މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަމެއް ދަނީ ލިބެމުންނެވެ. ބައެއް ފަރާތްތަކުން އަމަލީ ގޮތުން އެހީތެރިވުމުގައި އުޅޭއިރު އަނެއްބައި ފަރާތްތަކުން މާލީގޮތުން ބޮޑެތި އެހީތެރިކަމެއް ދަނީ ލިބެމުންނެވެ.

އެގޮތުން އަމިއްލަ ގައުމު ސްޕެއިން އިން ވައިރަސް އިން ސަލާމަތް ކުރުމަށް ޓަކާ ތަޖުރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ 1 މިލިއަން ޔޫރޯގެ އެހީއެއް ވެއްޖެއެވެ.

މިވަގުތު އަމިއްލަ ރަށް ބާސެލޯނާގައި ހުރި ގާޑިއޯލާ ދަނީ އޭނާގެ ވަކީލުންނާއި އެކު މިލާރި ހޭދަކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންނެެވެ.

ސްޕެއިން އަކީ ވައިރަސްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވި އެއް ގައުމެވެ. އެގައުމުން އަންގާރަ ދުވަހުގެ ނިޔަލަށް ޖުމްލަ 2,696 މީހަކު ވައިރަސްގެ ސަބަބުން މަރުވެފައިވާއިރު ގާތްގަނޑަކަށް 40,000 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން ކަމުގައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީވެސް ވަނީ ކޮރޯނާވައިރަސްއާ ދެކޮޅަށް އެ ދެކުޅުންތެރިންގެ އަމިއްލަ ގައުމަން ކުރަމުންދާ ހަނގުރާމައަށް އެހީވުމުގެ ގޮތުން 1 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ.

މެސީވަނީ އާޖެންޓީނާގެ 2 ހޮސްޕިޓަލަކަށް އެހީ ވެފައެވެ. އަދި ރޮނާލްޑޯ އާއި އޭނާގެ އެޖެންޓް ވަނީ ޕޯޗުގަލްގެ ހޮސްޕިޓަލްތަކުގެ 3 އައިސީޔޫ އަކަށް އެހީވާން ނިންމާފައެވެ. މީގެ އިތުރުން ޖަރުމަނުގެ ހޮސްޕިޓަލް އަކަށް ރޮބާޓް ލެވަންޑޮސްކީ ވެސް ވަނީ 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

ދުނިޔެއަށް ދިމާވާ މިކަހަލަ ކޮންމެ ކަމެއްގައި ކުޅިވަރު ޝަހްސިއްޔަތުން، ޙާއްސަކޮށް ފުޓުބޯޅައިގެ އާއިލާގެ ފަރާތުން މިކަހަލަ ބޮޑެތި އެހީތެރިކަމެއް ލިބިގެންދެއެވެ.