ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ޖަރުމަނުގައިވެސް ހަލުވިކަމާއެކު ފެރުތެމުންދާތީ އެގައުމުގެ ބުންޑެސްލީގާގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކުރުމަށް ނިންމައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖަރުމަން ލީގު ހިންގަމުން ގެންދާ ޑީއެފްއެލް އަދި ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ދެމެދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަނީ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. އަދި މި ބައްދަލުވުމަށްފަހު އެ ދެ އިދާރާއިން ނިންމީ ޖަރުމަން ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކުރުމަށެވެ.

ޖަރުމަނު ލީގު ފަސްކުރުމަށް ދެވަނަ ފަހަރަށް ނިންމިއިރު ޖަރުމަނުގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ބަޔާން މިޔުނިކުން ވަނީ އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ނިންމައިފައެވެ. ބަޔާނުން ބުނީ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ނިންމީ ވައިރަސްގެ ސަބަބުން ކްލަބަށް ލިބޭނެ ގެއްލުންތަކަށް ބަލައިފައި ކަމަށެވެ.

ޖަރުމަނުގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ޔޫރަޕުގެ ބޮޑު ފަސް ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގު، އިޓާލިއަން ލީގު، ސްޕެނިޝް ލީގު، ފްރެންޗް ލީގު ހިމެނެއެވެ. މީގެ އިތުރުން ޔޫރަޕުގެ އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔުރޮޕާ ލީގުގެ މެޗުތައް ފަސްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާއިރު ޔޫރަޕުގެ ބައެއް ގައުމުތައް ޓޯޓަލް ލޮކްޑައުން އަކަށް ދިއުމަށްވެސް ވަނީ ނިންމާފައެވެ.