މާލޭގެ ދެ ގެއެއް ލޮކްޑައުންކޮށް ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށައިފިއެވެ.

މި ދެ ގެ ލޮކްޑައުންކޮށްފައި މިވަނީ އެ ދެގޭގައިވެސް ކޮވިޑް-19 އަށް ޕޮޒިޓިވެވި ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން މިގެތަކުގައި ތިބުމުންނެވެ.

ފެލައިނީ ޕޮޒިޓިވްވި ކަމަށް ބެލެވެނީ ރާއްޖެ އައިސް، އެނބުރި ޗައިނާއަށް ދިޔަ ފަހުންކަމަށް ލަފާކުރެވޭ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، ފެލައިނީއާ ކޮންޓެކްޓްވި މީހުން އަމިއްލައަށްވެސް އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ވަނީ އަންގާފައެވެ.

އަދި އޭނާ ޗުއްޓީ ހޭދަކުރި ރީތި ރަށް ރިޒޯޓުގައިވެސް އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ، އެމީހުންގެ ޓެސްޓުތައް ހަދަމުންދަނީ އެމީހުންގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ކަމަށެވެ.

މީގެއިތުރަށް އެކި މުއައްސަސާތަކުގެ 62 މުވައްޒަފަކު އައިސޮލޭޓް ކޮށްފައިވާކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

އޭގެތެރޭގައި ހިމެނެނީ ކަސްޓަމްސްގެ 17 މުވައްޒަފަކާއި، އެމްއޭސީއެލްގެ 41 މުވައްޒަފަކާއި، ޓީއެމްއޭގެ ތިން ސްޓާފަކާއި، އިމިގްރޭޝަންގެ އެއް ސްޓާފްކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއެންމެން އައިސޮލޭޓް ކުރެވުނީ މިދިޔަ ހޮނިހިރު ދުވަހު ސިނަމަން ހަކުރާހުރާ މޯލްޑިވްސްއިން އެކަހެރި ކުރެވުނު ބިދޭސީއާ ކޮންޓެކްޓް ވެފައިވާތީކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާގެ ޓެސްޓުގެ ނަތީޖާ އަދި މިހާތަނަށް ލިބިފައިނުވިޔަސް، މިއީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެއިތުރަށް މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ އައި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން އޭނާގެ ޓެސްޓުތައް ހަދަމުންދާކަމަށް ވިދާޅުވިއެވެ. އަދި އޭނާ މިވަގުތު ހުރީ އައިސޮލޭޝަންގައި ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގހެދުމަށްފަހު އިތުރު ބައެއް ދިވެހިންގެ ޓެސްޓުތައް ހެދެމުންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.