ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ރިސޯޓްތައް 3 މަސްދުވަހުގެ މުއްދަތަކަށް ސަރުކާރުގެ ބޭނުންމަށް ނެގިދާނެ ކަމަށް ރިސޯޓްތަކާ އެކު ހެދިފައިވާ އެގްރިމެންޓްތަކުން ތަންދޭ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ރިސޯޓްތައް 3 މަސްދުވަހުގެ މުއްދަތަކަށް ސަރުކާރުގެ ބޭނުންމަށް ނެގިދާނެ ކަމަށް ރިސޯޓްތަކާ އެކު ހެދިފައިވާ އެގްރިމެންޓްތަކުން ތަންދޭ ކަމަށާ އަދި އެމުއްދަތު އެއަށްވުރެ އިތުރުކުރަން ފެނިއްޖެ ހާލަތެއްގައި އެއަށްވުރެ އިތުރުވެސް ކުރެވިދާނެ ކަމަށެވެ. މީގެ އިތުރުން ކެއުމާއި ކަރަންޓު، ފެން، ލޯންޑްރީ، ރޫމް ސާވިސް އަދި ރަށް ސާފުކުރުން ފަދަ އޮޕަރޭޝަނަލް ހިދުމަތްތައް ދޭން ޖެހޭނީ އެ ރިސޯޓެއްގެ ހަރަދުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓީން ފެސިލީޓީއަށް ރިސޯޓްތައް ދޫކޮށްފައިވާ މުއްދަތުގައި، އެރިސޯޓްތަކުން ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކަން ނުޖެހޭ ކަމަށާ އެ މުއްދަތުގައި ދައުލަތަށް ދައްކަންޖެހޭ ކުލި ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެ މުއްދަތުގައި ރިސޯޓުތަކުން ކުލި ދައްކަން ނުޖެހުނު ނަމަވެސް ބޭނުންކުރާ ރިސޯޓްތަކުގެ ކޮންމެ ކޮޓަރިއަކަށް ދުވަހަކަށް 750 ރުފިޔާ ސަރުކާރުން ރިސޯޓުތަކަށް ދައްކަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އަދަދު ކަނޑައަޅާފައި ވަނީ ކަރަންޓީންގައި އާއި އައިސޮލޭޝަންގައި ތިބޭ މީހުންގެ ކެއުމާއި އެހެނިހެން ޚިދުމަތްތައް ހިމަނައިގެން ކަމަށެވެ. އެއީ މިފަދަ ކަމަކަށް ބޮޑު އަދަދެއް ނޫންކަން ފާހަގަކުރައްވާ މަބްރޫކް ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އެހެން މީހުންނަށްވެސް ދުވާލެއްގެ މައްޗަށް އެވަރުގެ އަދަދެއް ހަރަދުވާނެ ކަމަށް ވިދާޅުވެފައެވެ.

ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ރާއްޖޭގެ އެގާރަ ރިސޯޓަކުން 1158 ކޮޓަރި ހަމަޖައްސާފައިވާއިރު މިއީ 2288 އެނދުގެ ޖާގައެވެ.މަބްރޫކް ވިދާޅުވީ މި ފެސިލިޓީތަކުގައި މިހާރު 550 މީހުން އެބަތިބި ކަމަށެވެ. މިވަގުތު ކަރަންޓީން ފެސިޓީތައް ގާއިމްކޮށްފައިވަނީ ވިލިވަރު، ހުޅުލޭ އައިލެންޑް ހޮޓެލް، ވެލިދޫ އައިލެންޑް ރިޒޯޓް، ފަން އައިލެންޑް ރިޒޯޓް، މަލަހިނި ކުޑަ ބަނޑޮސް، ބިޔާދޫ އައިލެންޑް ރިޒޯޓް، ދިއްގިރި ޓޫރިސްޓް ރިޒޯޓް، ހޮލިޑޭ އައިލެންޑް ރިޒޯޓް، އެނބޫދޫ ވިލެޖް، ރޯޔަލް އައިލެންޑް ރިޒޯޓްގެ އިތުރުން ވަރު ބައި އެޓްމޮސްފިޔަރ އެވެ.

މަބްރޫކް ވިދާޅުވީ ރިސޯޓްތައް ކަރަންޓީން ފެސިލީޓީތަކަށް ބޭނުން ކުރަން ލިބުމަކީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށާ މިއީ އިގްތިސާދީގޮތުން ބެލިޔަސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެއީ އެންމެ ފަސޭހަ އަދި ތަނުގައި ތިބޭ މީހުންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން 5 މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. މިއެންމެނަކީ ވެސް ބިދޭސީންނެވެ.