ރޮހިންޏާ މައްސަލައާއި ގުޅިގެން ގެންބިއާގެ ފޮރިން މިނިސްޓަރު އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް ހިޒް އެކްސެލެންސީ ޑރ. މަމަޑޫ ޓަންގާރާ އަށް ގުޅުއްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ދެ ބޭފުޅުން ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުފައި، އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަންގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްޙުލްވުމަށް ނިންމަވާފައިވާ ނިންމުމަށް މިނިސްޓަރ ޝާހިދު ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން މި މައްސަލައަކީ މުހިންމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަމަށާއި، މިމައްސަލައިގައި ގެމްބިއާ އާއެކު ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިމައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދިޔުމުގައި ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯދަމުން ގެންދަވާނެކަމުގެ ޔަގީންކަން މިނިސްޓަރ ޝާހިދު ވަނީ ދެއްވާފައެވެ.

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ގެއްލެމުންދާ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއްކަމަށާއި، މިމައްސަލައަށް ރާއްޖެއިން ތަދައްޚުލުވީ އެމަސައްކަތުގައި އިތުރަށް އަމަލީގޮތުން ބައިވެރިވުމުގެ މަގްސްދުގައި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރަށް ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯ.އައި.ސީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.