ސަރުކާރުން މި ވަގުތު ރާއްޖޭގައި ކާފިއު އިއުލާންކުުރުމުގެ ވިސްނުމެއް ނެތްކަމަށް ކޮރޯނާވައިރަހާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ ކުރިއާ އަޅާބަލާއިރު މަގުތަކަށް ނުކުންނަ މީހުންގެ އަދަދު ނިސްބަތުން މަދުކަމަށާއި އެހެންކަމުން މި ހާލަތުގައި ކާފިއު އިއުލާން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ.

ކާފިއު އިއުލާނުކޮށްފިނަމަ ދިމާވެދާނެ ދަތިތައް ހުރިކަން ފާހަގަކުރައްވާ މަބްރޫކު ވިދާޅުވީ މި ދުވަސްވަރު މަގުތަކަށް ނުކުމެ، ނުވަތަ ބޭރުތެރޭގައި ނުއުޅުމަށް ސަރުކާރުން އެންގުމާއިއެކު މިވަގުތު ރާއްޖޭގެ ހާލަތުންވެސް، ދިމާވާ ދަތިތައް ރައްޔިތުންނަށް އެނގޭނެކަމަށެވެ.

މިހާރުވެސް މަގުތަކުގައި ކޮންމެވެސް ވަރަކަށް މީހުން ތިބޭކަމަށާއި، ކޮފީޝޮޕްތައް ބަންދުކޮށްފައި ހުންނާތީ ގޭގެއަށް ގްރޫޕް ހަދާފައި ދާކަން ފާހަގަކޮށް މަބްރޫކު ވިދާޅުވީ މިކަމުގެ ސަބަބުން އެންމެ އެދެވޭ ނަތީޖާ މިކަމުން ނުފެންނަކަމަށެވެ.

ރާއްޖެއުފެދިފައިވާ ގޮތުން ދަތުރުފަތުރުގެ ކަންކަން މަޑުޖައްސާލެވުމުން، ބަލި ފެތުރުން ވަރަށް ބޮޑަށް ދަށްކުރެވޭކަން ފާހަގަކޮށް މަބްރޫކު ވިދާޅުވީ ސިއްޙީ މާހިރުންގެ ލަފާތަކަށް އަމަލުނުކޮށް އުޅުމުގެ ސަބަބުން، ހަރުކަށި ފިޔަވަޅުތައް އަޅާ، ކާފިއު އިއުލާނުކޮށް މިފަދަ ކަންކަން ކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ދަތިކަމަކަށް ވާނެކަމަށެވެ.

އެހެންނަމަވެސް އެކްސްޕާޓުންގެ ޓީމުން އެކަން އެހެން ކުރުމަށް އަންގައިފިނަމަ އެފަދަ ފިޔަވަޅެއް އަޅަންވެސް ފަސްނުޖެހޭނެކަމަށް މަބްރޫކު ވިދާޅުވިއެވެ.