ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ވީހާވެސް ބޮޑަށް މުއާމަލާތައް ފޯރުކޮށްދިނުމުގައި ސީދާ ފޮރިން މިނިސްޓްރީއާއި ވާހަކަދެއްކުމަށް އެދި ފޮރިން މިނިސްޓްރީން ގިނަ އިލްތިމާސްތަކެއް ކޮށްފިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނާއި އަދި ބެލެނިވެރިންގެ އިތުރުން ޒަރޫރީ އެކި ބޭނުންތަކުގައި ތިއްބެވި ފަރާތްތަކުން އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، މިހާރުވެސް މަސައްކަތް ކުރަމުންގެންދަނީ ރާއްޖެއިން ބޭރުގައިތިބި ދިވެހިންގެ ކަންކަން ގާތުން ބެއްލެވުމަށް ކަމަށެވެ.

އެގޮތުން ކޮވިޑް-19 ފެތުރެން ފެށި ހިސާބުން ފެށިގެންވެސް ރާއްޖެއިން ބޭރުގައިތިބި ދިވެހިންނަށް އެންމެ ގާތުގައިހުރި ގައުމެއްގެ ޑިޕްލޮމެޓިކް މިޝަންގައި ނުވަތަ ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އެދިފައިވާނޭ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެފަދަ ގޮތަކަށް އެދުނީ އެ ފަރަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަވަސް ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި މިވަގުތުގައި އެއްވެސް ދިވެއްސަކު ދޫކޮށް ނުލައްވާނޭ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ ކޮންމެ ހިސާބެއްގައި ހުރި ކަމުގައިވީނަމަވެސް އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދިއްޖެ ނަމަ އެކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަން. މިކަމަކީ މިއީ މުޅި ދުނިޔެއަށް ދިމާވެގެން އުޅޭ ކަމެއް. ވަކި ސަރަހައްދަކަށް ވަކި ގައުމަކަށް ދިމޭވެގެން އުޅޭ ކަމެއްނޫން. އެހެންކަމުން އާންމު ހާލަތުގައި ކަން ހިނގާ ގޮތާއި މިހާރާ ވަރަށް ބޮޑު ތަފާތުތަކެއް ހުންނާނެ. ދަތިތައް ދިމާވާނެ. ދަތުރުފަތުރު ކުރުމުގައި އުނދަގޫތަކާ ދިމާވާނެ."
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު

ރާއްޖެއިން ބޭރުގައިތިބި ހުރިހާ ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، އަދި މިހާތަނަށް ސީރިއަސް އެއްވެސް ކޭސްއެއް ފޮރިން މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް އެކި ދިމަދިމާލުގައި ފުލައިޓު މިސްވުމުގެ ސަބަބުން ތާށިވެފައިތިބި މީހުން އެބަތިބި ކަމަށާއި އެފަރާތްތަކަށް ފޯރުކޮށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ބައެއް ގައުމުތަކުން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގެ ސަބަބުން އެ ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށާއި ނަމަވެސް މަސައްކަތް ކުރަމުންދަނީ އެފަދަ ފަރާތްތަކަށްވެސް އަނބުރާ ރާއްޖެއައުމަށް ފްލައިޓު ރޫޓިންއެއް ހޯދުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި ހެލްތު މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް ރާއްޖެއިން ބޭރުގައިތިބި މެޑިސިން ދާއިރާގެ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާތީ ރާއްޖެއިން އެންމެ ކައިރިން އެ އެހީ ލިބެންއޮތީ ނޭޕާލުން ކަމަށްވުމުން ނޭޕާލުން ޑޮކްޓަރުން މިހާރު ގެނެސްފައި ވާނޭކަމަށް މިއުވާން ވިދާޅުވިއެވެ.

ބޭރުގައި ތިބި ފަރާތްތަކުން އެގައުމަކުން ނިންމާ ނިންމުންތަކަށް ތަބާވުމަށް އެދި މިއުވާން ވިދާޅުވީ ސްރީލަންކާގެ ސަރުކާރާ ދިވެހި ސަރުކާރާ ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު މިހާރު ވަނީ ސްރިލަންކާގައި ތިބި ފަރާތްތަކަށް އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ވިސާ ހަމަވާ ފަރާތްތަކަށް އިތުރު 30 ދުވަހަށް ތިބެވޭނެ ކަމަށް ނިންމާފައި ކަމަށެވެ.

އެހެންވީމަ ވިސާގެ އެއްވެސް މައްސަލައެއް ނުނިކުންނާނެ. ވިސާގެ ކަންތަކާ ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް. ވިސާއާއި ޕޭމަންޓުތަކަށް ފައިސާ ދެއްކުމަށް އޭޕްރީލް މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހުގައި ސްރިލަންކާގެ އިމިގްރޭޝަނަށް ވަޑައިގަތުމުން ޕޭމަންޓު ދެއްކުމުގެ އިންތިޒާމުތައް ހަމަޖެހޭނެ."
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު

އެހީތެރިކަން ފޯރުކޮށްދިނުމުގައި އަދިވެސް ބައެއް ފަރާތްތަކުން ރަޖިސްޓްރީ ނުކުރުމުގެ ސަބަބުން ދަތިތަކެއް ދިމާވާކަން ތަކުރާރުކުރައްވާ މިއުވާން ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ތިބިނަމަވެސް އެންމެ ކައިރި މިޝަނެއްގައި ރަޖިސްޓްރީވުމަށް އެދިވަޑައިގެންފައެވެ.

ސޯޝަލް މީޑިއާއިން ފެންނަ ކޮންމެ ޕޯސްޓަކަށް ރިއެކްޓް ކުރުމުގެ ބަދަލުގައި އެންމެ ސައްޚަ މައުލޫމާތު ފޮރިން މިނިސްޓްރީން ހޯއްދެވުމަށްވެސް މިއުވާން ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިންނާއި ރާއްޖެއިން ބޭރުގެ ގައުމުތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަންދިނުމަށް އެދި މިއުވާން ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަނީ ބޭރުގެ ހުރިހާ ގައުމުތަކަކާއި ގާތްގުޅުން ބޭއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ކަމަށެވެ.

ރާއްޖެއައުމުގެ ކުރިން ހުރިހާ ފަރާތްތަކުންވެސް ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށާއި، އެގޮތުން ރާއްޖެ އަންނަ ފްލައިޓު ނަންބަރާއި އަދި އެހެނިހެން މައުލޫމާތުތައް ހިއްސާކުރުމަށް މިއުވާން އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެހެން ކުރަންޖެހިއްޖެ ދަތުރެއް ނޫން ދަތުރެއް ނުކުރެއްވުމަށާއި ދަތުރެއް ކުރަން ޖެހިއްޖެނަމަ ޓްރެވެލް އިންޝުއަރެންސް ޕެކޭޖެއް ނެގުމަށްވެސް އެދިވަޑައިގެންންނެވިއެވެ.