ސޯޝަލް މީޑިއާގައި ޓްރެންޑުވަމުން އަންނަ "ކުއަރެންޓިއުންސް" ގައި ދިވެހި މިޔުޒިކީ ފަންނާނުން ބައިވެރިވެ، އިންސްޓަގްރާމްގައި ލައިވް ޝޯވތަކެއް ފަށައިފިއެވެ.

"ކުއަރެންޓިއުންސް" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަންނާނުން އެމީހުންގެ ފޭނުން އެކަހެރިވެ ގޭގައި ތިބޭއިރު މުނިފޫހިފިލުވައިދިނުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިނުގެ ދަށުން އިންސްޓަގްރާމް މެދުވެރިކޮށް ލައިވް ޝޯވތައް ދިނުމާއި، ފޭނުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުން ފަދަ ކަންކަން ކުރިއަށް ގެންދެއެވެ.

"ކުއަރެންޓިއުންސް" ކެމްޕެއިންގައި ރާއްޖޭގެ ފަންނާނުން ބައިވެރިވެ އިންސްޓަގްރާމް ލައިވް ޝޯވތައް މިވަނީ ފަށާފައެވެ. މިހާތަނަށް ޝޯވތައް ލައިވްކުރި ބައެއް ފަންނާނުންގެ ތެރޭގައި މީރާ މުހައްމަދު މާޖިދު، އަންދަލާ ހަލީމް، ހަސަން އިރުފާން، ޝަލަބީ އިބްރާހިމް، ޝައްމޫނު މުހައްމަދުގެ އިތުރުން ނިޝް ނާޝިދު ފަދަ ތަރިން ހިމެނެއެވެ.

އިންސްޓަގްރާމް ލައިވް ޝޯވތައް ދިން ބައެއް ފަންނާނުން

ރާއްޖޭގެ މިޔުޒިކީ ފަންނާނުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ރިޒޯޓުތަކާއި ރެސްޓޯރެންޓުތަކުގައި އަދި ހާއްސަ އިވެންޓުތަކުގައި ޝޯވތައް ދިނުމެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ގިނަ ރިޒޯޓުތަކަށް އަރައިފޭބުން ހުއްޓާލައި މީހުން އެއްވާ ހުރިހާ ހަރަކާތެއް ހުއްޓާލާފައިވާއިރު ފަންނާނުންނަށް މާލީ ގޮތުންވެސް ދަތިތަކަކާ ކުރިމަލިލާން މިވަނީ ޖެހިފައެވެ.

މިމައްސަލައަށް ޓުވިޓާގައި ބަހުސްކުރެވެމުން ދަނިކޮށް އިންސްޓަގްރާމް ލައިވް ޝޯވތައް މެދުވެރިކޮށް ޓިޕްސް ހޯދިދާނެ ކަމަށް ވިދާޅުވެ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވަނީ ހިޔާލު ފާޅުކުރައްވާފައެވެ. މިހިޔާލަށް ގިނަ ފަންނާނުން ވަނީ ތާއީދުކޮށްފައެވެ.

މީރާ

ފަންނާނުން ގެންދަނީ އެމީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ޝޯވތައް އޮންނާނެ ތާރީޚާއި ވަގުތު އިޢުލާން ކުރަމުންނެވެ.

އިއްޔެ ހަވީރު ލަވަކިޔުންތެރިޔާ މީރާގެ ޝޯވ ކުރިއަށް ގެންގޮސްފައިވާއިރު، މާދަމާވެސް ވަނީ ޝޯވއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެގޮތުން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އަންދަލާ، ނިޝް އަދި މީރާގެ ޝޯވއެއް އޮންނާނެ ކަމަށް ވަނީ އިޢުލާންކޮށްފައެވެ.