުސްވުމުން ކަރަންޓީނު ކުރެވިފައިވާ މީހުނަށް އެތަކެތި ފޯރުކޮށްދެވެން ނޯންނާނެ ކަމަށާ އެހެން ނަމަވެސް ކުންފުންޏަށް ފައިސާ ލިބޭނަމަ އެކަންވެސް ކޮށްދެއްވާނެކަމަށް ދެންނެވި ކަމުގައެވެ. އަދި ވިލާގެ ރިސޯޓުތަކުގެ މުއައްޒަފުންގެ ޚިދުމަތަށްވެސް އަގެން ނުނަންގަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ފަންއައިލެންޑު ދިންތާ 3 ދުވަސްފަހުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ގުޅެއްވައިފަ ވިދާޅުވީ ހޮލިޑޭ އައިލެންޑުގެ ވާހަކަ. ދެންއަޅުގަނޑު ދެންނެވީ އަޅުގަނޑު މައްސަލައެއްނެތޭ ރައީސަށްވެސް ދަންނަވައިފައޭ އޮންނާނީ. ދެން އެރަށުގެ ތިބި މީހުންވެސް ހުސްކޮށްފަ ފަންއައިލެންޑެކޭ އެއްގޮތަށް އެރަށުގަ ތިބި މީހުންވެސް ހުސްކޮށްފަ ހޮލިޑޭ އައިލެންޑުވެސްދިނީ. އެއްވެސް އިތުރު ޗާރޖެއްކުރާ ގޮތަކަށްނޫން. އަޅުގަނޑު ދެންނެވިން އެކަމަކު އަޅުގަނޑުމެންގެ އަތުގަހުރި ކާބޯތަކެތި ހުސްވީމާ ދެން އަޅުގަނޑުމެންނަށް ކުރެވޭނެކަމެއްނެތޭ. މިއަދު އަޅުގަނޑުމެން މިއަދު މިއުޅެނީ ހަމަ އެއްވެސް ލާރިއެއް އެއްވެސް ދިމާއަކު، ބޭންކަކުންވެސް ނުލިބިގެންނޭ ބޭރުންއަންނަންވީ ބިލަށްވެސް އެއްޗެއްވެސް ނުލިބިގެންނޭ، އަޅުގަނޑުމެން އެކިފަރާތްތަކަށްދޭންވެގެން ނިންމައިފައިހުރި ފައިސާ ޕޭމަންޓުތައްވެސް ނުދެވިފައޭ މިތިބީ. ހަމަ ލާރިނެތިގެން ހަދާނެ ގޮތެއް ނެތޭ. އެހެންވީމާ ރަށުގަހުރި ކާބޯތަކެތި ހުސްވަންދެން އަޅުގަނޑުމެން ދޭނަމޭ އަޅުގަނޑުމެން އަތުގަހުރި ކާބޯތަކެތި. ދެންއެކަމަކު ހުސްވީމާ ދެން އަޅުގަނޑުމެންނަށް ހެދޭނެގޮތެއްނެތޭ. ދެން އެހިސާބުން ސަރުކާރުން އެހީތެރިިކަން ދެއްވައިގެންނޭ ކަރަންޓީނުގައި ތިބި ބަޔަކަށް އަޅުގަނޑަށް ދެވޭނީ. އަޅުގަނޑު ބޭނުމެއްނޫނޭ މީގެ ބަދަލުގަ ސަރުކާރުން ކިތަންމެ ބޮޑުއެއްޗެއް އަދި ކުޑައެއްޗެއްވިޔަސް."
ޤާސިމް އިބްރާހީމް

