• ރާނީ އެލިޒަބަތު ހުންނެވީ ހެޔޮހާލުކޮޅުގައި: ބަކިންހަމް ޕެލަސް

އިނގިރޭސި ވަލީއަހުދު އަމީރު ޗާރލްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ސްކޮޓްލޭންޑްގައި ހުންނަ އަމީރު ޗާރލްސްގެ ގެކޮޅު، ކްލަރެންސް ހައުސްއިން ނެރުނު ބަޔާނެއްގައެވެ.

އުމުރުފުޅުން 71 އަހަރުގެ އަމީރު ޗާރލްސްއަކީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ އެންމެދޮށީ ދަރިކަލުންނެވެ. އަދި ޗާރލްސްއަކީ ރާނީ އެލިޒަބަތަށްފަހު އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ވެޑުވުމަށް ހަމަޖެހިފައިވާ ފަރާތެވެ.

ބަޔާނުގައި ބުނެފައިވަނީ، ވައިރަސްގެ އަލާމާތްތައް ފެނިގެން ޓެސްޓްތައް ހެދުމުން އަމީރު ޗާރލްސް ޕޮޒިޓިވްވެފައިވާ ކަމަށާއި، ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށެވެ.

އަމީރު ޗާރލްސް ވައިރަސްއަށް ޕޮޒިޓިވްވުމާ ގުޅިގެން އަނބިކަނބަލުން ކެމީލާވެސް ޓެސްޓްކުރެވުނު ކަމަށާއި، ނަމަވެސް ކެމީލާގެ ޓެސްޓް ނެގަޓިވް ކަމަށް ކްލަރެންސް ހައުސްއިން ހާމަކޮށްފައި ވެއެވެ.

އެހެން ނަމަވެސް، ދެބޭފުޅުންވެސް މިހާރުވަނީ ގެކޮޅުގައި އެކަހެރި ކުރެވިފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ވަލީއަހުދު އަމީރު ޗާރލްސްގެ ގައިކޮޅަށް ވައިރަސްއެރީ، ވޭތުވެދިޔަ ހަފްތާތަކުގައި ބޭއްވި އާންމު އެތައް ބައްދަލުވުމުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށާއި، އެހެންނަމަވެސް ވައިރަސްއެރީ ސީދާ ކޮން ފަރާތަކާ ކޮންޓެކްޓްވެގެންކަމެއް ބުނަން ނޭނގޭކަމަށް ކްލަރެންސް ހައުސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އުމުރުފުޅުން 93 އަހަރުގެ ރާނީ އެލިޒަބަތާ އަމީރު ޗާރލްސް އެންމެފަހުން ބައްދަލު ކުރައްވާފައިވަނީ މާޗްމަހުގެ 12 ވަނަ ދުވަހު ކަމަށާއި، އެހެންކަމުން، އެއީ ޗާރލްސްގެ ގައިކޮޅަށް ވައިރަސް އެރުމުގެ ކުރިންކަމަށް ބަކިންހަމް ޕެލަސްއިން ލަފާކޮށްފައި ވެއެވެ. ޗާރލްސްގެ ގައިކޮޅަށް ވައިރަސްއަރާފައިވަނީ މާޗް 13 ގައި ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާނީގެ ހާލުކޮޅު ރަނގަޅު ކަމަށާއި، ހުންނެވީ ހެޔޮހާލުކޮޅުގައި ކަމަށެވެ.