ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެހިއްސަކު ހިމެނޭ ކަމަށް، އެގައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ ޔޫއޭއީގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން އަންގާރަ ދުވަހު ހާމަކޮށްފައިވަނީ އެގައުމުން އަލަށް ޕޮޒިޓިވްވި 50 ފަރާތުގެ މައުލޫމާތެވެ.

އެގޮތުން، 21 ގައުމަކަށް ނިސްބަތްވާ 21 މީހުން، 7 ގައުމަކުން ކޮންމެ ގައުމަކުން 2 މީހުން އަދި 3 ގައުމަކުން ކޮންމެ ގައުމަކުން 3 މީހުން އަދި އެއް ގައުމުގެ 6 މީހުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނޭކަމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަންއާ ހަވާލާދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އެކަކު ޕޮޒިޓިވްވެފައިވާ 21 ގައުމަކީ، ސްރީލަންކާ، އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ޔަމަން، ޓިއުނީޝިޔާ، ދެކުނު އެފްރިކާ، ބެލްޖިއަމް، ދެކުނު ކޮރެއާ، ބަލްގޭރިއާ، ފަރަންސޭސިވިލާތް، ޗެކް ރިޕަބްލިކް، އޮސްޓްރޭލިއާ، ލުބުނާން، ކެންޔާ، ދިވެހިރާއްޖެ، ސުދާން، އީރާން އަޔަރލޭންޑް، މޮރޮކޯ، ޕާކިސްތާން އަދި ސްވިޑަންއެވެ.

ދެމީހުން ޕޮޒިޓިވްވެފައިވާ ގައުމުތައް ކަމަށް ބުނެފައިވަނީ، އިޓަލީ، މިސްރު، ޔޫއޭއީ، ސްޕެއިން، ނެދަރލޭންޑްސް، އުރުދުން އަދި ފިލިޕީންސެވެ.

ތިންމީހުން ޕޮޒިޓިވްވެފައިވާ ގައުމުތަކަކީ، އެމެރިކާ، ބަނގްލަދޭޝް އަދި ފަލަސްތީނެވެ.

ދެން، ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އިންޑިއާގެ ހަމީހުންނެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން ބުނެފައިވަނީ، އަލަށް ޕޮޒިޓިވްވި އެންމެނަކީވެސް، އެގައުމުން ކުރިން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހުންނާ ކޮންޓެކްޓްވި މީހުންނާއި، ގައުމުން ބޭރުން އައި މީހުން ކަމަށެވެ.

ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ޔޫއޭއީގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާއިން ބުނެފައި ވެއެވެ.

ޔޫއޭއީން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭކަމަށް ރިޕޯޓްކޮށްފައިވާތީ، މިކަމާ ގުޅޭގޮތުން ވީނިއުސްރޫމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު އާ ގުޅާލުމުން ވިދާޅުވީ، ޔޫއޭއީ ސަރުކާރާ ގުޅައިގެން އެކަން މިހާރު ބަލަމުންދާ ކަމަށެވެ.

ޔުއޭއީން މިހާތަނަށް 248 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، 2 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ޔޫއޭއީން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 45 މީހުން ބަލިން މުޅިން ފަސޭހަވެފައިވާ ކަމަށް، ހެލްތު މިނިސްޓްރީން ބުނެއެވެ.

އަދި ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ ސިއްހީ އިރުޝާދުތަކަށް އަމަލުކުރުމަށާއި، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން އާންމު ތަންތަނަށް ނުދިއުމަށްވެސް ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން އެދިފައި ވެއެވެ.

ހަމަ އެއާއެކު، ކޮވިޑް-19 ގުޅޭ މައުލޫމާތު ރަސްމީ ފަރާތްތަކުން ހޯދުމަށާއި، ހަގީގަތްނޭނގޭ ވާހަކަތައް ނުފެތުރުމަށްވެސް އާންމު ރައްޔިތުންގެ ކިބައިން މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން އެދިފައި ވެއެވެ.

އެންމެފަހުގެ މައުލޫމާތުތައް ބުނާގޮތުން، ވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ޔޫއޭއީ މިހާރު ތައްޔާރުވަމުންދަނީ ލޮކްޑައުންއަކަށް ދިއުމަށެވެ.