ވިލިމާލޭގައި ފްލޫ ކްލިނިކެއް ގާއިމްކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކޮރޯނާ ވައިރަހާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ސްޕޯކްސްޕާސަން މަބްރޫކް އަޒީޒެވެ.

މިހާރުވެސް ސަރުކާރުން ވަނީ ރާއްޖޭގައި ތިން ފްލޫ ކްލިނިކެއް ގާއިމްކޮށްފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ ފްލޫ ކްލިނިކެއް ގާއިމްކޮށްފައެވެ.

އެހެންކަމުން، މިއީ މާލެ ސިޓީ ސަރަހައްދުގައި ގާއިމްކުރެވުނު ފަސްވަނަ ފްލޫ ކްލިނިކެވެ.

މަބްރޫކް ވިދާޅުވީ މިކްލިނިކުންވެސް، ކޮވިޑް-19 ގެ އަލާމާތްތައް ނުވަތަ ހުން، ރޯގާގެ އަލާމާތްތައް ފެންނަ ކަމުގައިވާނަމަ ޚިދުމަތް ލިބޭނެ ކަމަށެވެ.

މި ފްލޫ ކްލިނިކް އޮޕަރޭޓް ކުރަމުންދާނީ އައިޖީއެމްއެޗްގެ ފަރާތުން. މި ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 10:00ން ފެށިގެން އިރުއޮއްސި 6:00އާ ހަމައަށް.
މަބްރޫކް އަޒީޒް

މާލޭގައި ދެ ކްލިނިކެއް ގާއިމްކޮށްފައިވާއިރު އެއް ކްލިނިކް ވަނީ ސެނެހިޔާގައި ގާއިމްކޮށްފައެވެ. ސެނެހިޔާގައި ގާއިމްކޮށްފައިވާ ކްލިނިކަކީ ފާއިތުވެދިޔަ ދުވަސްތަކުގައި އެއްވެސް ގައުމަކަށް ދަތުރުކޮށްފައިނުވާ ދިވެހިންނަށް ޚާއްސަ ކްލިނިކެކެވެ.

އަދި މާލެހިޔާ 2 ގެ ފަހަތުގައި ގާއިމްކޮށްފައިވާ ކްލިނިކަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހުންގެ ތެރެއިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ މީހުންނަށް ޚާއްސަކޮށްފައިވާ ކްލިނިކެކެވެ.

ބިދޭސީންނަށް ޚާއްސަކޮށްފައިވާ ކްލިނިކް ގާއިމްކޮށްފައިވަނީ ހުޅުމާލޭގައެވެ.

މިކްލިނިކްތަކާއި އޭޑީކޭ ފްލޫ ކްލިނިކުގެ އިތުރަށް އަތޮޅުތެރޭގައިވެސް ވަނީ ފްލޫ ކްލިނިކް ގާއިމްކޮށްފައެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި ވަނީ ފްލޫ ކްލިނިކެއް ގާއިމްކޮށްފައެވެ.

ރާއްޖެއިން އެންމެ ފަހުން ޕޮޒިޓިވްވި ދެކޭސްވެސް ފެނިފައިވަނީ ފުވައްމުލަކު ކައިރި ބަނދަރުކޮށްފައިއޮތް އައިލެންޑް ސަފާރީންނެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އިތުރަށް އެހެނިހެން އާދައިގެން ހުމާއި ރޯގާ ފެތުރެމުންދާތީ، އެޗްޕީއޭއަށް އެންގުމަކާއިނުލައި ފްލޫ ކްލިނިކްތަކަށް ނުދިޔުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެހެންކަމުން، ފްލޫ ކްލިނިކްތަކަށް ދިޔުމުގެ ކުރިން އެޗްޕީއޭގެ ހޮޓްލައިން 1667 އަށް ގުޅުމަށް ސިއްހީ މާހިރުން އަންނަނީ އިރުޝާދު ދެމުންނެވެ.