މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސަކު ކޮވިޑް-19އަށް ޓެސްޓް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭއިން ކުރި ޓްވީޓޭއްގައި ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގ ހާލަތަށް ގެނެވިފައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު ދެއްވާ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ "މާހާ" ނަމަކަށް ކިޔާ ސަފާރީއަކުން ބިދޭސީއެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި "މާހާ" ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރަށް އީކުއޭޓާ ސަފާރީ އާއި އައިލެންޑް ސަފާރީވެސް އޮތީ މޮނިޓަރިންގެ ހާލަތުގައިކަމަށް މަބްރޫކް ވިދާޅުވިއެވެ. އީކުއޭޓާ ސަފާރީންވެސް ދިވެއްސެއްގެ ގައިން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓުކުރަން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ހާލަތައް ބަލާއިރު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހުސް ބިދޭސީންނެވެ. ޖުމްލަ 13 މީހުން މި ބައްޔަށް ޕޮޒިޓިވްވި އިރު 5 މީހަކު ވަނީ ރަނގަޅުވެފައެވެ.

މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 8 ފަރާތެއް ކަމަށާއި އެ އެމީހުންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.