ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން އިތުރު 3 މީހަކު ފަސޭހަވެއްޖެއެވެ.

މިކަން އިއުލާންކުރެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން ފަސޭހަނުވެ ތިބި 8 މީހުންގެ ތެރެއިން އިތުރު 3 މީހަކު ފަސޭހަވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި މީހުން ރަގަޅުވަމުން އައިނަމަވެސް ފަރުވާ ކުޑަކޮށްލައިގެން ނުތިބެވޭނެ ކަަމަށެވެ. ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި ރާއްޖެ އޮތްގޮތުން މިކަމުން އައިރައގަތުމަށް އެހެން ގައުމުތަކަށްވުރެ ފަސޭހަވާނެ ކަމަށާއި ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުން މިބަލި މުޅިން ފިލައިގެންނުދާނަމަ، އެއީ ކަންބޮޑުވުމެއް ކަމަށެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ކަންކުރާނެ ގޮތުގެ ޕްލޭންތައް އެބައޮތް ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ވެސް ތަޖުރިބާކާރުންގެ ޓީމުން ވަނީ އެފަދަ ޕްލޭންތައް ހައްދަވާފައި ކަމަށެވެ.

ރާއްޖޭގެ ކާވް އަޅުގަނޑުމެންނަށް އެބަހިފެހެއްޓޭ. ޓެކްނިކަލް ޓީމުގެ ލަފަޔާއެކު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މިއޮތީ ހުރިހާ ގައުމަކަށްވުރެ ބޮޑަށް ހިފެހެއްޓިފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

އައިސީޔޫ ފެސިލިޓީއާއި އައިސޮލޭޝަނަށް ބޭނުންވާ ޖާގަ އިތުރުކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާއެކު، ރާއްޖޭގެ ހާލަތު އިތުރަށް ގޯސްނުވެ ދެމެހެއްޓޭކަން ފާހަގަކުރައްވައި ރައީސް ވަނީ ޚާއްސަކޮށް ސިއްހީ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތަށް އެބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ތިން މީހަކު ފަސޭހަވިކަން ރައީސް އިއުލާންކުރެއްވުމާއެކު، އެޗުޕީއޭއިން ކުރި ޓުވީޓެއްގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވެލިދޫގައި އައިސޮލޭޓް ކޮށްފައިވާ 3 މީހަކު ފަސޭހަވެފައިވާ ކަމަށެވެ.

އެތިން މީހުން އައިސޮލޭޓްކޮށް ފަރުވާދީ ކަނޑައެޅިފައިވާ އުސޫލުން 14 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ދެފަހަރަށް ޓެސްޓް ކުރުމުން ވެސް ނެގެޓިވް ވެފައިވާ ކަމަށް އެޗުޕީއޭގެ ޓުވީޓުގައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއާ ހަމައަށް ވެސް ފޯރައި ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މިމަހުގެ 12 ވަނަ ދުވަހު ވަނީ 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ސަރުކާރު އޮފީސްތަކާއި ސްކޫލް، ކޮލެޖު/ޔުނިވަސީޓީތައް ވެސް ބަންދުކޮށް، އާންމުން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ކެނޑިނޭޅި ދަނީ އިލްތިމާސްކުރަމުންނެވެ.