މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާއިން އުފަންވެގެން މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަކީ ޕެންޑަމިކް ނުވަތަ ދުނިޔެއަށް މެދުވެރިވި މުސީބާތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖައްމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. މި ބަލި ދުވަހެއް ދުވަހަކަށް ގެތުރެމުންދާއިރު މިހާރު މިބަލީގެ މިސްރާބު ދިވެހިރާއްޖެއަށް އައިސް 13 މީހަކު ޕޮޒިޓިވްވެ 5 މީހަކު ވަނީ ބަލިނ ފަސޭހަވެފައެވެ. މި ބައްޔާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ ކުއްލި ސިއްހީ ނުރައްކަލު އިއުލާން ކޮށްފައެވެ. މިއާއެކު ދަތުރުފަތުރުކުރުމާއި ރާއްޖެއިން ފުރައިގެން ދިޔުމާއި ރާއްޖެއަށް އެތެރެވުން ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި އޮފީސްތަކާއި ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ. މިބަލީގެ ހުރި ނުރައްކަލާ ގުޅިގެން މުޅި ދުނިޔެއަށް ވަނީ އިގްތިސާދީ ހީނަރުކަމަކާ ކުރިމަތިލާންޖެހިފައެވެ.

މި ބަލިން އަރައިގަނެވޭނެ ދުވަހެއް އަދި ވެކްސިނެއް ސައިންސްވެރިންނަށް އަދި މިހާތަނަށް ހޯދިފައިނުވާއިރު މި ވައިރަހަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ އަމިއްލައަށް އައިސޮލޭޓްވެގެން ގޭގައި ތިބުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މި ވައިރަސް ރާއްޖެއަށް އައި ހިސާބުން ރާއްޖެއިން މިބަލި އިތުރަށް ނުފެތުރުނަދިނުމަށްޓަކައި އެޅި ގިނަ ފިޔަވަޅުތަކެއްގެ ސަބަބުން އެކިއެކި ސިނާއަތުގައި މަސައްކަތް ކުރާ ދޭސީންނެކޭ އެއްގޮތަށް ބިދޭސީންނަށްވެސް ވަނީ މިކަމުގެ އަސަރު ފޯރާފައެވެ. ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމެކެވެ. ނަމަވެސް ދެވަނައަށް އެންމެ މަންފާ ހޯދާ މަސައްކަތެއްގެ ގޮތުގައި ވެފައިވަނީ އިމާރާތްކުރުމުގެ ސިނާއަތެވެ.

މި ސިނާއަތަށް ބަލާއިރު މި ސިނާއަތުގައި އެންމެ ގިނައިން މަސައްކަތްކުރަމުންދަނީ ބިދޭސީންނެވެ. ކޮވިޑް-19 އާއެކު ރާއްޖޭގެވެސް އިގްތިސާދަށް ނުހަނު އަސަރުތަކެއް ކުރަމުންދާއިރު މި އިންޑަސްޓްރީއަށްވެސް ވަނީ މިކަމުގެ އަސަރުކުރަންފަށާފައެވެ. ކުރާނެ މަސައްކަތްތައް މަދުވެ މަސައްކަތްތެރީން މަގުމަތިވާ ހިސާބަށް ހިނގައްޖެއެވެ. ސަރުކާރުން ލަފާދެނީ އެންމެން ގޭގައި ތިބުމަށެވެ. ނަމަވެސް މިކަމުގައިވެސް ގޮންޖެހުންތަކެއް ހުރިކަން މަގުމައްޗަށް ބަލާލުމުން ފެނިގެންދެއެވެ. ދޭސީންނަށްވުރެ ބިދޭސީން މަގުމަތިން ފެންނަވަރު ތިޔާގިވެފައިވަނީ އެ މީހުން ބުނާ ގޮތުންނަމަ ކުރާނެ މަސައްކަތެއްނެތުމުން ކޮންމެވެސް މަސައްކަތެއް ހޯދުމުގެ ބޭނުމުގައެވެ.

