މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގައި ހިނގާ ގިނަ ކަންތައްތަކެއް މެދުކެނޑި ގިނަ އިދާރާތަކަކާ ކުންފުނިތަކަކަށް ވަނީ މާލީގޮތުން ގިނަ ގެއްލުންވުންތަކަކާ ކުރިމަތިލާންޖެހިފައެވެ. މިގޮތުން ކުޅިވަރު އިދާރާތަކަކާއި ކްލަބް ތަކަކަށްވެސް މިވަނީ ވަރަށް ގިނަ ގެއްްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އަދި ވައިރަސްގެ ސަބަބުން ގިނަ ފަރާތްތަކެއްގެ ފަރާތުން ވަނީ އިންސާނިއްޔަތުކަމާ އެކަކު އަނެކަކަށް އެހީތެރިވުމުގެ ސިފަ ފެނިގެން ގޮސްފިއެވެ. ފުޓުބޯޅަ އިދާރާތަކާއި ކުޅުންތެރިންގެ ފަރާތުންވެސް އެއްފަރާތް އަނެއްފަރާތައް ލުއިކޮށްދެވޭނެ ގޮތްތައް ދަނީ ހުށަހަޅަމުންނެވެ.

އެގޮތުން ވައިރަސްގެ ސަބަބުން ކުރިމަތިވާ މާލީ ގެއްލުންތަކުގެ ސަބަބުން މުސާރަ ކުޑަކުރަން ބާސެލޯނާ ކުޅުންތެރިން ތިބީ ތައްޔާރަށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ސްޕެނިޝް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މުސާރަ ކުޑަކުރުމާއި ގުޅޭގޮތުން ބާސާއިން ވަނީ އެ ކްލަބްގެ ކުޅުންތެރިންނާއި ވާހަކަދައްކައިފައެވެ. އަދި އެކަމުގައި ކުޅުންތެރިނާއި އޮފިޝަލުން ވަނީ އެއްބަސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫރަޕުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ޔޫރަޕުގެ ގިނަ ފުޓުބޯޅަ ލީގުތައް ދަނީ މެދުކަނޑާލާ ފަސްކުރަމުންނެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫރަޕާ ލީގު، އިޓާލިއަން ލީގް، ފްރާންސް ލީގް، ޖަރުމަނު ލީގު، އިނގިރޭސި ޕްރިމިއަރ ލީގު އަދި ސްޕެނިޝް ލީގުވެސް ވަނީ މެދު ކަނޑައިލައިފައެވެ. އަދި ސްޕެނިޝް ލީގު މިހާރު ވަނީ ދެވަނަ ފަހަރަށް ފަސްކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލީގު ފެށުން އަނެއްކާވެސް ފަސްކުރީ ލީގު ކުރިޔަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނާއި އެލްއެފްޕީއޭއިން އިއްތިފާގުވުމުންނެވެ. އަދި ލީގުގެ މެޗުތައް ދެން ފަށާނެ ތާރީޚެއް ކަނޑައަޅާނ ސަރުކާރުން ވަކި ގޮތެއް އެންގުމުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ދަނީ ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބެމުންނެވެ.