މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކާއި، މުއްސަނދި ކުންފުނިތަކަށް ދުވަހަކުވެސް ކުރިމަތިލާންޖެހިދާނެ ކަމަށް ހީނުކުރާ އެތައް ކަމަކާ ދަނީ ކުރިމަތިލަމުންނެވެ.

މުއްސަނދި ގައުމުތަކާއި، މުއްސަނދި ގައުމުތަކުގެ ލިސްޓުގައި ނުހިމެނޭ ގައުމުތައްވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާއިރު، އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަމުން އަންނަނީ ގައުމުތަކުގެ އިގްތިސޯދަށެވެ. ގައުމުތަކުގެ އިގްތިސޯދު އެންމެ ބޮޑަށް ބިނާވެފައި އޮންނަ އެއް ސިނާއަތަކީ ފަތުރުވެރިކަމެވެ.

އެހެންނަމަވެސް މިހާރު މި ވަނީ އެ ސިނާއަތަށްވެސް ހުއްޓުމެއް އައިސްފައެވެ. ފަތުރުވެރިކަމުގެ ސިނާއަތާ އެންމެ ބޮޑަށް ގުޅިފައި އޮންނަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ ދަތުރުތަކެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް ހުއްޓުމެއް އައިސްފައިވާއިރު، ދުނިޔޭގެ އެއާލައިން އިންޑަސްޓްރީއަށް ވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ކޮވިޑް-19 އަކީ އެ ވައިރަހުގެ އަސަރު ކޮށްފަ ހުރި މީހަކާ ކޮންޓެކްޓްވާ ކޮންމެ މީހަކަށް އެ ވައިރަސްގެ އަސަރު ކުރުމަށް ކުޑަ ވަަގުތުކޮޅެއްވެސް ނުނަގާ ވައިރަސްއެކެވެ.

އެހެންކަމުން ކޮވިޑް-19 ހުންނަ މީހަކު އެހެން ގައުމަކަށް ދިއުމުގެ ސަބަބުން އެ ގައުމެއްގައި މި ވައިރަސް ފެތުރޭކަށް މާ ގިނަ އިރެއް ނުނަގައެވެ. މިހެން ވުމުގެ ސަބަބުން މާލީ ގެއްލުމާއި ކުރިމަތިވި ނަމަވެސް މި ވައިރަސް ފެތުރެމުންދާ ގައުމުތަކުން އެހެން ގައުމުތަކަށް ކުރާ ދަތުރުތައް ގިނަ ގައުމުތަކުން ވަނީ ހުއްޓާލާފައެވެ.

ދިވެހިރާއްޖޭގެ އެއާލައިން އިންޑަސްޓްރީ އަށާއި، އެހެން ގައުމުތަކުގެ އެއާލައިންތަކުން ދިވެހިރާއްޖެއަށް ކުރާ ދަތުރުތަކަށް ބަލާލި ނަމަވެސް މިފަދަ އެތައް ބަދަލުތަކެއް އަންނަމުންދާތަން މިދަނީ ފެންނަމުންނެވެ.

ރާއްޖެއަށް ދަތުރުކުރާ އެހެން ގައުމުތަކުގެ އެެއާލައިންތަކަށް ބަލާލާއިރު ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ބޭރުގެ އެތައް އެއާލައިނަކުން ރާއްޖެއަށް ދަތުރުކޮށްފައިވެއެވެ.

އޭގެ ތެރޭގައި އެމިރޭޓްސް، ޤަތަރް އެެއާވޭސް، ޓާކިޝް އެއާައިންސް، ސިންގަޕޯ އެއާލައިން، އިއްތިހާދް އެއާވޭސް، ސްރީލަންކަން އެއާލައިންސް، ބެންކޮކް އެއާވޭސް، ކެތޭ ޕެސިފިކް، އެއާ އިންޑިއާ، އޭރޯފްލޮޓް، ތައި އެއާވޭސް، ސައުދިއާ، ޗައިނާ އީސްޓާން، ޗައިނާ ސަދާން އަދި ކޮރެއަން އެއާ ސްކައި އަޕް އެއާލައިން، އެއާ ފްރާސްން، އިންޑިގޯ، ލުފްތަންސާ އެއާލައިނާއި އަދިވެސް އެކި ގައުމުތަކުގެ އެއާލައިންތައް ހިމެނެ އެވެ.