މީގެ އިތުރުން މިފަދަ ހައްސާސް ދަނޑިވަޅެއްގައި އާމްދަނީ ލިބޭނެ ގޮތެއް ނެތުމާއި ކުންފުނި ދެމެހެއްޓުމަށްޓަކައި ބޭނުންވާ ފައިސާ ނެތުމުން މުއައްޒަފުންގެ ބައިވެރިވުން ހިމެނޭގޮތުން މިހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅުއްވަން ވިސްނަވާކަމަށް ގާސިމް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ވަޢުދުތަކަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން މުއައްޒަފުންގެ މުސާރަ ކުޑަކުރެއްވުމަށް ނިންމެވިނަމަވެސް 10 ހާސް ރުފިޔާއިން ދަށުގެ މުސާރަލިބޭ އެއްވެސް މުއައްޒަފެއްގެ މުސާރައިން އުނި ނުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ގަވާއުދުން ލިބެމުން ނުދިއުމާއި އެކި ގޮތްގޮތުން ހޯދަން މަސައްކަތްކުރެވުނު ލޯނުތައްވެސް ނުލިބޭތީ އަޅަންޖެހޭ ބައެއް މާލީ ފިޔަވަޅުތައް ވިލާ ޝިޕިންގާއި ވިލާ ގުރޫޕުން އަޅަންޖެހޭ ވަގުތުގައި ހާލަތަށް ރިޢާޔަތްކުރައްވާ އަޅުއްވާނެ ކަމުގައި ވިދާޅުވިއެވެ.

އެއްވެސް މުއައްޒަފަކަށް ދެރަގޮތެއް ހައްދަވައިފައި ނުވާނެކަމަށާ ނުވެސް ހައްދަވާނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިފަދަ ވަގުތެއްގައި ސިޔާސީ މަންފާއެއްގެ ބޭނުމުގައި އެކިގޮތްގޮތަށް ވާހަކަ ދެއްކުމަކީ ކުރަން ހެޔޮނުވާވަރުގެ ކަމެއް ކަމަށާ އެފަދަ ކަންކަމަށްވުރެ މިވަގުތު ގައުމާއި ރައްޔިތުންގެ ހައްގުގައި ކަންކަން ކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންނަމަވެސް މިކަންކަން ޕޮލިޓިސައިޒް ކޮށްގެން އެއީ އަޅުގަނޑުމެންކުރާ ޑީލަކަށްހަދައިގެން ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ބަޔަކު ކުރާ ކަމެއް. އަޅުގަނޑު ދަންނަވާލަން އޮތީ ވަރަށް ހިތާމައޭ. މި ދަނޑިވަޅަކީ ސިޔާސީ ގޮތުން މަންފާ ހޯދުމަށް އެއްވެސް ދިވެހި ރައްޔިތަކުވެސް އަދި އެއްވެސް މީހަކު ކުރަންވާނެ ވަގުތެއްނޫނޭ. ހެޔޮނުވާނެއޭ އެފަދަކަންކަން ހުއްޓައިލައްވާފަ އަޅުގަނޑުމެން މި ބޮޑު މުޞީބާތުން ސަލާމަތްވެތިބުމަށްޓަކައި އަޅުގަނޑުމެން ހެޔޮދުޢާކޮށް އަޅުގަނޑުމެންކުރަންހުރި ހުރިހާ މަސައްކަތެއް ﷲ އަންގަވައިފައިވާ ސަބަބުތަކުގަ ހިފާށޭ. މިއަދު އަޅުގަނޑުމެން ޑަބްލިޔުއެޗްއޯއާއި އެދާއިރާއިންނާއި އަދި ސަރުކާރުން އަންގަވާ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބައިގެން އެމީހަކަށްވެވެން އޮތް އެހީތެރިކަމެއް ވެދިނުމަކީ އެއީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ މައްޗަށްއޮތް ލާޒިމް ކަމެއްކަމަށް އަޅުގަނޑު ދެކޭތީ. އަޅުގަނޑަށް ﷲ ދެއްވައިފައިވާ ތަނަވަސްކަމުގެ ތެރެއިން އަޅުގަނޑަށް ދެވެން އޮތް މިންވަރެއް އަޅުގަނޑު މިދެނީ."
ޤާސިމް އިބްރާހީމް

