ދުނިޔޭގައި މިހާރު އޮތް ބަލިމަޑުކަމުގެ ހާލަތާއި ގުޅިގެން ގިނަ ގައުމުތަކުގެ ސަރުކާރުތައް ބަންދުކޮށް، މީހުން ގެތަކުގައި ތިބެން ވަނީ އަންގާފައެވެ. ބައެއް ގައުމުތައް ލޮކްޑައުންކޮށް، ކާފިއު އިއުލާންކޮށްފައިވާއިރު މިއީ މިފަދަ ހާލަތަކަށް ފަހުގެ ތާރީޚެއްގައި ދުނިޔެ ދިޔަ ފުރަތަމަ ފަހަރެވެ.

ކޮންމެއަކަސް، ރާއްޖޭގައިވެސް އަންނަނީ މިކަމާ ގުޅިގެން ފިޔަވަޅުތައް އަޅަމުންނެވެ. ގެތަކުގައި ތިބެން އިލްތިމާސްކޮށްފައިވާއިރު، ބައެއް ރައްޔިތުން އެކަމަށް ވަރަށް ރަނގަޅަށް އަމަލުކުރަމުންދާކަމީ އުފަލާއިއެކު ފާހަގަކުރަންޖެހޭ ކަމެކެވެ. އަމިއްލަ ނަފްސާއި ދަރިން ފޫހިފިލުވުމަށްޓަކައި ވަރަށް ގިނަ ކަންކަން ގިނަ ބަޔަކު އަންނަނީ ކުރަމުނެނެވެ.

ބޭރު ދުނިޔޭގެ ގައުމުތަކުގައި މިކަން ފެށުނު ގޮތަށް ބަލައިލާއިރު، ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމު އިޓަލީގައި މިކަން ފެށީ ވަރަށް އާދަޔާޚިލާފު ގޮތަކަށެވެ.

މުޅި ގައުމު ލޮކްޑައުން ކޮށްފައިވާއިރު، ގެތަކުގެ ބެލްކަންޏަށް ނުކުމެ ގައުމުގެ ރައްޔިތުން ފެށީ ލަވަކިޔާށެވެ. މިކަން ވެގެން ދިޔައީ ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމައިގަތް ކަމަކަށެވެ. މަޝްހޫރު ބައެއް ލަވަތައް މިގޮތަށް ކިޔާފައިވާއިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ މިހާރު މުޅި ދުނިޔޭގައިވެސް އެންމެ މަޝްހޫރު އެއް ސީރީޒް ކަމަށްވާ "މަނީ ހައިސްޓް"ގެ ތީމް ލަވަ ކަމަށްވާ "ބެއްލާ ޗާއޯ" މިލަވައަށެވެ.

ރާއްޖޭގައިވެސް މިފަދަ ބައެއް ކަންކަން ކުރަމުންދާއިރު، މިކަންކަމަށް ބައެއް އާންމުންގެ ޚާއްސަކޮށް ޒުވާނުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ރާއްޖެއަށް ބަލައިލާއިރު، "ކަރަންޓީން ގޭމްސް" އޮތީ ދެޖިންސަކަަށް ބެހިފައެވެ. އަދި ދެޖިންސަށް އަމާޒުކޮށް ކުޅެމުންދާ ގޭމްތައް ވެސް އެބަހުއްޓެވެ.

ދެޖިންސަށް އަމާޒުކޮށް ކުޅެމުންދާ ގޭމަށް ދީފައިވާ ނަމަކީ "އިމޯޖީ ކުއިޒް"އެވެ. މި ގޭމުގައި ޖެހެނީ އެކި އިމޯޖީތައް ގުޅުވައިގެން ނުވަތަ އެއްކޮށްގެން ދީފައި ހުންނައިރު، އެދޭހަކޮށްދޭ ފިލްމުތަކާއި މީހުންގެ ނަންތައް ދިމާކުރާށެވެ. މިގޭމް ވެގެންދިޔައީ ގްރޫޕް ކޮންވަޒޭޝަންތަކުގައި ވަރަށް ހިނގަމުންދާ ގޭމަކަށެވެ.