އެހެންނަމަވެސް ކޮވިޑް-19 ގައުމުތަކުގައި ފެތުރެން ފެށުމާއެކު ބޮޑެތި ބައެއް އެއާލައިންތަކުން ކުރާ ހުރިހާ ދަތުރުތަކެއްވެސް ވަނީ ހުއްޓާލާފައެވެ. އަދި ބައެއް އެއާލައިންތަކުން ބައެއް ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓާލާފައިވާއިރު، ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައްވެސް ވަނީ ހުއްޓާލާފައެވެ.

އެގޮތުން ސިންގަޕޯ އެއާލައިން، އެމިރޭޓްސް، އިއްތިހާދް އެއާލައިން، ޓާކިޝް އެއާލައިން އަދި ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ.

މީގެ އިތުރަށް ބައެއް އެއާލައިންތަކުން ގައުމުތަކަށް ކުރާ ބައެއް ދަތުރުތައް މަދުވެސް ކޮށްފައިވެއެވެ. އެގޮތުން އެއާ އިންޑިއާއިން ވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައްވެސް މިވަގުތަށް މެދުކަނޑާލާފައެވެ.

އެހެން ގައުމުތަކުގެ އިތުރަށް ރާއްޖޭގައިވެސް ކޮރޯނާވައިރަސް ފެތުރިގެން ހިނގައިދާނެ ކަމަށް ބަލައި، ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެގޮތުން މި ވައިރަސް ފެތުރެމުންދާ ގައުމުތަކުން ދިވެހިރާއްޖެއަށް މީހުން އައުން ދިވެހި ސަރުކާރުުން ވަނީ މަނާކޮށްފައެވެ. އެންމެ ފުރަތަމަ ސަރުކާރުން ނިންމީ ޗައިނާއިން އަންނަ މިހުންނަށް ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށެވެ. އެއަށްފަހު އިޓަލީގައި މި ވައިރަސް ފެތުރެން ފެށުމުގެ ސބަބުން އިޓަލީ ވިލާތުން ރާއްޖެއަށް މީހުން އައުން މަނާކުރި އެވެ. އަދި ބަންގްލަދޭޝް، އިނގިރޭސި ވިލާތް، މެލޭޝިއާ އަދި ސްރީލަންކާއިން މީހުން ރާއްޖެއަށް އެތެރެވުން މަނާކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެންވުމުގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ އަދި ބޭރު ގައުމުތަކުގެ އެއާލައިންތަކަށްވެސް ބޮޑު ގެއްކުމަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

ރާއްޖޭގެ އެއާލައިންތަކަށް ބަލާއިރު، ގައުމީ އެއާލައިން މޯލްޑިވިއަން އިންވެސް ކޮވިޑް-19 އާއި ގުޅިގެން ކުންފުންޏަށް އެތައް ގެއްލުމެއް ވި ނަމަވެސް ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ޗައިނާ އާއި، ޗެންނާއީ، އަދި ކޮޗިންއަށް މޯލްޑިވިއަންއިން ކުރަމުންދިޔަ ދަތުރުތައް އެ އެއާލައިންއިން ވަނީ މެދުކަނޑާލާފައެވެ.

މީގެ އިތުރަށް ޓްރިވެންޑްރަމްއަށް ކުރާ ދަތުރުތައް މަދުކޮށްލުމަށް މޯލްޑިވިއަންއިން ވަނީ ނިންމާފައެވެ. މޯލްޑިވިއަންގެ ޓިކެޓް އޮފީސް ތަކެއްވެސް ވަގުތީގޮތުން ބަންދުކޮށް، ބައެއް ހިދުމަތްތައް ދެމުންދާ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފަ އެވެ.

