• މީގެ މާނައަކީ ރިސްކް ކުޑަވީކީނޫން، ރިސްކް އެބައޮތް: ޑރ. މުހަންމަދު އިސްމާއިލް
  • ތަންތަނަށް އެއްވެ ނޫޅެ އިހަށް ގޭގައި މަޑުކޮށްލަދެއްވުމަށް އެދިވަޑައިގެންނެވި
  • ކަމާބެހޭ ފަރާތްތަކުގެ އިލްތިމާސްތަކަށް އިޖާބަދިނުމަށް ގޮވާލެއްވި

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެމީހުން ބަލިން ފަސޭހަވެއްޖެއެވެ.

މިކަން ހާމަކުރީ، ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ދަރުބާރުގޭގައި ބާއްވާ ޕްރެސް ކޮންފަރެންސްގައެވެ.

ޕްރެސްގައި ވާހަކަ ދައްކަވަމުން ޑރ. މުހަންމަދު އިސްމާއިލް ވިދާޅުވީ، ވައިރަސްއަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުންގެންދިޔަ މީހުންގެ ތެރެއިން އިތުރު ދެމީހަކު ބައްޔަށް ނެގަޓިވްވެ މިހާރު ފަރުވާދޭ ތަނުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 5 މީހަކު ބަލިން ފަސޭހަވީ ކަމަށާއި، މިހާރު ފަރުވާދެމުންދަނީ 8 މީހުންނަށް ކަމަށްވެސް ޑރ، މުހަންމަދު އިސްމާއިލް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މީގެ މާނައަކީ އަޅުގަނޑުމެންނަށް އޮތް ރިސްކް ކުޑަވެގެން ދިޔައީކީ ނޫނޭ. އަޅުގަނޑުމެން ގޭގަ އެކަހެރިވެގެން، ނޫނިއްޔާމު ސޯޝަލް އައިސޮލޭޝަންވުން ހުއްޓާލަންވީކީ ނޫނޭ. ސަބަބަކީ އަދިވެސް ރާއްޖެއިން ބޭރުން މީހުން އެބައާދޭ. އަދި ހަމަ އެއާއެކީގަ ބަލިމީހުންނަށްވެސް އަދި ފަރުވާ ދެމުންއެބަދޭ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުންވެސް އައިސޮލޭޝަންގަ ބައިތިއްބާފަ އެބަތިބި"
ޑރ. މުހަންމަދު އިސްމާއިލް

ޑރ. މުހަންމަދު އިސްމާއިލް ވިދާޅުވީ، ޚާއްސަކޮށް މިދުވަސްވަރު ސޯޝަލް އައިސޮލެޝަންގައި ތިބުމުގެ މުހިންމު ކަމަކީ، ކޮންމެ ބަލިމީހެއްގެ ފަރާތުންވެސް ދޭއް ނުވަތަ ތިންމީހަކަށް ވައިރަސް ފެތުރިފައި ހުރެދާނެތީ ކަމަށާއި، އެހެންކަމުން މިޗެއިން ބްރޭކްކޮށްލުމަކީ ސޯޝަލް އައިސޮލޭޝަންގައި ތިބުމުގެ އެންމެ މުހިންމުކަން ކަމުގައެވެ.

މިހާރު ބަލިޖެހިފައި ތިބި މީހުން ރިކަވަރ ވުމުގެކުރިން އަދި މިހާރުވެސް ކޮންޓެކްޓް ޓްރެސިންގ ހަދަމުންދާއިރު، އެ އެންމެން ނެގަޓިވް ނުވާހާހިނދަކު އަބަދުވެސް އެ ރިސްކް އޮންނަނެ ކަމަށް ޑރ. މުހަންމަދު އިސްމާއިލް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރު ދަތުރުތައް ކުރާ ފަރާތްތަކުންވެސް އަދި ރާއްޖޭގައިއުޅޭ ފަރާތަކުންވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކަށް އަންގަވައި ދެއްވުމަށް ޑރ މުހަންމަދު އިސްމާއިލް އިލްތިމާސް ކުރެއްވިއެވެ. އެފަދަ ފަރާތްތަކުން އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައިގެން ޓެސްޓްކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގެންނެވިއެވެ.

"ހަމަ އެއާ އެކިގައި ބައްދަލުވަނީ ކޮން ބަޔަކަތޯއާއި، ކޮން ތަންތަނަކަށްތޯ ދެވުނީ، މިކަންތައްތައް އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ. ބައެއްފަހަރު އެބަދިމާވޭ ދުވަސްކޮޅެއްފަހުން ކޮންމެސްތާކުން ދިމާވިމީހެއް އެއަށްފަހު އެމީހާ ކޮންމެސް ދުވަހަކުން ޕޮޒިޓިވްވެފަ އެބަހުރޭ. އެކަހަލަ ހާލަތެއް ދިމާވެއްޖެއްޔާ ދެން އަޅުގަނޑުމެންނަށް ދެވުނީ ކޮންތަނަކަށްތޯ ބައްދަލުވީ ކޮން ބަޔަކާތޯ ނޭނގޭކަމަށް ވާނަމަ ކަމާބެހޭ ފަރާތްތަކަށް ކޮންޓެކްޓް ޓްރެސިންގ ހެދުމަށް ވަރަށް ބޮޑަށް އުނދަގޫވެގެންދާނެ"
ޑރ. މުހަންމަދު އިސްމާއިލް

ޑރ. މުހަންމަދު އިސްމާއިލްވަނީ ތަންތަނަށް އެއްވެ ނޫޅެ، އިހަށް ގޭގައި މަޑުކޮށްލަދިނުމަށް އާންމުންގެ ކިބައިން ތަކުރާރުކުރައްވައި އެދިވަޑައިގެންފައެވެ. ސަބަބަކީ، މިބަލި ފެތުރިގެން ހިނގައްޖެނަމަ އެންމެނަށްވެސް މިކަން ކާރިޘާއަކަށް ވެގެން ހިނގައިދާނެތީ ކަމަށްވެސް ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުން ކުރައްވާ އިލްތިމާސްތަކަށް ވަރަށްބޮޑަށް ވިސްނެވުމަށާއި، އިޖާބަ ދެއްވުމަށް ޑރ. މުހަންމަދު އިސްމާއިލް ގޮވާލެއްވިއެވެ.