ރައްޔިތުންނަށް އަގުހެޔޮކޮށް މަސްދަޅު ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޮރައިޒަން ފިޝަރީޒްއިން ބުނެފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ އިގްތިސާދީ ހީނަރުކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ މި ވަގުތުގައި ރާއްޖެއިންވެސް ވަނީ އާންމުކޮށް ބޭނުންކުރާ ބައެއް ކަހަލަ ސާމާނުތަކުން އަގުހެޔޮކޮށްފައެއްވެ. ސަރުކާރުން ގައުމުގެ އިގްތިސާދަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އަމިއްލަ ކުންފުނިތަކުގެ ތެރެއިން ވަކިން ޚާއްސަކޮށް ވިލާ ކުންފުނިންވެސް އަންނަނީ އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކަކުން އަގުހެޔޮކޮށްފައެވެ. އެގޮތުން ހޮރައިޒަން އިން ވިއްކަމުންދާ މަސްދަޅު ވިޔަފާރީގެ މައުލޫމާތު ވީނިއުސްއާ ހިއްސާކުރައްވަމުން އެތަނުގެ އެސިސްޓެންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އިބްރާހީމް ވިސާމް ވިދާޅުވީ ބާޒާރުން ސްޓޮކް ހުސްނުވެ ލިބެންހުންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. ހޮރައިޒަނުން ވިއްކާ މަސްދަޅަކީ މިވަގުތު ބާޒާރުގައި ހުރި އެންމެ އަގުހެޔޮ މަސްދަޅުކަން ފާހަގަކުރައްވާ ވިސާމް ވިދާޅުވީ ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ސްޓޮކް ހުސްނުވެ ލިބެންހުންނާނެ ކަމަށެވެ.
ވިލާ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ގޭހުގެ އެންމެ ފަހުގެ މައުލޫމާތު ވީނިއުސްއާއި ހިއްސާކުރައްވަމުން ވިލާ ހަކަތައިގެ ފައިނޭންޝަލް ކޮންޓްރޯލާ މަހުމޫދު ރަމީޒް ވިދާޅުވީ ކުރިއަށްއޮތް 3 މަސްދުވަހު އެއްވެސް ދަތިކަމެއްނެތި ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މީގެ އިތުރަށް ސިމެންތިއާއި ޑީސެލާއި ޕެޓްރޯލުވެސް ވިލާ ހަކަތައިން މިހާރުވެސް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ މަހުމޫދު ވިދާޅުވީ މުސްތަގުބަލުގައިވެސް ދަތިކަމެއްނެތި ރައްޔިތުންނަށް އެތަކެތި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.