މޯލްޑިވިއަންއިން އަޅާފައިވާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން މޯލްޑިވިއަންއަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެކުންފުނިންވަނީ ބޯޑް މެންބަރުންނާއި މެނޭޖްމަންޓް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ވެސް ނިންމާފައެވެ. އެގޮތުން މުސާރައިން 20 އިންސައްތަ ކުޑަ ކުރާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

މިފަދަ އެތައް ކަމަކާ އެއާލައިން އިންޑަސްޓްރީއަށް ކުރިމަތިލާންޖެހިފައިވާއިރު، މިކަންކަމުގެ ސަބަބުން މި އިންޑަސްޓްރީގެ ކުރިމަގަށް ކުރާނީ ކޮންކޮން އަސަރެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

އިގްތިސޯދީ މާހިރެއް ކަމަށްވާ މުހައްމަދު ނަސީމް ނުވަތަ ނަފާ ނަސީމް ވިދާޅުވީ މިހާރުގެ ހާލަތު އޮތްގޮތުން އެއާލައިން އިންޑަސްޓްރީގެ ކުރިމަގު ލަފާކޮށްލުމަކީ ވެސް ދަތިކަމެއް ކަމަށެވެ.

ދުނިޔޭގެ އެއާލައިންތަކާވެސް މިހާރު މި ދިމާވެގެން އުޅެނީ ވަރަށް ބޮޑު ގޮންޖެހުމަކާ. ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ އެއާލައިންތަކެއް މިހާރު އެ ދިޔައީ ހުއްޓުމަކަށް. ކޮރޯނާ ވައިރަސްގެ ހާލަތު އެއްވެސް މީހަކަށް ނެނގޭ ކިހާ ދުވަހަކަށް ދިގުލައިގެން ހިނގައިދާނެ ކަމެއް. އެހެންވީމަ އިގްސޯދީ އެހެން ހަރަކާތްތަކެކޭވެސް އެއްގޮތަށް އެއާލައިންތަކުންވެސް އެތިބީ ހުއްޓިފަ. ދެން ވާނެ ގޮތެއްވެސް ނޭނގެ. އެތައް ބައިވަރު ބަޔަކު އޭގަ އެބަ މަސައްކަތްކުރޭ. އެތައް ބައިވަރު މުދަލެއް އުފުލަންޖެހޭ. އެއާލައިންތަކަށް ބަރޯސާވާ އެތައް ބަޔަކު އެބަތިބި. އެތައް ދަތުރުތަކެއް ކުރާ މީހުން އެބަތިބި. އެހެންވީމަ ވަރަށް އެހެންކަހަލަ ހިތްދަތި ހާލަތެއްގަ އެބޭފުޅުން އެ ތިއްބެވީ. އެއީ މިވަގުތަށް އަޅުގަނޑުމެންނަށް ދެންނެވޭނެ އެއްޗަކީ.
ނަފާ ނަސީމް

އެއާލައިން އިންޑަސްޓްރީއަށް ކުރިމަތިލާންޖެހިފައިވާ މި ދަތި ދަނޑިވަޅުގައި އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އެއަރލައިންތަކަށް 63 ބިލިއަނާއި 113 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުންވާނެ ކަމަށް ލަފާކޮށްފައެވެ.

ވައިރަސް ފެތުރޭ މިންވަރު ކުޑަނުވާނަމަ 113 ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ލަފާކޮށްފައި ވާއިރު، ކޮވިޑް-19 ފެތުރުން މަޑުޖެހި އިޤްތިޞާދީ ޙާލަތު ރަނގަޅުވާން ފެށުމުން އެއަދަދު 63 ބިލިއަން ޑޮލަރަށް ދަށްވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަދި ރާއްޖޭގެ މައްޗަށް އެހެން ގައުމުތަކުން ތަންފީޒު ކުރަމުންދާ އުސޫލުތަކުގެ ސަބަބުން ރާއްޖޭގެ އެއާލައިން އިންޑަސްޓްރީ އާއި މުޅި އޭވިއޭޝަން ދާއިރާއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އިގްތިސޯދީ މާހިރުން ލަފާކުރެއެވެ.