މާލޭގެ ހުޅަނގު ހާބަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ފުޑްކޯޓު ޔުނިޓުތަކުގެ ކުލި މައާފުކޮށްދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ކެފޭއާއި ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އެސްޓީއޯ ފުޑްކޯޓުގެ ވިޔަފާރިވެސް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ.

އެހެންކަމުން ފުޑްކޯޓު ޔުނިޓުތައް ހިންގާ ފަރާތްތަކަށް މިދަނޑިވަޅުގައި ލިބޭނެ ގެއްލުން ކުޑަކުރުމަށާއި އެފަރާތްތަކަށް މިދަނޑިވަޅުގައި އެއްބާރުލުން ދިނުމަށް އެސްޓީއޯގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ. މިގޮތުން ކެފޭ، ރެސްޓޯރެންޓްތައް ބަންދުކުރަން ނިންމި ނިންމުމާމެދު ސަރުކާރުން އެހެން ގޮތެއް ނިންމަންދެން ފުޑްކޯޓުގައި ހިމެނޭ ޔުނިޓުތަކުގެ ކުލި މައާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ވީމާ، ސަރުކާރުން ކެފޭ އަދި ރެސްޓޯރެންޓްތައް ބަންދުކުރުމަށް ނިންމާފައިވާ ދުވަހުން ފެށިގެން ސަރުކާރުން މިކަމުގައި އެހެން ގޮތެއް ނިންމަންދެން މިހިނގާ މުއްދަތުގައި ފުޑްކޯޓް ޔުނިޓުތަކަށް ދައްކަންޖެހޭ ކުލި އެސްޓީއޯއިން މައާފުކޮށްދިނުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
އެސްޓީއޯގެ ބަޔާން

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއާ ހަމައަށް ވެސް ފޯރައި، މިބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ތިބެގެން ކެއުންބުއިން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެތަންތަނުން ޑެލިވަރީގެ ޚިދުމަތް ދިނުމާއި ޓޭކްއަވޭ ޚިދުމަތް ހޯދުމަށް ހުރަހެއް ނެތް ކަމަށް ސަރުކާރުން ބުނެއެވެ.