ކޮވިޑް-19އަށް ތައްޔާރުުވުމުގެ ގޮތުން ޑްރިލްއެއް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިފަރިތަކުުރުންތައް ކުރިއަށްދާނީ މިއަދު 12:30 އިން 3:30އަށް މާލޭގެ ތިން ސަރަހައްދުކަމުގައިވާ އެދުރުވެހި، ގާކޮށި، އަދި މއ.ވިޔަނި ކަމަށެވެ.

އެމަޖެންސީ ހާލަތުގައި އަމަލުކުރާނޭ ގޮތުގެ މި ހަރަކާތް ކުރިއަށްދާއިރު މި ހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުން އެކަށީގެންވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އަދި މި ފަރިތަކުުރުންތައް ކުރިއަށްދާއިރު ގުޅުންހުރި މުއައްސަސާތަކުންދޭ އިރުޝާދާއި އެއްގޮތަށް އަމަލުކުުރުމަށްވެސް އެޗްޕީއޭއިން އެދެއެވެ.

ރާއްޖެއިންވެސް މިބަލީގެ 13 މީހުން ފެނިފައިވާއިރު، ސަރުކާރުން ގެންދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިގޮތުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު، އާންމުން އެއްވެ އުޅޭ ތަންތަން ބަންދުކުރުމާއި، ސްކޫލުތަކާއި އޮފީސްތައްވެސް ވަކި މުއްދަތަކަށް ވަނީ ބަންދުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުންވެސް ދަނީ މާލެތެރެ ސާފުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މާލޭގެ ހުރިހާ މަގުތަކެއް ކްލޮރިން ބޭނުންކޮށްގެން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ލޮކްޑައުން ހާލަތަކަށް މާލެ ހިނގައްޖެނަމަ އެފަދަ ކަމަކަށްވެސް މާލެ ސިޓީ ތައްޔާރު ކުރެވިފައިވާ ކަމަށް ސިޓީކައުންސިލުންވަނީ ބުނެފައެވެ.