• މަރުވި މީހުންގެ އަދަދު 14،515 އަށް
  • އާންމުން ގެތަކުގައި ބޭތިއްުބުމަށް ފްރާންސުން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކުރަނީ
  • ވަރަށް ދަތި އުނދަގޫ ދުވަސްތަކަކަށް ތައްޔާރުވާންޖެހޭ: ސްޕެއިންގެ ބޮޑުވަޒީރު

ކޮވިޑް-19 ނުވަތަ ނުރައްކާތެރި ކޮރޯނާވައިރަސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު ސާދަހާހަށްވުރެ މައްޗަށް ހިނގައްޖެއެވެ.

މިއާއެކު، މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރުވަނީ ތިންލައްކަ ސައްބީސް ހާހަށްވުރެ މައްޗަށް ގޮސްފައެވެ.

ވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން ދުނިޔޭގެ 35 ގައުމެއް ލޮކްޑައުންއަށް ގޮސްފައިވާއިރު، ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެގޮތުން ދުނިޔޭގެ އާބާދީގެ ބިލިއަނަކަށްވުރެ ގިނަމީހުން މިހާތު ތިބީ ގޭގައި ބަންދުވެފައެވެ.

ޔޫރަޕްގައި ވައިރަސްގެ ހާލަތު އެންމެ ގޯސްވެފައިވާ އިޓަލީން މިބަލީގައި މަރުވި މީހުންގެ އަދަދު 5،476 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 59.138 އަށް އަރާފައެވެ.

މިކަމާހެދި، މިހާރުވެސް ލޮކްޑައުންގައިއޮތް އިޓަލީ ސަރުކާރުން އަދިވެސް ގެންދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އިޓަލީ ސަރުކާރުންވަނީ އެތެރޭގެ ހުރިހާ ދަތުރުފަތުރު ހުއްޓުވާފައެވެ.

ޔޫރަޕްގައި ދެވަނައަށް ވައިރަސްގެ ހާލަތު އެންމެގޯސް ސްޕެއިން ސަރުކާރުން މިހާރުވަނީ، އެގައުމުގައި އިޢްލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޭޕްރީލް 11 އަށް އިތުރުކޮށްފައެވެ. ސްޕެއިނުން ވައިރަސްގައި މިހާތަނަށް 1،756 މީހުން މަރުވެފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 28،603 އަށް އަރާފައެވެ.

ޓިވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ، ވަރަށް ދަތިއުނދަގޫ ދުވަސްތަކަކަށް ތައްޔާރުވުމަށް އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ސްޕެއިން، އިޓަލީ އަދި ފަރަންސޭސިވިލާތާއި ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ރައްޔިތުން ގޭގައި ތިބުމަށް އަންގަމުންގެންދާއިރު، ފަރަންސޭސިލާތުގެ ސިފައިން ގެންދަނީ ހެލިކޮޕްޓަރާއި ޑްރޯންސް ބޭނުންކޮށްގެން ގެއިން ބޭރުގައިއުޅޭ މީހުން ގެއަށް ވަނުމަށް މަޖުބޫރުކުރުމުގެ ގޮތުން ފާރަލަމުންނެވެ.

އަނެއްކޮޅުން، ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއަށް ބޭރުން އަންނަ ޕޮޒިޓިވްމީހުންގެ އަދަދު އިތުރުވަމުންދާތީ ޗައިނާ ސަރުކާރުން އަނެއްކާވެސް ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، ވުހާން ސިޓީ ފިޔަވައި ޗައިނާގެ އެހެން ހިސާބުތަކުން އާދީއްތަ ދުވަހު ޕޮޒިޓިވްވެފައިވާ 30 މީހުން ފެނިފައިވާ ކަމަށާއި، އެއީ މުޅިންވެސް ބޭރު ގައުމުތަކުން އެނބުރި އައި މީހުން ކަމަށެވެ. އެގޮތުން، ވެރިރަށް ބެއިޖިންގަށް އަންނަ އިންޓަރނޭޝަނަލް ހުރިހާ ފްލައިޓްތައް މިހާރު ގެންދަނީ ޗައިނާގެ އެހެން ސިޓީތަކަށް ފޮނުވަމުންނެވެ.

ޝަންހާއީއާއި، ގުއާންޒޫއިން ބުނެފައިވަނީ، އިންޓަރނޭޝަނަލް ފްލައިޓްތަކުން އަންނަ އެންމެން ކޮރޯނާވައިރަސްއަށް ސްކްރީން ކުރުމުގެ ގޮތުން ޓެސްޓްހަދާނޭ ކަމަށެވެ. އެގޮތަށް ކުރިން ޓެސްޓް ހަދަމުންދިޔައީ ވައިރަސް އެންމެބޮޑަށް ފެތުރިފައިވާ ގައުމުތަކުން އަންނަ މީހުންގެ އެކަންޏެވެ.