ވިލާ ގުރޫޕްގެ ރިސޯޓްތައް ދަރުމައަށްޓަކައި ދޫކުރައްވާފައިވާއިރު ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޗެއަރމަން ގާސިމް އިބްރާހީމް ކުރައްވާފައިވާ ވިޔަފާރި އިންވެސްޓުމަންޓުތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް އިންވެސްޓު ކުރައްވައިފައިވަނީ އިންސާނީ ވަސީލަތްތައް ގާއިމްކޮށް މީހުން ބިނާކުރުމާއި ދިވެހީންގެ ދުޅަހެޔޮ ކަމަށެވެ. އަދި ވިލާ ފައިންޑޭޝަނުން ތަޢުލީމީ މީހުން ބިނާކުރުމާއި ޢާންމު ޞިއްޙަތުގެ ހޭދަތަކުގެ އިތުރުން ދަރުމަވެރި ޖަމިއްޔާ ޖަމާޢަތްތަކަށްވެސް ގާސިމް ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި ސަރުކާރުން ބޭނުންވި ކޮންމެ ހިނދެއްގައި މަދަދު ދެއްވަމުން ގެންދަވާއިރު މިއަދުގެ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހުންނެވުމާއިއެކު ޤާސިމް ވިދާޅުވީ ސަރުކާރުގެ ވަޢުދުތަކަށް ފުރިހަމައަށް އިޙުތިރާމް ކުރައްވައި އެއްބާރުލެއްވުން ދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް،،

ގާސިމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ހާލަތާއި ގުޅިގެން ވަމުންދާގޮތް އެންމެނަށްވެސް ފެނަންއޮތް ކަމަށެވެ. ޔޫރަޕް ފަދަ ކުރިއަރައިފައިވާ ގައުމުތަކުގައި ކަންތައްތައް ވަމުންދާގޮތަށް މި ރާއްޖޭގައި ކަންތައް ހިނގަން ފަށައިފިނަމަ ވާނެގޮތް ހިތަށް ގެންނަންވެސް އުނދަގޫ ކަމުގައެވެ. އެހެންނަމަވެސް ދިވެހިރާއްޖެއިން ފުރަތަމަ މަރުޙަލާއިންފެށިގެން ފިޔަވަޅުތައް އަޅުއްވައިފައިވާތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހާލަތަށް އައި ބަދަލުތަކާއެކު ކަންކަން ނިއުޅެމުންދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސަރުކާރުން ކަން ކުރައްވާގޮތާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެންނަށްފެންނާނެ ޔޫރަޕުގައި ތަރައްޤީވެފައިވާ ޤައުމުތަކުގައި މިކަން ޖެހިގެން ކަންތައްތައްހުރި ގޮތް. ވަމުންދާގޮތް. ދެން ވިސްނަވާ އަޅުގަނޑުމެންގެތެރޭގައި އެގޮތަށް ކަންތައްވެއްޖިއްޔާ ވާނެ ގޮތް ވިސްނަވައި ވަޑައިގަންނަވާ. އެހެންވީމާ ސަރުކާރުން މިހާކުރީކޮޅުގައި އިސްނަންގަވައިގެން މިފިޔަވަޅުތައްއަޅުއްވައިގެން ގެންދަވާ ގޮތާއިމެދު އަޅުގަނޑު ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމެއް. އެހެން ނަމަވެސް އެކަމަކީ ކޮންމެހެން ސިޔާސީ ކަމަކަށްހަދައިގެން ނުވަތަ ވަކި މީހަކު އެހީއެއްވެދޭތީ ނުވަތަ ވަކިބަޔަކު މަސައްކަތްކުރާތީ އެބޭފުޅުންކުރައްވާ ސިޔާސީ ކަމަކަށްހަދައިގެން އެގޮތަށް އޭތި މޯޓިވޭޓްކުރާކަށް ހެޔޮނުވާނެ އިނގޭތޯ. ދެންއެއީ ވަރަށްދެރަ ކަމެއް."
ޤާސިމް އިބްރާހީމް

ގާސިމް ވިދާޅުވީ ކޮންމެހެން އޭގެ ތަފްސީލަށް ނުދިޔަ ނަމަވެސް ވިލާ ގުރޫޕާއި އެމަނިކުފާނަކީ އިންސާނިއްޔަތަށް އެހީވުމަށް މަސައްކަތްކުރާ ބައެއްކަން ކޮންމެ ބަޔަކަށްވެސް ދިވެހި ރައްޔިތަކަށްވިއްޔާ އެނގޭނެ ކަމުގައެވެ. އެހެންނަވެސް މުއައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނަންޖެހުނީ މާލީ ދަތިކަން ހުރުމާއެކު އެއްވެސް ގޮތަކުން ފައިސާ ނުލިބުމުން ކަމަށެވެ. އަދި ލޯނެއްވެސް ލިބޭނެގޮތެއް ނެތީމާ ކަމުގައެވެ.

