ހދ ކުޅުދުއްފުށީގައި ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒްއެވެ.

މަބްރޫކް ވިދާޅުވީ އާންމު ރޯގާއި ވިޔަސް ނުވަތަ ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތެއް ފެނުނަސް ކްލިނިކަށް ގޮސް އަވަސް ފަރުވާ ދޭ ތަންތަނުގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފްލޫ ކްލިނިކް ހުޅުވުމުގެ ޕްރްގްރާމްގެ ދަށުން ކުޅުދުއްފުށީގައި ހުޅުވި ކްލިނިކު ހުންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ކައިރީގައި ހަދާފައިވާ އައު އިމާރާތުގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކުޅުދުއްފުށީ ފްލޫ ކްލިނިކް ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން ހަވީރު ހަތަރަކަށް ކަމަށާ މެންދުރު 12 އިން އެކަކަށް ބަންދުވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް މާލެ ސަރަހައްދުގައި ހަތަރު ފްލޫ ކްލިނިކެއް ހުޅުވާލާފައިވާ ކަމަށެވެ. އެއީ މާލޭ ސެނެހިޔާގައި ހުޅުވާފައިވާ ފްލޫ ކްލިނިކާއި ސިނަމާލެ ހުސްބިމުގައި ހުޅުވާފައިވާ ޓްރެވަލް ކްލިނިކްގެ އިތުރުން ވިލިމާލޭގައި ހުޅުވާފައި ހުރި ފްލޫ ކްލިނިކް އާއި ހުޅުމާލޭގައި ބިދޭސީންނަށް ހާއްސަކޮށްގެން ހަދާފައިވާ ފްލޫ ކްލިނިކް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ފްލޫ ކްލިނިކްތަކުން ވޭތުވެދިޔަ 24 ގަޑިއިރު 242 މީހަކު ވަނީ ފަރުވާ ހޯދާފައެވެ.