އެންމެ ފުރަތަމަ ގްރޫޕްތަކަށް މެސެޖް އަންނަން ފެށީ މިގޮތަށް އިމޯޖީ ގުޅުވާފައި ހުންނައިރު އިނގިރޭސި ފިލްމުތައް ދިމާކުރާށެވެ. އެއަށްފަހު ދިވެހި ފިލްމު، ދިވެހި ހަރުބަސް އަދި ގައުމުގެ ސިޔާސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ މީހުންގެ ނަންތައް ދިމާކުރުމަށް ވަނީ ޗެލެންޖްކޮށްފައެވެ. މިކަން ފުރަތަމަ ފެށީ ކާކުކަން ނޭނގުނަސް، މިކަން ވީ ފޫހިވެފައި ގެތަކުތިބި ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ވަރަށް ކަމުދިޔަ ކަމަކަށެވެ.

މިދުވަސްވަރާ ދިމާކޮށް ޒުވާން ފިރިހެން ކުދިން ވެސް ވަނީ އާ ޗެލެންޖުތައް ތައާރަފްކޮށްފައެވެ. ޚާއްސަކޮށް ފުޓްބޯޅައަށް ލޯބިކުރާ މީހުން ވަނީ ކަރަންޓީނުގައި ތިބެން މިޖެހޭ މުއްދަތަކީ އެމީހުންނަށް ލިބިފައިވާ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް ލިބޭ ފުރުސަތަކަށް ހަދާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފުޓްބޯޅަ ބޭނުންކޮށްގެން ހަދާ ސްޓަންޓުތައް ދުވަސްވަރާ ގުޅުވައި، ޓިޝޫ ރޯލަކުން ވަނީ އެ ސްޓަންޓުތައް ޖައްސަން ފަށާފައެވެ. އެއަށްފަހު، ބައެއް މޭވާ ބޭނުންކޮށްގެން މި ސްޓަންޓުންތައް ވަނީ ޖައްސަން ފަށާފައެވެ. ސޯޝަލް މީޑިޔާއަށް ބަލާލާއިރު، ފުޓްބޯޅައިގެ އިތުރަށް އެހެން ކުޅިވަރުތަކާ ހަމައަށްވެސް މިކަން ވަނީ ފުޅާވާން ފަށާފައެވެ.

މިދުވަސްވަރު އަންހެން ކުދިންގެ އިންސްޓަގްރާމް ސްޓޯރީތައް ފެންނަނީ ވަރަށްވެސް އެއްކަހަލަ ގޮތަކަށެވެ. އެންމެ ގާތް އަންހެން އެކުވެރިން ޓެގުކޮށް އަންނަނީ އެކި ކަހަލަ މެސެޖުތައް ދެމުންނެވެ. އަދި ހަޔާތުގައި މިހާތަނަށް އައިއިރު ކުރެވިފައިވާ އާދަޔާޚިލާފު ކަންކަން ހިއްސާކުރަމުން އަންނައިރު އެންމެ ގަޔާވާ ބައެއް ކަންކަންވެސް އަންނަނީ ހިއްސާ ކުރަމުންނެވެ.

މިއީ ހައްތަހާވެސް ސޯޝަލް މީޑީޔާގައި ހިނގަމުން އަންނަ ހަރަކާތްތަކުގެ ވާހަކައެވެ. އެހެންނަމަވެސް، މީގެ އިތުރަށް ގެތަކުގައިވެސް އަންނަނީ ބައެއް ހަރާކަތްތަައް ކުރިއަށްގެންދަމުންނެވެ. އަންހެންވެރިންގެ ބައެއް ކަހަލަ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދާއިރު، ދަރިންގެ ހުނަރުތައް ތަރައްގީ ކުރުވުމަށްވެސް މައިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގެތަކުގައި ބަންދުވެފައި މިހާ ގިނަ ދުވަސް ތިބުމަކީ އެންމެ ފަސޭހަ ކަމަކަށް އެއްވެސް މީހަކަށް ނުވާނެއެވެ. އެހެންނަމަވެސް، ވިސްނަންވީ މިވަގުތު އަމިއްލަ މީހާއަށާއި ގާތްތިމާގެ މީހުންނަށާއި މުޅި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ބަލަންވީ ގެއިން ބޭރަށް ނުނިކުމެ، ގެތަކުގައި ތިބެގެން މުނިފޫހި ފިލުވޭނެ ގޮތްތަކެކެވެ.