އެގޮތުން މަގުމަތިން ދިމާވި ބިދޭސީއަކާއި ވާހަކަދައްކާލުމުން ބުނީ ކޮވިޑް-19 ގެ އެންމެ ރަނގަޅު މައުލޫމާތުނޭގޭ ކަމަށާއި ކެއުންބުއިމުގެ ކަންތައްތައް ފުރިހަމަކުރުމަށްޓަކައި ކޮންމެވެސް މަގެއް ހޯދަންޖެހޭ ކަމަށެވެ. އަދި ހަވާލުވެ ހުރި އިސްމީހާގެ ފޯނަށް ނުގުޅޭ ވާހަކައާއި ލާރިލިބޭނެ މަސައްކަތެއް ހޯދައިދިނުމަށްވެސް އެ ބިދޭސީ މިހާ އެދުނެވެ. މާލެ އަދި ހުޅުމާލެއަށް ބަލާއިރުގައިވެސް ބިދޭސީންގެ ކަންކަން އޮތީ މިދެންނެވި ގޮތަށެވެ. ހުޅުމާލެގައި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިންވެސް މަގުމަތީގައި ނުވަތަ ހަނިހަނި ގޯޅިތަކުގައި މަޑުކޮށްގެން އެންމެން އެއްވެގެން ތިބޭ މަންޒަރަކީ އާންމުކޮށް ފެންނަ މަންޒަރުތަކެކެވެ. ކެފޭ ރެސްޓޯރަންޓުފަދަ ތަންތަން ބަންދުވި ހިސާބުން އެތަން ތަނުގައި މަސައްކަތްކުރާ ބިދޭސީންވެސް މީގެ ތެރޭގައި ހިމެނެއެވެ. ބިދޭސީންނާއި ހަވާލުވެ ތިބޭ ގިނަ ފަރާތްތަކުން އެ މީހުންގެ ބަހުން ކޮވިޑް ރޯގާގެ މައުލޫމާތު ފޯރުކޮށްދެމުން އަންނައިރު މީގެ ތެރޭގައި އެ މައުލޫމާތު އެންމެ ރަނގަޅަށް ނޭގޭ ބިދޭސީންވެސް މަދެއްނޫނެވެ.

އަމިއްލަ ސާފުތާހިރު ކަމަށްޓަކައި ދޭންޖެހޭ އިސްކަމެއްވެސް މީގެ ތެރެއިން ގިނަ މީހުންނުދޭކަން ފާހަގަވެއެވެ. ކޮވިޑް-19 އާއެކު ބިދޭސީންގެ މަސައްކަތްތައް ގެއްލި އެ މީހުން ހާވިޔާވެގެން މަގުތައްމަތީ ކޮޅުކޮޅަށް ދުއްވާ އަދި ގްރޫޕް ހަދާފައި ތަންތަނަށް ދިޔުމުގެ ޒިންމާ އެ މީހުނާއި ހަވާލުވެތިބޭ ފަރާތްތަކުން ނަގަން ޖެހެއެވެ. މިފަދަ ހައްސާސް ދަނޑިވަޅުތަކުގައި އެ މީހުންގެވެސް އަމަލުތައް ހަމަ މަގަށް އެޅުވުމުގެ ޒިންމާ ނަގަން ޖެހެއެވެ. އެ މީހުން ހިތަކަށް މަގުތަކަށް ދޫކޮށްލުމުގެ ބަދަލުގައި އެ މީހުނާއި ދޭތެރޭ އަޅާލައި އޯގާތެރިވާން ޖެހެއެވެ. ދުނިޔޭގެ ގައުމުތަކުގައި އެ ގައުމުތަކުގެ މީހުން ނޫން މީހުންވެސް އަންނަނީ އެ ގައުމަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބަމުންނެވެ. އެހެންކަމުން ރާއްޖެއިންވެސް ކޮވިޑް-19 އާއި ގުޅިގެން ނެރޭ އެކިއެކި އިރުޝާދުތަކަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންވެސް ބޯލަނބަލަން ޖެހޭނެއެވެ.

މަގުތަކަށް ކުޅު ޖަހާ މީހުންގެ ތެރޭގައި ނިސްބަތުން ބިދޭސީ މީހުންވެސް މަދެއްނޫނެވެ. އެހެންކަމުން މިވަގުތުގައި އެ މީހުނަށް ރަނގަޅު މައުލޫމާތުތައް ފޯރުކޮށްދިނުމަކީ އެންމެގެ ކޮނޑުގައި އެޅިފައިއޮތް ޒިންމާއެކެވެ. މިކަމާގުޅިގެން ރާއްޖޭގައި ފުޅާދާއިރާއެއްގައި އިމާރާތްކުރުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް މިހާރު ވާނީ އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަން އަންގާފައިވާނޭ ކަމަށެެވެ. ޚާއްސަކޮށް މިފަދަ ވަގުތެއްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުވުމަށާއި ވަކި މުއްދަތެއް ކަނޑައެޅިގެން ނިންމަންޖެހޭ މަސައްކަތްތަކެއް ކުރިކަމުގައިވީނަމަވެސް ފުރަތަމަ ކަމަކަށް ރައްކާތެރިކަމަށް އިސްކަންދިނުމަށް އަންގާފައިވާނޭ ކަމަށް ޖަނާ ވިދާޅުވިއެވެ.

