ނުރައްކާތެރި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ ކަންތައް ޗައިނާގައި މަޑުޖެހެމުން ދަނިކޮށް ހަންޓާވައިރަސްގައި ޗައިނާއިން މީހަކު މަރުވެއްޖެއެވެ.

މިކަން ޗައިނާގެ ނޫސްތަކުންވަނީ ރިޕޯޓްކޮށްފައެވެ.

ޗައިނާ ސަރުކާރަށް ނިސްބަތްވާ ދަ ގްލޯބަލް ޓައިމްސްއިން ބުނެފައިވަނީ، ހަންޓާވައިރަސްގައި މީހަކު މަރުވެފައިވަނީ ޗައިނާގެ ދެކުނުހުޅަނގު ޔޫނާން ޕްރޮވިންސުން ކަމަށެވެ.

ޔޫނާން ޕްރޮވިންސްއަށް ނިސްބަތްވާ ފިރިހެނަކު މަރުވެފައިވަނީ، ޝެންޑޮންގް ޕްރޮވިންސަށް މަސައްކަތަށް އެނބުރި ދަނިކޮށް އޭނާ ދަތުރުކުރި ބަހުގެ ތެރޭގައި ކަމަށް ގްލޯބަލް ޓައިމްސްއިން ބުނެފައި ވެއެވެ.

ހަންޓާވައިރަސްއަކީ ހިކަންޖާއި މީދަލުގެ ޒަރީއާއިން އިންސާނުންގެ މެދުގައި ފެތުރޭ ވައިރަހެކެވެ. މި ވައިރަސް ފެނުނު ކަމަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ 1993 ވަނަ އަހަރު އެމެރިކާއިންނެވެ.

ހަންޓާވައިރަސްއަކީ ގައިންގަޔަށް އަރާ ވައިރަސްއެއްކަން އަދި މުޅިން ކަށަވަރުކުރެވިފައި ނުވި ނަމަވެސް، 1996 ވަނަ އާޖެންޓީނާގައި ހަންޓާވައިރަސް، އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އަރާފައިވާކަމަށް ބެލެވޭކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައި ވެއެވެ.

މިކަމާހެދި، ޗައިނާ މީހާއާއެކު ބަހުގައި ދަތުރުކުރި 32 މީހުން މިހާރު ވައިރަހަށް ޓެސްޓްކޮށްފައިވާ ކަމަށް ގްލޯބަލް ޓައިމްސްއިން ބުނެފައިވެއެވެ. ނަމަވެސް، އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

ހަންޓާވައިރަސްގައި ޗައިނާއިން މީހަކު މަރުވިކަމަށް ރިޕޯޓްކުރި މި ވަގުތަކީ ކޮރޯނާވައިރަހާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަކުރަމުންދާ ދަނޑިވަޅެވެ.

ކޮވިޑް-19 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 17،000 އަށްވުރެ ގިނަމީހުން މަރުވެފައިވާއިރު، މިވައިރަސް ދުނިޔޭގެ 177 ގައުމުން ފެނިފައި ވެއެވެ.

ކޮވިޑް-19 ގެ އަލާމާތްތަކުގެ ތެރޭގައި، ކެއްސުމާއި، ހުން އައުމާއި، ނޭވާލާން އުނދަގޫވުންފަދަ ކަންކަން ހިމެނުނު ނަމަވެސް، ހަންޓާވައިރަސް ޖެހިއްޖެނަމަ ދިމާވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ހަށިގަނޑުގެ ހަކަތަނެތި ވަރުބަލިވުމެވެ.