ތެލަސީމިއާ ކުދިންނަށް ހަފްތާއަކަށް ބޭނުން ވާ ވަރަށް ލޭ ލިބިފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން ބުނެފިއެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ ލިބުމުން ދަތިވެގެން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވިއަން ބްލަޑް ސާވިސްއިން އެދުމާއިއެކު ގިނަބަޔަކު ވަނީ ލޭ ހަދިޔާކޮށްފައެވެ.

މި ހަފްތާއަކީ ސަރުކާރު ބަންދު ހަފްތާއެއްކަމުގައި ވިޔަސް ހެނދުނު 8 އިން މެންދުރުފަހު 3 އަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެތަން ހުޅުވިފައި ހުންނާނެކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމްބީއެސް) އެސޯސިއޭޓް ސްޕެޝަލިސްޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ 3 ދުވަހަށް ބަލާއިރު ޖުމްލަ 206 މީހުން ލޭ ހަދިޔާކޮށްފައިވާއިރު ބްލަޑް ސެންޓަރަށް ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވާކަމަށް އެމްބީއެސް ވަނީ ބުނެފައެވެ.

ލޭ ބޭނުންވާ ކުދިންނަށް ލޭ އާންމުކޮށް ހޯދަނީ އެކި އެކި ކޭމްޕްތައް ބާއްވައިގެންނާއި، ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށްވާއިރު ރިސޯޓްތަކުން ބޭރަށް ދިއުން މިހާރު މަނާކޮށްފައިވާތީ އެކަން އެހެން ނުކުރެވެެއެވެ.

އެހެން ކަމުން ތެލެސީމިއާ ސެންޓަރަށް ގޮސް އާންމުން ލޭ ހަދިޔާކުރުމަށާއި އަދި ލޭ ދޭ މީހުންވެސް، އިތުރުމީހުންނަށް ލޭ ހަދިޔާކުރުމަށް ބާރު އެޅުމަށް ޑރ އުމަރު ވަނީ އެދިވަޑައިގެންފައެވެ.

ތެލެސީމިޔާ ޕޭޝަންޓުންގެ ގޮތުގައި މުޅި ރާއްޖޭގައި ޖުމްލަ 635 ތިބި އިރު މީގެ ތެރެއިން 300 އެއްހާ ކުދިން ފަރުވާ ހޯދަމުން ދަނީ މޯލްޑިވިއަން ބްލަޑް ސާރވިސްއިންނެވެ. އެކުދިންނަށް ހަފްތާއެއްގެ މައްޗަށް ގާތްގަނޑަކަށް 160 ޔުނިޓްގެ ލޭ ބޭނުންވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ބުނެއެވެ.