އަޅުގަނޑުމެން މުސާރަ ކުޑަކުރަން ނިންމީވެސް އެއްވެސް ބޭންކަކުންވެސް އެއްވެސް ތަނަކުން އަޅުގަނޑުމެން އާދޭސްކޮށްވެސް ލޯނެއް ލިބޭނެގޮތެއްވެސް ނެތީމާ. އެހެންނަވެސް ސަރުކާރުން ކޮންމެ ރަށަކަށް 2 މިލިއަންޑޮލަރުގެ ޕެކޭޖެއް ދެއްވާނަމޭ ވިދާޅުވީމާ އަޅުގަނޑު ދެންނެވީން އެހެންވީމާ މިހާރު 10 ހާސްރުފިޔާއިން ފެށިގެން ދަށުގެ މުސާރަވެރީންނަށް މާރޗް މަހުން ފެށިގެން އަދި މި މާރޗްމަހުގެ މުސާރަވެސް ފުލްކޮށް ދޭނެކަމަށާ ރަމަޟާން މަހުގެ ޢިނާޔަތް ދޭނެކަމަށާ އަދި އޭގެ އިތުރަށް ސާރވިސްޗާރޖްވެސް ދޭނެކަމަށް. އެހެންނަމަވެސް އެ ލިބޭ ޢިނާޔަތެއްގެ ކުޑަބޮޑުމިނަށްބަލައި އެއަށްވުރެ މަތީ މުސާރަދޭ ބޭފުޅުންގެ ކަންތައްތައް އަޅުގަނޑުމެން ނިންމާނީ އޭގެ ފަހުންކަމަށް އަޅުގަނޑުމެން ދެންނެވީ. އަދި އެ ޓާރމްސްއެންޑް ކޮންޑިޝަނަށް ބަލާފަ އެލިބޭ މިންވަރަކަށް ބަލާފަ. އެއީކީ އެއްގޮތަކަށްވެސް މިކަމާ ގުޅުންހުރި ކަމެއްނޫން އިނގޭތޯ. އެހެންނަމަވެސް ސަރުކާރުން އެ ދެއްވަން ވިދާޅުވާ ލާރިއެއް އަޅުގަނޑުމެންނަކަށްނުލިބޭ."
ޤާސިމް

ގާސިމް ވިދާޅުވީ ރަމަޟާންމަސް ކައިރިވަމުން އަންނަ ކަމަށާ އެކަމާމެދު ވަރަށް ބޮޑަށް ފިކުރު ހިންގެވި ކަމުގައެވެ. އަދި އެއްވެސް ގޮތަކުން ލާރިއެއް ނުލިބުމުން އެ ފިޔަވަޅުނޫން އެހެން ފިޔަވަޅެއް އެޅެންނެތީމާ ދެން ދެއްކޭނެ ވާހަކައެއްނެތް ކަމަށެވެ. ސަބަބަކީ އެއްޗެއްނުދީ ތިއްބައި މުއައްޒަފުންނަށް ހުރިހާކަމެއް ހަމަޖެހޭނެކަމަށް ހީކުރެވިދާ ހާލަތެއްގައި އެބޭފުޅުންނަށް އެ ނުލިބިއްޖިއްޔާ އެއީ ވަރަށް ހިތާމަވެރި ކަމަކަށް ވާނެ ކަމުގައެވެ.

