• އިންޓަރނޭޝަނަލް ހުރިހާ ފްލައިޓްތަކަށް ޔޫއޭއީ ބަންދުކޮށްފި
  • ބޭރު ގައުމުތަކުން އަންނަ މީހުންނަށް ބުދަދުވަހުންފެށިގެން ހޮންގްކޮންގ ބަންދުވާނެ
  • އެމެރިކާގެ ވައިރަސްގެ ހާލަތު ގޯހުންގޯހަށް

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި ކާފިއު އިޢްލާންކޮށްފިއެވެ.

އެގޮތުން، މިއަދުން ފެށިގެން ތިން ހަފްތާއަށް މުޅި ގައުމުގައި ކާފިއު އިޢްލާން ކުރެއްވީ ސައުދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒް ނެރުއްވި ޝާހީ އަމުރުފުޅަކުންނެވެ.

ކާފިއު އިޢްލާން ކޮށްފައިވަނީ އިރުއޮއްސި ހަތަކުން ހެނދުނު ހަތަކަށް ކަމަށް ސައުދީ ޕްރެސް އޭޖެންސީން ބުނެފައި ވެއެވެ.

ސައުދީ އަރަބިއްޔާއިން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 511 އަށް އަރާފައިވާއިރު، އެގައުމު ވެފައިވަނީ ގަލްފްގެ އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ގިނަމީހުން ޕޮޒިޓިވްވެފައިވާ ގައުމަށެވެ.

އަނެއްކޮޅުން، ފަސިންޖަރުން ގޮވައިގެންނާއި، ޓްރާންސިޓްކޮށް އަންނަ އިންޓަރނޭޝަނަލް ހުރިހާ ފްލައިޓެއް ސަސްޕެންޑްކުރުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ވަނީ ނިންމާފައެވެ.

ޔޫއޭއީ ސަރުކާރުގެ އިމަޖެންސީ އެންޑް ކްރައިސިސް މެނޭޖްމަންޓާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހުރިހާ ކޮމާޝަލް ފްލައިޓްތަކަށް ޔޫއޭއީގެ އެއަރޕޯޓްތައް ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ބަންދުވާނެ ކަމަށެވެ. ދުނިޔޭގެ އެންމެ ބިޒީ އެއަރޕޯޓް އޮންނަނީވެސް ޔޫއޭއީގައެވެ.

ވައިރަސް ފެތުރުން ހުއްޓުވަން ޑުބާއީގެ މަޝްހޫރު ޝޮޕިންގ މޯލްތައްވެސް މިހާރުވަނީ ދެހަފްތާއަށް ބަންދުކޮށްފައެވެ. ފާމަސީތަކާއި، ޑެލިވަރީ ކުރެވޭގޮތަށް ބައެއް ކާބޯތަކެތީގެ ފިހާރަތައް ބަހައްޓާފައި އެހެން ހުރިހާ ތަންތަނެއް ވަނީ ބަންދުކޮށްފައެވެ.

ތުރުކީއަށް ބަލާއިރު، ތުރުކީގެ ގައުމީ އެއަރލައިން ޓާކިޝް އެއަލައިންސްގެ ގާތްގަނޑަކަށް އިންޓަރނޭޝަނަލް ހުރިހާ ދަތުރުތަކެއް މިއަދުން ފެށިގެން އޭޕްރީލް 17 އަށް ވަނި މެދުކަނޑާލާފައެވެ. މި ހާލަތުގައިވެސް އަދި ދަތުރުކުރާނީ ނިއުޔޯކް، ވޮޝިންޓަން، ހޮންގްކޮންގ، މޮސްކޯ އަދި އެޑިސް އަބާބާއަށް ކަމަށް އެ އެއަރލައިނުން ބުނެފައި ވެއެވެ.

ހޮންގްކޮންގ ރައްޔިތުން ނޫން އެންމެނަށް ބުދަ ދުވަހުން ފެށިގެން ހޮންގްކޮންގ ބަންދުވާނޭ ކަމަށް ހޮންގްކޮންގެ ލީޑަރ ކެރީ ލާމް އިޢްލާން ކުރައްވާފައި ވާއިރު، ސިންގަޕޫރު އެއަރލައިންސްއިންވަނީ އެ އެއަރލައިންގެ މަތިންދާބޯޓް ފްލީޓްގެ ގިނަ ބޯޓްތައް ވަނީ ގްރައުންޑްކޮށްފައެވެ.

އަނެއްކޮޅުން، ވައިރަސްގެ ހާލަތު ތިންވަނައަށް އެންމެ ގޯސް ގައުމަކަށް އެމެރިކާ މިހާރުވަނީ ވެފައެވެ. ޗައިނާއާއި އިޓަލީ ފިޔަވައި އެމެރިކާ ތިންވަނައަށް ލިސްޓްކުރެވުނު އިރު، އެމެރިކާއިން ތެއްތިރީސް ހާހަށްވުރެ ގިނަމީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، މަރުވި މީހުންގެ އަދަދު 416 އަށްވަނީ އަރާފައެވެ.