މިއަހަރުގެ ޖުލައި މަހު ރިލީޒްކުރަން ނިންމާފައި އޮތް "މިނިއަންސް 2" ފަސްކޮށްފިއެވެ.

ޔުނިވާސަލް އަދި އެނިމޭޝަން ސްޓޫޑިއޯއިން ގެނެސްދޭ މި ފިލްމު ފަސްކުރަން ނިންމާފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުންނެވެ.

"މިނިއަންސް 2" ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. މިފިލްމު ފަސްކުރީ މުއްދަތެއް ނެތް ގޮތަށެވެ.

މިފިލްމު ޑައިރެކްޓުކޮށްފައިވަނީ ކައިލް ބަލްދާ އެވެ. މިއީ 2015 ވަނަ އަހަރު ނިކުތް "މިނިއަންސް" ގެ ސީކުއަލް އެކެވެ.

2015 ވަނަ އަހަރު ނިކުތް ފިލްމަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ.

"މިނިއަންސް" އަކީ ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމެވެ. މިނިއަންސްގެ ކެރެކްޓާތަކަށް އަޑުއަޅައިދީފައިވާ ތަރިންގެ ތެރޭގައި ޕިއެރޭ ކޮފިން، ސްޓީވް ކާރެލް، ޖޫލީ އެންޑްރިއުސްގެ އިތުރުން ރުސެލް ބްރޭންޑް ހިމެނެއެވެ.