ކޮވިޑް-19 އަށް ޝައްކުކުރެވިގެން ސިނަމަން ހަކުރާހުރާ ރިސޯޓުން ޓެސްޓުކުރި މީހާގެ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ހާމަކޮށްފިއެވެ.

އެ ރިސޯޓުން ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނީ ބިދޭސީއެއްގެ ފަރާތުންނެވެ. އެޗުޕީއޭއިން ބުނީ އެމީހާގެ ސާމްޕަލް ނެގެޓިވްވުމުން އެ ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައި ކަމަށެވެ.

ސިނަމަން ހަކުރާހުރާއިން ޝައްކުކުރެވޭ މީހަކު ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު ވަނީ ޓެސްޓް ކުރުމަށް އެކަހެރިކޮށްފައެވެ. އެއީ އެމްއޭސީއެލްގެ 41 މުވައްޒަފުންނާއި ކަސްޓަމްސްގެ 17 މުވައްޒަފުންނާއި ޓީއެމްއޭގެ 3 މުވައްޒަފުންނާއި އިމިގްރޭޝަނުގެ މުވައްޒަފެކެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒު ވިދާޅުވީ ހަކުރާހުރާއިން ޝައްކުކުރެވުނު މީހާގެ ސާމްޕަލް ނެގެޓިވްވެފައިވާއިރު ދެވަނަ ސާމްޕަލެއް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިމީހާ ރާއްޖެ އައިސް ދިޔައީ ސިނަމަން ހަކުރާހުރާއަށް. އެރަށުގައި ހުއްޓާ ބަލީގެ އަލާމާތްތަކެއް ހުރި ކަމަށް ކުރެވުނު ރިޕޯޓެއްގައި އަޅުގަނޑުމެންގެ ޓީމުން އެރިސޯޓަށް ގޮސް އޭނަގެ ސާމްޕަލެއް ނަގާފައިވަނީ. އަދި އޭނައާ ދެއްކުނު ވާހަކައިގައި އޭނަ ބުނޭ ހުން ނެތްކަމުގައި ވިޔަސް ކުޑަކޮށް ރޯގާގެ އަސަރުހުރި ކަމަށް ރާއްޖެ އައިއިރުވެސް. އެހެންވެ އަޅުގަނޑުމެން ބެލީ އެއާޕޯޓުން އޭނައާ ކޮންޓެކްޓްވެފައި ހުރެދާނެ މީހުންގެ ސާމްޕަލް ނެގުމަށް.
މަބްރޫކް

މަބްރޫކް ވިދާޅުވީ އޭނަގެ ސާމްޕަލް ނެގެޓިވްވުމާ ގުޅިގެން މިވަގުތަށް ވެސް ދޫކޮށްލެވެން ތިބި މީހުން ދޫކޮށްލެވޭނެ ކަމަށެވެ.

އެޗުޕީއޭއިން ބުނީ ސިނަމަން ހަކުރާހުރާގެ އިތުރަށް، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށްތައް ވެސް މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހުންނެވެ. މިއެންމެނަކީ ވެސް ބިދޭސީންނެވެ. މީގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.