ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފުވައްމުލައް ސިޓީ ޑިސްއިންފެކްޓް ކުރުމުގެ ހަރަކާތްތަކެއް ފުވައްމުލަކު ފެނަކައިން ފަށައިފިއެވެ.

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އެބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ސަރުކާރުގެ ވުޒާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކަންތައްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން މުޅި މާލެތެެރެ ޑިސްއިންފެކްޓް ކުރުމުގެ ހަރަކާތާއެކު، ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލައް ފެނަކަ ބްރާންޗު ގުޅިގެންވެސް އަންގާރަ ދުވަހު ވަނީ އެރަށް ޑިސްއިންފެކްޓް ކުރުމުގެ ހަރަކާތްތަކެއް ފަށާފައެވެ. އެކަމުގެ މައުލޫމާތު ވީނިއުސްއާ ހިއްސާކުރައްވަމުން ފުވައްމުލަކު ފެނަކަ ބްރާންޗުގެ މެނޭޖަރު ހުސެއިން ޝާފީ އިބްރާހީމް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފުވައްމުލަކުގެ މަގުތަކާއި ބަނދަރު ސަރަހައްދާއި އަދި ކުޑަކުދިންގެ ޕާކުތަކުގެ އިތުރުން މައިޒާންތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތަކެއް ސިޓީ ކައުންސިލާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

މި މަސައްކަތަކީ އަޅުގަނޑުމެން އިސްނަގައިގެން އާންމު ރައްޔިތުން އެއްވާ ސަރަހައްދުތަކަށް ޚާއްސަކޮށްގެން ސިޓީ ކައުންސިލާ ގުޅިގެން ހިންގާ ހަރަކާތެއް. މިކަމުގެ ހުރިހާ ވަސީލަތްތަކެއް ފެނަކައިން ފޯރުކޮށްދެނީ. އަދި ފެނަކައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް މިގެންދަނީ. ސިޓީ ކައުންސިލާއި އެތަނުގެ މުވައްޒަފުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ."
ފުވައްމުލަކު ފެނަކަ ބްރާންޗުގެ މެނޭޖަރު ހުސެއިން ޝާފީ

އަންގާރަ ދުވަހު ކުރެވުނު މަސައްކަތްތައް ހިއްސާކުރައްވާ ޝާފީ ވިދާޅުވީ ބަނދަރު ސަރަހައްދުގެ އިތުރުން މަސްމާރުކޭޓާއި އެއާޕޯޓު ސަރަހައްދުގެ އިތުރުން ފުވައްމުލަކު ކުނި މެނޭޖުކުރާ ސަރަހައްދުވެސް ޑިސްއިންފެކްޓް ކުރި ކަމަށެވެ. އަދި ފުވައްމުލަކު ނައިބުތުއްތު މަގުގެ ދެބައިކުޅައެއްބައި ޑިސްއިންފެކްޓު ކުރެވިއްޖެ ކަމަށާއި ބާކީ ހުރި ސަރައްހައްދުތަކާއި ފުވައްމުލަކުގެ ބޮޑެތި މަގުތައް ޑިސްއިންފެކްޓް ކުރާނެ ކަމަށްވެސް ޝާފީ ވިދާޅުވިއެވެ.

މި ޕްރޮގްރާމު އެއްކޮށް އަޅުގަނޑުމެން ނިންމާލާނީ މުޅި ރަށުގެވެސް ރަނގަޅުފެންވަރުގައި ހެދިފައި ހުރި މަގުތަކާއި ދެން އާންމުންނަށް ޚާއްސަ ކޮށްފައި ހުންނަ ހުރިހާ ތަނެއް ޑިސްއިންފެކްޓް ކޮށްފަ. ދެން ހަމަ ވަކި ވަކި އޮފިސްތަކާއި އަދި ރިކުއެސްޓު ކުރާ ތަންތަންވެސް އަޅުގަނޑުމެން މި ޕްރޮގްރާމުގެ ދަށުން ޑިސްއިންފެކްޓް ކޮށްދޭނަން."
ފުވައްމުލަކު ފެނަކަ ބްރާންޗުގެ މެނޭޖަރު ހުސެއިން ޝާފީ

މި މަސައްކަތުގައި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިޔާ އަހުމަދު ސައީދުގެ ނަން ފާހަގަކުރައްވާ ޝާފީ ވިދާޅުވީ މި މަސައްކަތް ފެށުނީ އަހުމަދު ސައީދުގެ ޚާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި ފުވައްމުލަކު ރައްޔިތުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝާފީ ޝުކުރު އަދާކުރެއްވިއެވެ. ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ޝާފީ ވަނީ ޚާއްސަކޮށް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލުކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ބަލި ނެތް ކަމަށް ކަނޑައެޅުމުގެ ބަދަލުގައި އަމިއްލަ ސާފުތާހިރު ކަމަށް އިސްކަން ދީގެން ޑަބްލިޔުއެޗްއޯގެ އެންގުންތަކާއި މިންގަނޑުތަކަށް ތަބާވެ ސިއްހީ މާހިރުންގެ ލަފާތަކަށް ކިޔަމަންގަތުމަށް ޝާފީ ވަނީ ފުވައްމުލަކު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.