އެކޮމޮޑޭޝަންތައްވެސް ޑިސްއިންފެކްޓް ކޮށް ނިދުމުގެ ކަންތަކާއި ކެއުމުގެ ކަންތަކާއި އެހުރިހާ ކަންތައްތަކެއް މޮނިޓާރ ކުރުމަށް ވާނީ އަންގާފަ. އަދި މިއަދު އޮޮންނާނެ ސާވޭއެއް ކުރުމަށް ސުވާލުތަކެއް ނެރެފަ. މިހާރު މަސައްކަތް ކުރާ ބިދޭސީންނާއި ދިވެހިންގެ އަދަދު އަންގަދޭށޭ. އަދި މިހާރު ހިންގަމުންދާ ޕްރޮޖެކްޓްތަކާއި. އެޓްލީސްޓް މަސީއަށް އޭރުން އަންޑަސްޓޭންޑް ވާނެ ސާވޭއިން އަޅުގަނޑުމެންނަށް އެނގޭނެ ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކާއި ކިހާ މުވައްޒަފުންނެއް ތިބިކަން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެނގޭތޯ މިއުޅެނީ."
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުހައްމަދު އަލީ ޖަނާހު

މުއާމަލާތްކުރުމަށްޓަކައި ވަޓްސްއަޕް އަދި ވައިބާ ގްރޫޕެއް ހަދާފައި އޮންނަކަން ފާހަގަކުރައްވާ ޖަނާ ވިދާޅުވީ މެމްބަރުންނާއި ހަމައަށް މި ގްރޫޕުތައް މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖް ފޯރުކޮށްދެވޭ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިމާރާތްކުރުމުގެ ދާއިރާދައި މަސައްކަތްކުރައްވާ ފަރާތްތަކުން މަސީގެ މެމްބާރޝިޕް ހޯއްދެވުން އެދި ޖަނާ ވިދާޅުވީ މި ސާވޭގެ ނަތީޖާ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ލިބޭ ވަރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެންމެ ފުރަތަމަވެސް ކޮވިޑް-19 ފެތުރޭންފެށި ހިސާބުންވެސް ސާކިއުލާތައްވެސް ފޮނުވަމުންދަނީ. އަދި ހުރިހާ ބަހަކުންވެސް މެމްބަރުން މެދުވެރިކޮށް ބިދޭސީ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތް ހޯދަމުންދަނީ. އަދި މަސައްކަތަށް ފޮނުވުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު ބަލި މީހުން މޮނިޓާރ ކުރުމުގެ މަސައްކަތް ކުރޭ. ހުރިހާ އެޗްއާރް މެނޭޖަރުންނަށް ވާނީ އަންގާފަ އެކި ބަހުން މެސްޖުތައް ފޯރުކޮށްދިނުމަށް. ވަރަށް ގިނަ ކުންފުނިތަކުން އެގޮތަށް އެކަން ކުރަމުންވެސް އެބަދޭ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުހައްމަދު އަލީ ޖަނާހު

ގެއިން ބޭރުގައި އުޅޭ ބިދޭސީންނަށް އިޝާރާތްކޮށް ޖަނާ ވިދާޅުވީ މަގުމަތީގައި ބިދޭސީން ގިނަވެފައިތިބެނީ މިހާތަލުގެ ސަބަބުން ކުރާނެ މަސައްކަތް މަދުވުމުން ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް މިހާރުވެސް ސަރުކާރުގައި އެދިފައިވާނޭ ކަމަށްވެސް ޖަނާ ވިދާޅުވިއެވެ.

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އަދި ބިދޭސީ މަސައްކަތްތެރީންނާއި ހަވާލުވެ ތިބި ގިނަ ފަރާތްތަކުން ބުނަނީ ބިދޭސީންނަށް ކޮވިޑާއި ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދެމުން އަންނަ ވާހަކައެވެ. ނަމަވެސް ހިތާމައަކީ ބޭރުތެރޭގައި އުޅޭ ބިދޭސީންގެ އަދަދު މަދުނުވާ ކަމެވެ. ހަވާލުވާނެ ބެލެނިވެރި ފަރާތެއްނެތް ބިދޭސީންވެސް މީގެ ތެރޭގައި ހިމެނެއެވެ.