ކޮވިޑް-19 އާއި ގުޅިގެން ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން ފޯނު ނަމްބަރު ހިއްސާކޮށްފައިވާ ކަސްޓަމަރުންގެ މޯބައިލް ފޯނަށް ކަރަންޓް ބިލް ފޮނުވަން ސްޓެލްކޯއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން ކުރި ޓްވީޓެއްގައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސްޓެލްކޯއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ޕްރިންޓް ކޮށްފައިވާ ކަރަންޓްބިލް ގޭގެއަށް ފޮނުވުމުގެ ބަދަލުގައި އެސްއެމްއެސް މެދުވެރިކޮށް ކަރަންޓްބިލް ފޮޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން ފޯނު ނަމްބަރު ހިއްސާ ކޮށްފައިވާ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ކަރަންޓްބިލް ފޮނުވާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން ފޯން ނަމްބަރު ހިއްސާކޮށްފައިނުވާ ކަސްޓަމަރުންނަށް ޕްރިންޓް ކޮށްފައިވާ ކަރަންޓްބިލް ފޮނުވާނެ ކަމަށާއި، އެހެންނަމަވެސް ބިލް ފޮނުވާނީ ގްރައުންޑް ފްލޯއަށް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މިގެއިތުރުން ކަރަންޓްބިލް ދެއްކުމުގައި އޮންލައިން ބިލް ދެއްކުމަށް ސްޓެލްކޯ މޮބައިލް އެޕްލިކޭޝަންގައި ރަޖިސްޓްރީވުމަށްފަހު ބިލް ދެއްކުމަށް، ނުވަތަ އޮންލައިންކޮށް ބިލް ދެއްކުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ މުައްސަސާތައް އަދި އޮފީސްތަކަކުން އެމީހުންގެ ހިދުމަތްތައް އޮންލައިން ކޮށްފައިވެއެވެ.