• އެތައް ގައުމެއްގައި ކާފިއު ހިންގައި، ލޮކްޑައުންއަށް
  • ދުނިޔޭގެ އާބާދީގެ 1.7 ބިލިއަން ރައްޔިތުން ގޭގައި ތިބުމަށް އެންގިފައި
  • ދުނިޔޭގެ އެންމެބޮޑު ކުޅިވަރު އީދު އަންނަ އަހަރަށް ފަސްކޮށްފި

މިރޭ މެންދަމުން ފެށިގެން 21 ދުވަސްވަދެން މުޅި އިންޑިއާ ލޮކްޑައުން ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިންމަވައިފިއެވެ.

މިއީ، ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެފައި ވެއެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ލޮކްޑައުންގެ މުއްދަތުގައި އާންމުން ގެއިން ބޭރަށް ނުކުމެއުޅުން މުޅީން މަނާކުރެވޭނޭ ކަމަށެވެ.

އިންޑިއާއިން ދަނީ ކާފިއުއާ އެއްގޮތް ލޮކްޑައުންއަކަށް ކަމަށާއި، އެހެން ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އެއްވެސް އަސާސީ ޚިދުމަތެއް ނުހުއްޓޭނޭ ކަމަށާއި، ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭހާއި އެނޫންވެސް ތަކެތި މެދުނުކެނޑި ލިބޭނޭ ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވެފައި ވެއެވެ.

21 ދުވަހަށް މުޅި އިންޑިއާ ލޮކްޑައުންކުރުމަށް ބޮޑުވަޒީރު މި ނިންމެވީ، މިދިޔަ އާދީއްތަދުވަހު 14 ގަޑިއިރަށް މުޅި އިންޑިއާ ލޮކްޑައުން ކުރެއްވުމަށް ފަހުގައެވެ.

އިންޑިއާއިން މިހާތަނަށް 471 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، 9 މީހުން ބަލީގައިވަނީ މަރުވެފައެވެ. ކޮވިޑް-19 އިންޑިއާގައި ފެތުރޭން ފަށައިފިނަމަ ހާލަތު ވަރަށް ގޯސްވެދާނެކަމުގެ ބިރު އުފެދިފައި ވެއެވެ.

ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވަން ނުވަތަ މަޑުޖެއްސުމަށް ދުނިޔޭގެ ގައުމުތަކުން ގެންދަނީ އާދަޔާޚިލާފް ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، ދެހަފްތާވަންދެން ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް މިސްރުން ކާފިއު އިޢްލާންކޮށްފައިވާއިރު، ސައުދީ އަރަބިއްޔާއިން އިއްޔެއިން ފެށިގެންވަނީ ރޭގަނޑަށް ކާފިއު ހިންގާފައެވެ.

ސައުދީ އަރަބިއްޔާއިން މިއަދުވަނީ ވައިރަސްގައި ފުރަތަމަ ފަހަރަށް މީހަކުވެސް މަރުވެފައެވެ. މަރުވެފައިވަނީ އަފްޣާނިސްތާނުގެ ރައްޔިތެއް ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ލޮކްޑައުންއަކަށް ދިއުމަށް ތައްޔާރުވަމުންދާއިރު، ޕޯލެންޑްގެ ރައްޔިތުން ގޭގައި ތިބުމަށް ސަރުކާރުން ވަނީ އަންގާފައެވެ. ތައިލެންޑުން މިއަދުވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފައެވެ.

މަދަމާއިން ފެށިގެން އެއްމަސްދުވަހުގެ ލޮކްޑައުންއަށް ދިއުމަށް ނިއުޒީލެންޑް ތައްޔާރުވެފައި ވާއިރު، ލޮކްޑައުންއާއެކު އެގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ ޕާލަމެންޓުން އިޢްލާންކުރާނެއެވެ.

"ކުރެވޭނެ އެންމެ އާދައިގެ ކަމަކީ ގޭގައި ތިބުން. އަހަރެމެންނަށް ފުރާނަތައް ސަލާމަތް ކުރެވޭނީ އޭރުން"
ބޮޑުވަޒީރު ޔަސިންދަ އަރްދެއިން

ކިއުބާއިން މިހާރުވަނީ އެގައުމުގެ އެއްވެސް ރައްޔިތަކު ގައުމުން ބޭރަށް ދިއުން މަނާކޮށްފައެވެ.

ހޮންގްކޮންގ ރައްޔިތުން ނޫން އެންމެނަށް ހޮންގްކޮންގެ ސަރަހައްދީ އިންތައް މާދަމާއިން ފެށިގެން ބަންދުކުރަން ހަމަޖެހިފައި ވާއިރު، ޔޫރަޕްގެ ގައުމުތަކުންވެސް ގެންދަނީ، މުޅިން އައު، އިތުރު ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ދުނިޔޭގެ އާބާދީގެ 1.7 ބިލިއަން ރައްޔިތުންނަށް މިހާރުވަނީ ގޭގައި ތިބުމަށް އެންގިފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން މުޅި ދުނިޔޭގައި ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، ޖުލައިމަހު ޖަޕާނުގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެބޮޑު ކުޅިވަރު އީދު، އޮލިމްޕިކްސް ކުޅިވަރު މުބާރާތްވެސް މިހާރުވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

ދުނިޔޭގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުމާ ކުރިމަތިލާންޖެހި، ގައުމުތަކުގެ އިގްތިސާދުތަކަށް ދަނީ ބޮޑެތި ލޮޅުންތައް އަރަމުންނެވެ. މިކަމާހެދި މުޅި ދުނިޔޭގެ އިގްތިސާދުގައިވެސް މިހާރުވަނީ ރެނދުލާފައެވެ.

ކޮވިޑް-19 ނުރައްކާތެރި ބަލި ދުނިޔޭގެ ހުރިހާ ބިތަކަށް މިހާރު ފެތުރިފައިވާއިރު، މިބަލީގައި މިހާތަނަށް 17،059 މީހުންވަނީ މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ އަދަދު 387،433 އަށްވަނީ އަރާފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 103،000 މީހުން ފަސޭހަވެފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.