"ޕެެންޑެމިކް" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮރޯނާވައިރަސްގެ ސަބަބުން އެންމެ ފަހުން ޓޯކިޔޯ އޮލިމްޕިކްސް އަންނަ އަހަރަށް ފަސްކުރަން ނިންމައިފިކަމަށް ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެއެވެ.

ގިނަ އެތްލީޓުންނާއި ގައުމުތަކުގެ އޮލިމްޕިކްސް ކޮމިޓީ ތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ މިދަނޑިވަޅުގައި އޮލިމްޕިކްސް ލަސްކުރަން ނިންމިކަން ހާމަކޮށްފައިވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ރަސްމީ ޓުއިޓާ އެކަންޓުން ކޮށްފައިވާ ޕޯސްޓް އެއްގައެވެ. އެ ޕޯސްޓްގައި ބުނެފައިވާ ގޮތުން މި ނިންމުން ނިންމީ ފޯނު މެދުވެރިކޮށް އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އޯއައިސީ)ގެ ރައީސް ތޯމަސް ބަކް އާއި ބޮޑުވަޒީރު އަބޭ ދެއްކި ވާހަކަތަކަށްފަހު މިދަނޑިވަޅުގައި އެންމެ ރަނގަޅުގޮތަކީ ގޭމްސް ފަސްކުރުން ކަމުގައި ފެންނާތީ ކަމުގައެވެ. އަދި ޓޯކިޔޯ އޮލިމްޕިކްސް ކެންސަލް ނުކުރާނެކަމަށާއި އަންނަ އަހަރުގެ ހޫނުމޫސުމުގައި ގޭމްސް ބޭއްވުމަށް ނިންމާފައިވާކަންވެސް މި ޕޯސްޓްގައި ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް އަދި ރަސްމީ ސިފައެއްގައި އޯއިއިސީ އިން މުބާރާތް ލަސްކުރިކަމެއް ނާންގައެވެ. މި ނިންމުން ނިންމާފައިވާއިރު ކެނެޑާ އަދި އޮސްޓްރޭލިއާ އިންވަނީ ކުރިން ތާވަލްކޮށްފައި އޮތް ތާރީހުގައި ގޭމްސް ބާއްވާނަމަ ގޭމްސްގައި ބައިވެރި ނުވާނެކަން ހާމަކޮށްފައެވެ.

މީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އޮލިމްޕިކްސް ގޭމްސް ތާވަލްކުރެވިފައިވާ ތާރީހަށް ނުފެށޭނެ ފުރަތަމަ ފަހަރެވެ. މިހާރުގެ އޮލިމްޕިކްސް ގޭމްސްއަކީ ގްރީސްގެ ގަދީމީ ކުޅިވަރު މުބާރާތް އަސްލަކަށް ބަލައިގެން 1894 ވަނަ އަހަރު އުފެދުނު އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ ބެލެނިވެރިކަމުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު، އެންމެ ގިނަ ގައުމުތަކަކުން ވާދަކުރާ ކުޅިވަރު މުބާރާތެވެ. މިޒަމާނުގައި ފެނިގެން މިދާގޮތަށް އެންމެ ފުރަތަމަ އޮލިމްޕިކްސް ގޭމްސް ބޭއްވުނީ 1896 ވަނަ އަހަރު ގްރީސްގެ ވެރިރަށް އެތެންސްގައެވެ.