• މެޑިކަލް ސާމާނު ހޯދުން ވަރަށް އުނދަގޫކަމެއް: ޓްރަމްޕް

ކޮވިޑް-19 ވައިރަސް މިހާރު ފެތުރެމުންދާ މިންވަރަށް ބަލާއިރު، މި ވައިރަސްގެ މައި ސެންޓަރަކަށް އެމެރިކާ ވެދާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯއިން އިންޒާރު ކޮށްފިއެވެ.

ކޮރޯނާވައިރަސް މިހާރުވަނީ އެމެރިކާގެ 50 ސްޓޭޓަށް ފެތުރިފައެވެ.

މިއަދާއި ހަމައަށް އެމެރިކާއިން 46،450 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 593 އަށް އަރާފައެވެ.

ވައިރަސް ވަރަށް ހަލުވިކަމާއެކު އެމެރިކާގައި ފެތުރެމުންދާތީ، އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ގަވަރުނަރުން މިހާރު ރައްޔިތުންނަށް އަންގާފައިވަނީ ގޭގައި ތިބުމަށެވެ.

ޑަބްލިޔޫއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް ނޫސްވެރިންގާތު ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 85 އިންސައްތަ މީހުން ނިސްބަތްވަނީ ޔޫރަޕާއި އެމެރިކާއަށް ކަމަށެވެ. 85 އިންސައްތައިގެ ތެރެއިން 40 އިންސައްތަމީހުން ރިޕޯޓްކޮށްފައިވަނީ އެމެރިކާއިން ކަމަށް ހެރިސް ވިދާޅުވިއެވެ.

ވައިރަސްގެ މައި ސެންޓަރަކަށް އެމެރިކާ ވެދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާގައި ވައިރަސް މިހާރު ފެތުރިފައިވާ ނިސްބަތާއި، ވައިރަސްޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު، ވައިރަސްގެ މައި ސެންޓަރަށް އެމެރިކާ ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ފޭސްމާސްކާއި ވެންޓިލޭޓަރާއި، އެނޫންވެސް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ސާމާނު ނުލިބުމުގެ މައްސަލަ އެމެރިކާއަށް ކުރިމަތިވެފައި ވެއެވެ. މި މައްސަލާގައި އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުން ރައީސް ޑޮނަލްޑް ޓްރަމްޕް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، ދުނިޔޭގެ މާރުކޭޓްތަކުން ސާމާނު ހޯދުމުގައި ދަތިތައް ދިމާވެފައިވާކަމަށް އިޢްތިރާފްވެވަޑައި ގެންފައެވެ. ޓްރަމްޕް ސިފަކުރެއްވީ ދުނިޔޭގެ މާރުކޭޓްތައް "މޮޔަވެފައިވާ" ކަމަށެވެ.

ޓްރަމްޕްވަނީ، ހޯމަދުވަހުގެރޭ މެންދަމު ފުލުފުލުން ޓްވީޓްތަކެއް ކުރައްވާފައެވެ. އެ ޓްވީޓްތަކުން، މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ނުރައްކަލާހެދި ދުނިޔެ ކަންބޮޑުވެ ފިކުރުބޮޑުވެފައިވާ މިންވަރު ހާމަވާކަމަށް މީޑިއާއިން ބުނެއެވެ.

ޓްރަމްޕްގެ ޓްވީޓެއްގައި، މެލޭރިޔާގެ ވެކްސިން ދީގެން ކޮރޯނާވައިރަސް ބަލިޖެހޭ މީހުން ރަނގަޅުކުރެވޭ ކަމަށް ފަރަންސޭސި ޑޮކްޓަރަކު ބުނެފައިވާ ރިޕޯޓެއްގެ ލިންކް ޝެއަރކޮށްފައިވާތީ، އެމެރިކާގެ މީޑިއާއިން ޓްރަމްޕް ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވެއެވެ. ސަބަބަކީ، މެލޭރިޔާއާ ދެކޮޅަށްދޭ ވެކްސިން ދީގެން ކޮވިޑް-19 ބަލިން ރަނގަޅުވާކަމަށް އަދި ޓެސްޓްކުރެވިފައި ނުވާތީ، ޓްރަމްޕް އެކަން ޕްރޮމޯޓްކުރެއްވުމުންނެވެ.

ކޮވިޑް-19 އަށް އަދި މިހާތަނަށް އެއްވެސްފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބައްޔަށް މިހާރު ދެމުންގެންދާ ފަރުވާއަކީ ބަލިޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކަށްދޭ ފަރުވާއެވެ.

ސައިންސްވެރިން ރެއާއި ދުވާލު ގެންދަނީ ވެކްސިނެއް އަދި ބޭހެއް ހޯދުމަށްޓަކައި ތަހްލީލުތައް ކުރަމުންނެވެ.

ފެޑެރޭޝަން އޮފް ފާމަޝޫޓިކަލް މެނުފެކްޗަރާރސް އެންޑް އެސޯސިއޭޝަންސް އިން މިދިޔަ ހަފްތާގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ވެކްސިނެއް ހޯދައި ބާޒާރަކަށް ނެރުމަށް މަދުވެގެން 12-18 މަސްދުވަސް ނަގާނެ ކަމަށެވެ. ތަހްލީލުތައް ކުރުމަށް އޮންނަ މަރްހަލާތައް ކުރުކޮށްލައިފިނަމަ އޭގެ ނުރައްކާ ބޮޑުކަމަށްވެސް ބުނެފައި ވެއެވެ.