ދެން އަޅުގަނޑުމެންނަށްއެނގޭ ދެއްތޯ، އިއްޔެ ރައްޔިތުންގެ މަޖިލީހުންވެސް ފާސްކޮށްފަ. ދައުލަތުގެ ސަރުކާރުގެ މުއައްޒަފުންގެތެރެއިން ކާކުތޯ ކޮންބައެއްގެތޯ ކިހާވރެއްގެ މީހުންގެތޯ މުސާރަ އުނިވެގެންދިޔައީ 20 ޕަރސެންޓް. އެހެންވީމާ ވިސްނާވަޑައިގަންނަވަން އެބަޖެހޭ ދެއްތޯ މިއަދު އަޅުގަނޑުމެންގެ ތެރޭގަ ބަޔަކު އަދި ކޮންމެއެއްޗެއް ކިޔަސް. ނުލިބޭއެއްޗެއް ދެވޭނެގޮތެއް ނޯންނާނެ. ނެތްއެއްޗެއްވެސް ދެވޭނެގޮތެއް ނޯންނާނެ. ލިބިގެން ދަރަންޏަށްވެސް ލިބޭނެގޮތެއް އޮވެގެން ދެވޭނީވެސް. ދެންއަދި މިތަނަށްދެމިއަސް މިތަނަށްދެމިއަސް ނެތް ދިޔައެއްނުފެލޭނެ. މިހެން ކަންތައްހުރިއިރު އެތަނަށްގެންގޮސް މިތަނަށްގެންގޮސްގެންވެސް ނުލިބޭނެ ކަމަށާ ސަރުކާރުން ޕެކޭޖެއްނުލިބޭނެ ކަމަށް ބުނެ ސަރުކާރުން މީހުން ނުކަނަޑާނެއޭ މިހެން ވިދާޅުވާއިރު އަޅުގަނޑު ހިތަށްއަރަނީ އެބޭފުޅުން ކިތައް މީހުނަށް ވަޒީފާ ދެއްވައިފަބާވައޭ ރިސޯރޓު ހިންގަވާ ބާވައޭ. ކިހާވަރެއްގެ އެއްޗެއްތޯ ދައުލަތަށްޓަކައި އެބޭފުޅުން ޚަރަދު ކުރެއްވީ."
ޤާސިމް

ގާސިމް ވިދާޅުވީ އެއްވެސް އިރެއްގައި ބާރުހުރިކަން ދައްކަން ނުވަތަ ބޮޑާކަން ދައްކަން ނުވާނެކަމަށާ ޚާއްސަކޮށް މިވަގުތަކީ އެފަދަކަންކަން ދައްކަންވީ ވަގުތު ނޫން ކަމުގައެވެ. އަދި ވިލާ ގުރޫޕުން މިހާދުވަސްވަންދެން ކުންފުނި ކުރިއަށްގެންދިޔައީ މާލީ ތަނަވަސްކަން ލިބެމުން ދިއުމުން ކަމުގައެވެ. އަދި ޔޫރަޕާއި އެމެރިކާފަދަ ތަންތަނުގައި މާލީ ދަތިކަން ކުރިމަތިވުމުން ކަންކަން ކުރާގޮތް ދިވެހި ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މާލީ ތަނަވަސްކަންހުރި އިނގިރޭސިވިލާތްފަދަ ގައުމުތަކުގެ ކުންފުނިތަކުންނާއި މުސާރަދޭ ފަރާތްތަކުން 20 ޕަރސެންޓު ދީފިނަމަ އަނެއް 80 ޕަރސެންޓު ސަރުކާރުން ހިލޭދޭ ކަމުގައެވެ. އަނބުރައި ދައްކަން މުއައްޒަފުންނަށްދެނީ ލޯނުވެސް ނޫންކަމުގައެވެ. ދިވެހި ސަރުކާރުގައި އެފަދަ ވަރެއްހުރިނަމަ ޔަޤީނުންވެސް ސަރުކާރުން އެގޮތަށް ދެއްވާނެކަމަށް ގަބޫލުކުރައްވާކަމުގައި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އައިސޮލޭޓް ފެސިލިޓީގެ ގޮތުގައި 1000 އެނދު ބޭނުންވާކަމަށް ވިދާޅުވެފައިވާ ކަމުގައެވެ. އެކަމަށްޓަކައި ވިލާގެ އަނެއް ދެ ރިސޯޓުކަމުގައިވާ ރޯޔަލް އައިލެންޑާއި ސަންއައިލެންޑުވެސް ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.